Roadha Mihaaru
މިހާރު އެއީ ރެއާލް ބޭނުންވި އެމްބާޕޭއެއް ނޫން

މިހާރު އެއީ ރެއާލުން ބޭނުންވި އެމްބާޕޭއެއް ނޫން: ޕެރޭޒް

16 ޖޫން 2022

މެޑްރިޑް (ޖޫން 16) - ކިލިޔަން އެމްބާޕޭ ކުރިން ހިފެހެއްޓި އުސޫލުތައް މުޅިން ބަދަލު ވެއްޖެ ކަމަށާއި، މިހާރު އެ ހުރި އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން ބޭނުންވި އެމްބާޕޭ އެއް ނޫން ކަމަށް، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

މެޑްރިޑް (ޖޫން 16) - ކިލިޔަން އެމްބާޕޭ ކުރިން ހިފެހެއްޓި އުސޫލުތައް މުޅިން ބަދަލު ވެއްޖެ ކަމަށާއި، މިހާރު އެ ހުރި އެމްބާޕޭ އަކީ ރެއާލް މެޑްރިޑުން ބޭނުންވި އެމްބާޕޭ އެއް ނޫން ކަމަށް، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

ރެއާލުން އެމްބާޕޭ ސޮއި ކުރުވަން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ މިދިޔަ މަހު، ފަހު ކޮޅު ޕީއެސްޖީގައި މަޑު ކުރަން ނިންމައި ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ސްޕެއިންގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޕެރޭޒް ވިދާޅުވީ، އޭނާ ދަންނަ އެމްބާޕޭ އަކީ ހުވަންތަކެއް ހާސިލު ކުރުމަށް އުންމީދު ކުރި ކުޅުންތެރިޔެއް ކަމަށެވެ. އެކަމަކު މާލީ ނުފޫޒުގެ ސަބަބުން އެމްބާޕޭގެ އެ އުސޫލުތައް ބަދަލު ވެފައިވާ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ދަންނަ އެމްބޭޕޭގެ ހުވަފެނަކީ ރެއާލް މެޑްރިޑަށް ކުޅުން. އަހަރެމެން ބޭނުންވި މިިދިޔަ އަހަރު އޯގަސްޓް މަހު އެކަން ފުރިހަމަކުރަން. އެކަމަކު އެމީހުން [ޕީއެސްޖީން] އޭނާ ދާން ފުރުސަތެއް ނުދިން. އޭނާ ބުނަމުން ދިޔައީ ދާން ބޭނުންވީ ރެއާލް މެޑްރިޑަށް ކަމަށް. އަބަދު ވެސް އޭނާ ދިޔައީ އެހެން ބުނަމުން. ހުރިހާ ކަމެއް ބަދަލުވީ އެންމެ ފަހު 15 ދުވަސް ތެރޭ،" ޓީވީ ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޕެރޭޒް ވިދާޅުވި އެވެ.

"މިހާރު މީ އަހަރެމެން ގެންނަން ބޭނުންވި އެމްބާޕޭއެއް ނޫން، މިހާރު އެއީ އެހެން އެމްބާޕޭއެއް. އޭނާ ދެކެމުން އައި ހުވަފެންތައް ބަދަލު ވެފައިވާ އެމްބާޕޭއެއް. އޭނާ މުޅިން ބަދަލު ވެއްޖެ. އޭނާ އަށް އެހެން ކަންކަން ވެސް ހުށަހެޅި. އޭނާ އަށް ޕްރެޝާ ކުރިމަތި ކުރި. މިހާރު ވެސް އެއީ އެހެން ކުޅުންތެރިން ކަހަލަ ކުޅުންތެރިޔެއް. ރެއާލް މެޑްރިޑްގައި އަހަރެމެން ދަމަހައްޓާ އުސޫލަކީ ކްލަބަށް ވުރެ މަތީގައި ހުންނާނެ ހަމަ އެކަކު ނުހުންނާނެ ކަން."

ކިލިޔަން އެމްބާޕޭ: ޕެރޭޒް ވިދާޅުވީ އެމްބާޕޭގެ އުސޫލުތައް ބަދަލުވީ މާލީ ނުފޫޒުގެ ސަބަބުން ކަމަށް --- ފޮޓޯ: ޝަޓާ ސްޓޮކް

ކިލިޔަން އެމްބާޕޭ: ޕެރޭޒް ވިދާޅުވީ އެމްބާޕޭގެ އުސޫލުތައް ބަދަލުވީ މާލީ ނުފޫޒުގެ ސަބަބުން ކަމަށް --- ފޮޓޯ: ޝަޓާ ސްޓޮކް

ޕެރޭޒް ވިދާޅުވީ، އެމްބާޕޭ އަކީ މޮޅު ކުޅުންތެރިޔެއް ކަމަށެވެ. އެހެން ކުޅުންތެރިންނަށް ވުރެ ފަރުދީ ގިނަ ކާމިޔާބުތަކެއް ވެސް އޭނާ އަށް ހޯދިދާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އެކަމަކު ފުޓްބޯޅަ އަކީ ގުޅިގެން ޓީމެއްގެ ގޮތުގައި ހޯދާ ކާމިޔާބުތަކެއް، އަހަރެމެންގެ ކްލަބްގައި ހުރޭ އަހަރެމެން ބަލައި ގަނެ ގަބޫލުކުރާ އުސޫލުތަކެއް އެކަންކަން އަހަރެމެންނަށް ގުރުބާން ނުކުރެވޭނެ،" ޕެރޭޒް ވިދާޅުވި އެވެ.

ޖޫން 2025 ގެ ނިޔަލަށް، އެމްބާޕޭ ޕީއެސްޖީ އަށް ސޮއި ކުރުވީ އޭނާ އަށް މުސާރައިގެ ގޮތުގައި ހަފުތާ އަކު 789,000 ޑޮލަރު ދޭގޮތަށެވެ. އެމްބާޕޭގެ އުސޫލުތައް މިހާރު ބަދަލުވެފައި ވުމުން، އޭނާ ދެން ސޮއި ކުރުވުމަށް ރެއާލުން މަސައްކަތް ނުކުރާނެ ކަމަށް ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ގެންނަން ބޭނުންވި މި އެމްބާޕޭއެއް ނޫން. އެހެންވީމާ އަހަންނަށް ރަނގަޅީ މި އެމްބާޕޭ ޕީއެސްޖީގައި ދެމި ހުރެއްޖެއްޔާ،" ޕެރޭޒް ވިދާޅުވި އެވެ.

"އަހަރެން ދަންނަ އެމްބާޕޭ މަސައްކަތް ކުރާނީ ހަރުދަނާ އުސޫލުތަކެއްގެ މަތީގައި އޭނާގެ ހުވަފެންތައް ހާސިލު ކުރުމަށްޓަކައި. މިއީ އަހަރެންގެ އެމްބާޕޭއެއް ނޫން."