Roadha Mihaaru
ކުޑަކުއްޖަކާ ބެހުނު އާއިލާ މީހަކު 57 އަހަރަށް ޖަލަށް

ކުޑަކުއްޖަކާ ބެހި އަދި ޖިންސީ މަންޒަރު ދެއްކި މީހަކު 57 އަހަރަށް ޖަލަށް

22 ޖޫން 2022

އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އަދި ޖިންސީ އަމަލުތައް އެ ކުއްޖާއަށް ދެއްކި މީހަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށް އަދި ޖިންސީ އަމަލުތައް އެ ކުއްޖާއަށް ދެއްކި މީހަކު 57 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިއީ ފަހުގެ ތާރީޚެެއްގައި އެފަދަ މައްސަލައެއްގައި ރާއްޖޭގައި އިއްވި އެންމެ ބޮޑު ޖަލު ހުކުމެކެވެ. ވ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ މީހާގެ މައްޗަށް އެހާ ބޮޑު ޖަލު ހުކުމެއް އައީ އޭނާގެ މައްޗަށް ކުރި ތިން ދައުވާއެއް ސާބިތުވުމުންނެވެ.

އެ މީހާ އަށް ދައުލަތުން ދައުވާކުރީ 2019 ވަނަ އަހަރު އެވެ. އެ މީހާގެ މައުލޫމާތު ޚަބަރުގައި އާންމުނުކުރީ އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު ހާމަވިޔަ ނުދިނުމަށެވެ.

އާއިލާގެ މެމްބަރެއްގެ ގޮތުގައި ހުރެ، އެ އާއިލާގެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވާތީ ކްރިމިނަލް ކޯޓުން އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖާ އަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ސާބިތުވުމުން އިތުރު 17 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ބަޔަކު ޖިންސީ އަމަލު ހިންގާ މަންޒަރު ކުޑަކުއްޖަކަށް ދެއްކުމުގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އިތުރު 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

މީގެ އިތުރުން ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެއް އެ މީހާގެ މައްްޗަށް ކުރިޔަސް، ކޯޓުން ނިންމީ އެ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެ މީހާގެ މައްޗަށް ޖުމުލަ 57 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ޖަލުގައި ދެން ހޭދަކުރަން ޖެހޭނީ 54 އަހަރެވެ.