Roadha Mihaaru
ދަރިފުޅު މެރި މަންމައަށް އަދަބު ކަނޑައެޅުން ފަސްކޮށްފި

ދަރިފުޅު މަރާލި މަންމަގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފި

06 ޖޫން 2022

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ކުށް ސާބިތުވެފައިވާ އެ ކުއްޖާގެ މަންމަގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފި އެވެ.

ށ. ފުނަދޫ ދިނަށަ، އައިމިނަތު ޝާހިދާގެ މައްޗަށް މިދިޔަ މަހު ކުށް ސާބިތުވީ 2016 ވަނަ އަހަރުގެ ކުރީކޮޅު އޭނާ އަންހެން ދަރިފުޅު ނިދާފައި އޮއްވައި އެ ކުއްޖާއަށް ވަޅިން ހަމަލާދީ މަރާލިކަމުގެ ކުށެވެ.

ހަ އަހަރު ވަންދެން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށްފަހު އޭނާގެ މައްޗަށް ކުށް ސާބިތުވުމުން އޭނާގެ މައްޗަށް އަދަބު ކަނޑައަޅަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި އޮތީ މިއަދަށެވެ. އެކަމަކު މިހާރު ނިންމާފައިވަނީ އަންނަ ބުދަ ދުވަހު އަދަބު ކަނޑައެޅުމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ އަދަބު ކަނޑައެޅުން ފަސްކުރީ އިތުރު މީހެއްގެ ހެކިބަސް ނެގުމަށްޓަކައި ކަމަށެވެ.

އެ ކުއްޖާގެ ވާރިސެއްގެ ގޮތުގައި ހުރީ އެންމެ މީހެކެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ މަރަށް މަރު އަދި މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށެވެ. އެހެންވެ، ޝާހިދާގެ މައްޗަށް އަންނާނީ ޖަލު ހުކުމެކެވެ.

އެ ކުއްޖާގެ މަރަކީ 2015 ވަނަ އަހަރު ވ. ރަކީދޫގައި އަނިޔާކޮށް މަރާލި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައަށްފަހު ރާއްޖޭގައި ހިނގި އެފަދަ ދެވަނަ މަރެވެ. އިބްތިހާލްގެ މަރާ ގުޅިގެން އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.