Roadha Mihaaru
ގައްސާނާއި ސައީދު ހައްޔަރުކުރި މައްސަލަ މަޖިލީހަށް

ގައްސާނާއި ސައީދު ހައްޔަރުކުރި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

27 މާޗް 2022

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރު ކުރި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ސޮއި ކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ވަރަށް އަނިޔާވެރި ގޮތަކަށް ސައީދާއި ގައްސާން ހައްޔަރުކުރުމަށް ފަހު ދެ އަތުގައި ބިޑިއަޅުވައި، 24 ގަޑިއިރަށް ވުރެ ގިނަ އިރުވަންދެން ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓި ކަމަށެވެ.

މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫނިދޫއަށް ގެންދިޔައީ ރޭގަނޑު އެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ނުކޮށް މީހަކު ކުށެއްގެ ތުހުމަތުގައި އެންމެ ގިނައިރު ބެހެއްޓޭނީ 24 ގަޑިއިރު ކަމަށް ވާތީ އިއްޔެ ހަވީރު އެންމެން ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ މަޖިލިސް މެމްބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރު ކުރަން ބޭނުންވެއްޖެ ނަމަ އެކަން ކުރަން ޖެހޭނީ ސުޕީރިއާ ކޯޓުގެ އަމުރަކަށެވެ.

ޕީއެންސީގެ ޑެޕިއުޓީ ލީޑަރު ސައީދާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު ގައްސާން ހައްޔަރުކުރީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމުގެ ކުށުގައި ކަމަށް އެ ދެ ބޭފުޅުންގެ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައިވެ އެވެ. އަދި މި ދެ ބޭފުޅުން ވެސް ބަންދުން ދޫކޮށްލީ ޝަރުތުތަކާ އެކު އިއްޔެ ހަވީރު 4:53 ގައި ކަމަށް އަމުރުގައިވެ އެވެ. އަދި ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައިވެ އެވެ.

މެމްބަރަކު ބަންދުކުރި ކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިބިއްޖެ ނަމަ ވީއެންމެ އަވަހަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އެއް ކުރަން ޖެހޭނެ ކަމަށް ވެސް އިމްތިޔާޒްތަކާ ބެހޭ ގާނޫނުގައި ބުނެފައިވެ އެވެ. ސަލީމް ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ އިމްތިޔާޒްތަކާ ބެހޭ ގާނޫނާއި މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށާއި އެހެންވެ ކަމާބެހޭ ކޮމިޓީން ބެލުމަށް ހުށަހަޅުއްވާ ކަމަށެވެ.

"ނޭވާހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކޮށްފައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުންނެވެ. އެ މުޒާހަރާ އިން ގައްސާނާއި ސައީދާ އެކު 17 މީހަކު ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ބަންދުގެ މުއްދަތު އިތުރު ކޮށްފައި ވަނީ އަށް މީހެއްގެ އެވެ.