Roadha Mihaaru
"ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ، އިސްތިއުފާ ދެއްވާ"

ރިޔާސީ ބަޔާނަށް އިދިކޮޅުގެ ރައްދު: އިތުބާރު ގެއްލިއްޖެ، އިސްތިއުފާ ދެއްވާ

09 މާޗް 2022

މި ސަރުކާރަށް އެއްވެސް ކަމެއްގައި ނަތީޖާ ނުނެރެވި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީން ދެއްވާ ޖަވާބުގައި ގޮވާލައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި ސަރުކާރަށް އެއްވެސް ކަމެއްގައި ނަތީޖާ ނުނެރެވި ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީން ދެއްވާ ޖަވާބުގައި ގޮވާލައިފި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ރައިސުލްޖުމްހޫރިއްޔާ އިއްވާ ރިޔާސީ ބަޔާނަށް ސަރުކާރާ އިދިކޮޅު ޕާޓީން ޖަވާބު ދޭން ޖެހެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ވިދާޅުވީ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު ބަޔާން ކޮށްދީ އިތުރަށް ރަނގަޅު ކުރަން ކުރާ މަސައްކަތްތައް ރައީސް ވިދާޅުވާން ޖެހޭ ކަމަށާއި ނަމަވެސް މި އަހަރުގެ ރިޔާސީ ބަޔާނުގައި ގައުމުގެ ހާލަތު އެކަށީގެންވާ ވަރަށް އެމަނިކުފާނު ބަޔާން ނުކޮށްދެއްވާ ކަމަށެވެ.

އެމަނިކުފާނު ދެއްކެވީ ނަތީޖާ ނުނެރެވޭ، ރޭވުންތެރިކަމެއް އަދި އަމާޒެއް ނެތް ވާހަކަތަކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރިޔާސީ ބަޔާނެއްގެ ނަމުގައި 2022 ވަނަ އަހަރު ރައިސުލްޖުމްހޫރިއްޔާ އިއްވެވީ ސިޔާސީ ބަޔާނެއް، ދުރުރާސްތާ އަމާޒެއް ނެތި ދެއްކެވި ހުސް ވާހަކަތަކެއް، ހިޔާލީ ވާހަކަތަކެއް، މިއީ ޒިންމާދާރުކަން ކުޑަ ކަމެއް،" ސަލީމް ވިދާޅުވި އެވެ.

އިސްލާމް ދީނަށް ފުރައްސާ ކުރާ މީހުން މުޖުތަމައު ތެރެއަށް ދޫކޮށްލާފައި ބެހެއްޓުމާއި ދީނުގެ ހުރުމަތް ކެނޑޭފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ރިޔާސީ ބަޔާނުގައި، އެމްޑީއެން އާއި އުތެމަ ޖަމިއްޔާ އިން ދީނަށް ފަރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅޭ މައްސަލަ ރައީސް ކުށްވެރިކޮށްފައި ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

ސަރުކާރުން ކޯޓުތަކަށް ބިރު ދައްކައި އަދުލު އިންސާފުގެ ދާއިރާ ސަރުކާރުގެ ވެރިންގެ މުށުތެރެއަށް ލާފައިވާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ވެސް ނުފޫޒު ފޯރުވައި ވާދަވެރި ފަރާތްތައް ޖަލަށްލުން ފަދަ ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތައް ހިންގަމުން އަންނަ ކަމަށް ސަލީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ގިނަ ބައިވެރިން ތިބީ ސަރުކާރުގެ އިސް މަގާމްތަކުގައި ކަމަށާއި ސަރުކާރުން އެމްއެމްޕީއާރްސީގެ މައްސަލަ ބޭނުން ކުރަނީ ސިޔާސީ މީހުންނަށް ބިރު ދެއްކުމުގެ ގޮތުން ކަމަށް ސަލީމް ވިދާޅުވި އެވެ. އެ މައްސަލަ ސިޔާސީ ނުކޮށް އިންސާފުވެރިކަމާ އެކު ބަލައި ޝަރީއަތަށް ފޮނުވަން ޖެހޭ މައްސަލަތައް ފޮނުވުމަށް ސަލީމް ގޮވާލެއްވި އެވެ.

ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫއުގެ އެއްބަސްވުން ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް ބުނެ ސަލީމް ވަނީ އެކަން ވެސް ކުށްވެރި ކުރައްވައިފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ބޮލުގައި އެޅުވެނީ ކޮން ކަމެއްކަން ސަރުކާރުން ސާފު ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަންކަން ސަރުކާރުން ސިއްރުކުރި ވަރަކަށް ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު އިތުބާރު ގެއްލި ސަރުކާރުގެ މަކަރުވެރިކަމާއި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ދޯހަޅިކަމާމެދު ކަންބޮޑުވާ މިންވަރު އިތުރުވަމުންދޭ،" ސަލީމް ވިދާޅުވި އެވެ.

އިންޑިޔާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ފާޅު ކުރަމުން އަންނަ ކަންބޮޑުވުންތައް ވެސް ސަލީމް ފާހަގަކުރެއްވި އެވެ. އިންޑިޔާ ސަރުކާރާ އެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާ އެކު އެކި ނަން ނަމުގައި އިންޑިޔާ ސިފައިން މި ގައުމުގައި ތިބެގެން ޖާސޫސް ކުރުމަށް ބޭނުން ކުރާ ހަބަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ސަލީމް ވިދާޅުވި އެވެ.

މި ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ރައްޔިތުން ވަނީ މާޔޫސްވެފައި --- މައިނޯރިޓީ ލީޑަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔާމީން ވެރިކަމުގައި ކުރި މަސައްކަތް ފިޔަވައި އިތުރު ކަމެއް މިދިޔަ ތިން އަހަރުގެ ތެރޭ ކޮށްފައި ނެތުމަކީ ސަރުކާރުގެ ނާގާބިލްކަން ހާމަވާ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި ޔާމީންގެ ވެރިކަމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލް އެޅުމުން އެތަންތަން ވީރާނާވާން ދޫކޮށްލުމަކީ ރައްޔިތުންނަށް ބޮޑެތި ގެއްލުންވާ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"މި ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ވަނީ ގެއްލިފައި. ރައްޔިތުން ވަނީ މާޔޫސްވެފައި. ކޮރަޕްޝަނަށް ޒީރޯ ޓޮލަރަންސް ކަމަށް ވިދާޅުވެ މުޅި ދައުލަތް ކޮރަޕްޝަންގެ ބޮޑު ހާއްޔަކަށް ވަނީ ވެފައި. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހުން ދުވަހެއް ދަށްވަމުން. ވައުދުވި ތަނަވަސްކަމެއް ރައްޔިތުންގެ ޖީބަށް ނުވަދެ އިތުރަށް ކުރިމަތިވަނީ ނިކަމެތިކަމާއި ހާއްސަކަން،" ސަލީމް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނަށް ދޭ ރައްދު ސަލީމް ނިންމާލެއްވީ ދީނާއި ރާއްޖޭގެ މިނިވަންކަން ރައްކާތެރި ކުރުމަށް އަދި ހުރިހާ ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ އަށް ގޮވާލަމުންނެވެ.