ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނީ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ކުރިއަށް ދެއްވީ ޔަގީން ކަމެކެވެ؛
05 އެޕްރީލް 2022
ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނީ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އާ މެމްބަރުން އެއްވެސް ވާހަކައެއް ދެއްކެވުމުގެ ކުރިއަށް ދެއްވީ ޔަގީން ކަމެކެވެ؛
"އަޅުގަނޑުމެން މި ހަވާލުވީ ގާނޫނީ ވާޖިބު އަދާކުރުމަށް. މަސައްކަތް އަބަދުމެ ދަމަހައްޓާނީ ނަޒާހަތްތެރިކަމާއި ތައްސުބުން އެއްކިބާވެ، ޖެހިލުން ވުމެއް ނެތި މުޅި ދައުލަތުން ކޮރަޕްޝަން ނައްތާލުމަށް. މި ވިސްނުމުގައި މި ގޮތުގައި އަޅުގަނޑުމެން މި ތިބީ. އެ ކަށަވަރުކަން އަރުވަން. އަޅުގަނޑުމެންގެ ކުރިމަތީގައި އޮންނާނީ ގާނޫނުއަސާސީ އާއި ގަވާއިދުތަކާއި އުސޫލްތައް،" ފުރަތަމަ ޕްރެސް ކޮންފަރެންސްގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޖަވާބުދާރީވާން ޖެހޭނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް. އަޅުގަނޑުމެން އަރުވާ ޔަގީންކަމަކީ މި ކޮމިޝަން ދެމިއޮންނާނީ ތި ބޭފުޅުންގެ މަސްލަހަތުގައޭ. ދިވެހި ދައުލަތުގެ މާލިއްޔަތުގެ ހިމާޔަތުގައޭ."
ޝާމިލް ވިދާޅުވި ގޮތުގައި ކޮމިޝަންގެ މަސައްކަތްތައް ބައްޓަން ކުރާނީ އެ މަގްސަދު ހާސިލްވާ ގޮތަށެވެ.
އޭސީސީގެ އާ މެމްބަރުން އެ ޔަގީންކަން ދެއްވީ ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮމިޝަނާ މެދު އިތުރުބާރު ގެއްލިފައި އޮއްވަ އެވެ. ނުފޫޒު ވަދެ މިނިވަންކަން ގެއްލިއްޖެ ކަމުގެ ތުހުމަތު އޭސީސީ އަށް އެޅިފައި އޮއްވައި އެންމެ ފަހުން އިސްތިއުފާ ދެއްވި މެމްބަރުންނަށް އޮތީ މައްސަލަތައް ބެލުމުގެ ލަސްވެ ނަތީޖާ ނުނެރެވުނު ކަމުގެ ނުރުހުމެވެ.
އޭސީސީގައި މިހާރު ހުރި މައްސަލަތައް އާ ކޮމިޝަނުން ދެނެގަތުމަށް ފަހު، މަސައްކަތް މުޅިން އާ މިސްރާބަކަށް ގެންދިއުމުގެ ޕްލޭނެއް މިއަދު ވަނީ އާއްމުކޮށްފަ އެވެ. ކުރު ރާސްތާގެ އެ ޕްލޭންގައި ކަމާ ގުޅޭ އިދާރާތަކާ އެކު ވެސް ގުޅިގެން މަސައްކަތްކޮށް ހައްލުތަކެއް ހޯދާނެ ކަމަށް އޭސީސީގެ ރައީސް ވިދާޅުވި އެވެ.
އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގައި ވަޒީރުންނާއި ނައިބު ވަޒީރުން ވެސް ހިމެނިވަޑައިގަންނަވާނެ. ކުންފުނިތަކުގެ ވެރިންގެ މައްސަލަ ވެސް ހުށަހެޅޭނެ. އޭސީސީ އަބަދުމެ ހިންގާނީ ގާނޫނީ ވެރިކަން ނެގެހެއްޓޭ ގޮތަށް.
ހަ ދާއިރާއަކަށް އެކުލަވާލާފައިވާ އެ ޕްލޭންގައި ތަހުގީގު ހަރުދަނާ ކުރުމާއި މުވައްޒަފުންގެ ކަންބޮޑުވުން ދެނެގަނެ ފަންނުވެރިކަން އިތުރުކޮށް މަސައްކަތް ޑިޖިޓަލައިޒްކޮށް ކޮރަޕްޝަން ހުއްޓުވުން ހިމެނެ އެވެ.
އޭސީސީގެ އާ މެމްބަރުން ހަވާލުވިއިރު، ޒަމާން ވެފައި ހުރި މައްސަލަތަކުން ބޮޑު ބެކްލޮގެއް އެބަ އޮތެވެ.
މެމްބަރު ތޯހާ ވިދާޅުވި ގޮތުގައި ކޮމިޝަންގެ ދައުރު ފެށުނުއިރު 1،673 މައްސަލަ އޮތް އިރު އޭގެ ތެރޭގައި އިވެލުއޭޝަން މަރުހަލާގައި 549 މައްސަލަ އަދި ތަހުގީގު މަރުހަލާގައި 1،130 މައްސަލަ އޮތެވެ.
ކޮމިޝަންގެ ދައުރު ފެށުނު ފަހުން ހިނގި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 25 މައްސަލައެއް އަލަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 18 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ.
"މި ވަގުތު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 1681،" ޝާމިލް ވިދާޅުވި އެވެ.
ކޮމިޝަނުގެ ބެކްލޮގާ ގުޅޭ ގޮތުން މެމްބަރު ތޯހާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
އާ މެމްބަރުންގެ ވިސްނުމުގައި ހުރީ މައްސަލަތައް ރަޖިސްޓްރޭޝަންގެ މަރުހަލާ އަވަސްކުރުމެވެ. މިހާރު އޮންނަނީ ކޮމިޝަންގެ ފަސް މެމްބަރުންގެ ބައްދަލުވުމަކުން މައްސަލަތަކާ މެދު ގޮތެއް ނިންމާ ގޮތަށެވެ. އެކަމަކު މިކަން ބަދަލުކޮށް، މައްސަލަ ރަޖިސްޓްރީ ކުރުމުގެ ބާރު ރަޖިސްޓްރާ އަށް ދޭން ކޮމިޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެމްބަރުން އެ މައްސަލައެއް ރަޖިސްޓްރީ ކުރުމާ މެދު ގޮތެއް ނިންމާނީ އަލުން ބަލައި ދިނުމަށް އެދި ހުށަހަޅައިފި ނަމަ އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ރައްޔިތުންގެ މަސްލަހަތު ބޮޑު މައްސަލަތައް އަވަހަށް ނިންމުމުގައި އިސްކަންދޭނެ ކަމަށެވެ. ކުރިން ވެސް މައްސަލަތައް ބެލުމުގައި އިސްކަންދޭނެ އުސޫލެއް އޮތް ކަމަށާއި އެ އިސްލާހުކޮށް އަމަލުކުރަން ފެށުމުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ބޮޑެތި އަދަދުތަކުގެ ފަހަތުން ދާން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމް އާއި މެމްބަރު ޝިޔާމާ ޕްރެސް ކޮންފަރެންސްގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު
ކޮމިޝަންގެ ރައީސް ޝާމިލް ވިދާޅުވީ ކޮމިޝަނުން މައްސަލަތައް ބެލުމުގައި އިސްކަންދެމުން އަންނަ އުސޫލް ކުރިއަށް އޮތް ތަނުގައި އާއްމުކުރާނެ ކަަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫނަސް ރައްޔިތުންގެ މަސްލަހަތު ބޮޑު މައްސަލަތައް އެބަހުރި ކަމަށް ވިދާޅުވި އެވެ.
ކޮމިޝަނުގެ ތަހުގީގައި ހިންގުމުގައި ވެސް ގެންގުޅޭނީ ދެފުށްފެންނަ، ނަޒާހަތްތެރި ނިޒާމެއް ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
"މާދަމާ އަޅުގަނޑުމެން މިތަނުގައި ނުތިބެދާނެ. އެކަމަކު މިތަން ރަނގަޅު ގޮތަށް ބައްޓަން ކުރެވިއްޖިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ،" އަބްދުއްސަލާމް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރު ޝިޔާމާ މުހައްމަދު ވިދާޅުވީ މައްސަލަތައް ތަހުގީގު ކުރުމުގައި އެސެޓް ރިކަވާ ކުރެވޭނެ ގޮތްތަކެއް އޮތްތޯ ބެލުމަށް އިސްކަންދޭނެ ކަމަށެވެ. އެއާއެކު ކޮރަޕްޝަނަށް ހޭލުންތެރިކޮށް، އޭސީސީން ބެލުމުގެ އިހްތިސޯސް އޮންނަ މައްސަލަތަކާއި އެ ނޫން މައްސަލަތަކުގެ މައުލޫމާތު ވެސް އޮޅުންފިލުވައިދޭނެ ކަމަށް ވިދާޅުވި އެވެ.
އޭސީސީގެ މެމްބަރުންގެ ވާހަކަތަކުގައި ސާފުކޮށްދެއްވީ މައްސަލަތައް އަވަސްކުރުމުގެ ނިޔަތް އޮތް ކަމެވެ. ކޮރަޕްޝަން ހިންގުމުން އެ މައްސަލަ ބަލަން އޮންނަ ގޮތަށް ކުށެއް ކުރުމުގެ ކުރިން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން ވެސް އިސްކަން ދެއްވާނެ ކަަމަށް މެމްބަރުން ވިދާޅުވި އެވެ.
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
އެސެޓްރިކަވާ ކުރާނެ މަގެއް ދެނެގަނެވިއްޖެ: އޭސީސީ
އެމްއެމްޕީއާރުސީ ތަހުގީގު: އަމާޒަކީ ނަތީޖާ އަވަސްކުރުން
ނިޒާމެއް ނެތިގެން ގިނަ އަދަދެއްގެ ފައިސާ ނުހޯދިފައި!
އާ ކޮމިޝަނުގެ އަމާޒަކަށް ބޮޑު ހިޔާނާތުގެ ފައިސާ ހޯދުން
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
ޔޫތު މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްފި
އަކްރަމް، އެމްޑީޕީގެ ނިންމުން މުރާޖައާ ކުރަން އެދިއްޖެ
މަހުލޫފުގެ މައްސަލައިގެ ލިޔުންތައް އަދިވެސް ހޯދަނީ
"އަޅުގަނޑަކީ ޝިއުނާ ކުޅެން ގެންގުޅޭ ބޯޅައެއް ނޫން"