Roadha Mihaaru

ކުރެންދޫ ކައުންސިލްގެ ރައީސްކަން ޕީޕީއެމްގެ ކެންްޑިޑޭޓަށް

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޅ. ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް މިއަދު ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީގެ ބާރު އޮތް ކުރެންދޫގެ ގޮނޑި ޕީޕީއެމަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

26 މާޗް 2022

އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ޅ. ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އިސްމާއީލް މަދީހް މިއަދު ކާމިޔާބު ކުރައްވައިފި އެވެ.

މި ދައުރުގައި ކުރެންދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެއްވީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ކަމަށް ވިޔަސް އެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އެ ޕާޓީގެ މެމްބަރު އިބްރާހިމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދު ބޭއްވި ބައި އިލެކްޝަން އިދިކޮޅު ކެންޑިޑޭޓް މަދީހް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމް ބަލިކުރެއްވުމަށް ފަހު އެވެ.

މަދީހު 614 ވޯޓު ހޯއްދެވިއިރު، އަލީ ނަސީމަށް ކާމިޔާބު ކުރެއްވުނީ 564 ވޯޓެވެ.

މަދީހަކީ ކުރެންދޫ ކައުންސިލްގެ މިދިޔަ ދައުރާއި އޭގެ ކުރީ ދައުރުގައި ވެސް ކައުންސިލްގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމުން އިންތިހާބު ކާމިޔާބުކުރިއިރު، އެ އިންތިހާބުގެ ކެމްޕޭނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކުރެންދު އަށް ވަޑައިގެން ނަސީމަށް ތާއީދު ހޯއްދެވުމުގެ މަސައްކަތް ކުރެއްވި އެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓުގެ ކެމްޕޭނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އެރަށަށް ވަޑައިގަތެވެ.

ކުރެންދޫ ކައުންސިލްގެ ބައި އިލެކްޝަން ގާތްވެފައިވަނިކޮށް، އެ ރަށުގައި ދެ މަޝްރޫއެއް ފަށައި އިތުރު މަޝްރޫއެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ހުޅުވައިލުމުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ.