Roadha Mihaaru
ޓެކްސީގެ އަގުތައް ބުނެދީ، ފުލުހުންގެ "އިންޒާރެއް"

ޓެކްސީތަކަށް ނެގޭނެ އަގުތައް ބުނެ، ފުލުހުންގެ "އިންޒާރެއް"

07 މާޗް 2022

ޓެކްސީގެ ހިދުމަތުން ނެގޭ އަގުތައް އާންމުކޮށް، އެ އަގަށް ވުރެ ބޮޑުކޮށް އެ ހިދުމަތް ދޭ ނަމަ ފިޔަވަޅު އަަޅާނެ ކަމުގެ އިންޒާރު ފުލުހުން ވެސް ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓެކްސީގެ ހިދުމަތުން ނެގޭ އަގުތައް އާންމުކޮށް، އެ އަގަށް ވުރެ ބޮޑުކޮށް އެ ހިދުމަތް ދޭ ނަމަ ފިޔަވަޅު އަަޅާނެ ކަމުގެ އިންޒާރު ފުލުހުން ވެސް ދީފި އެވެ.

ފުލުހުންގެ "ރޯޑް ޕޮލިސް" ގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި، ޓެކްސީގެ ހިދުމަތުން ނެގޭނެ އަގުތައް ހިމަނައި ބުނެފައި ވަނީ އެ އަގުތަކުގެ އިތުރަށް އަގެއް ނުނެގޭނެ ކަމަށާއި ޓެކްސީގެ ޑިކީ އަށް ނުވަތަ ޓެކްސީގެ ތެރެއަށް އަރުވާ ދާގީނާއަކަށް އިތުރު އަގެއް ވެސް ނުނެގޭނެ ކަމަށާއި ކަނޑައަޅާފައިވާ އަގުތަކަށް ވުރެ އިތުރަށް އެއްވެސް އަގެއް ނަގައިފި ނަމަ އެކަން އަންގަން އެދޭ ކަމަށެވެ.

"މި އަގަށް ވުރެ އިތުރަށް އަގު ނަގާކަމުގައިވާ ނަމަ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ އެވެ،" އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓްގައި ހުރި އަގުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ޓެކްސީގެ ހިދުމަތް ދެވޭނެ ކަމަށް ކަނޑައާޅަފައިވާ އަގުތަކެވެ.

އެ އަގުތަކަށް ވުރެ އިތުރަށް ޓެކްސީތަކުން ފައިސާ ނަގާ ނަމަ ޓަރާންސްޕޯޓް މިނިސްޓްރީ އަށް ރިޕޯޓްކުރަން ފުލުހުން ވަނީ އެދިފަ އެވެ.

ފުލުހުންގެ އެ އިންޒާރު އައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިއުމާ ގުޅިގެން ޓެކްސީތަކުން ނަގާ އަގު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބޮޑުކުރާނެ ކަމަށް ޓެކްސީ ސެންޓަރުތަކުން ބުނެފައިވަނިކޮށެވެ.

މާލެ އަދި ހުޅުމާލެ އެތެރޭގައި ޓެކްސީ ދަތުރެއް މީގެ ކުރިން 25ރ. އަށް ކުރި ދުވަސްވަރު ޕެޓްރޯލް ލީޓަރެއް ލިބުނީ 8ރ. އަށެވެ. އެކަމަކު، އިއްޔެ އިން ފެށިގެން ލީޓަރެއް 14.60ރ. އަށް އުފުލުމުން، މާލެ ސަރަހައްދުގައި ޓެކްސީ ދުއްވާ ހުރިހާ ސެންޓަރެއްގެ އިއްތިފާގުން ދަތުރުތަކުގެ އަގު ބޮޑުކުރަން ނިންމީ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެ އެވެ.

ޓެކްސީ އަގުތައް ބޮޑުކުރާނެ ތަފްސީލު:

- މާލޭގެ އެތެރޭގެ ދަތުރެއް- 30ރ.

- ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ ދަތުރުތައް - 25ރ.

- މާލެއިން ހުޅުމާލެ އަށް - 100ރ.

- މާލެ އާއި ހުޅުމާލެ އިން އެއާޕޯޓަށް - 80ރ.

- ހުޅުމާލޭގެ ފޭސް ދެއަކުން މާލެ އަށް - 120ރ.

- ހުޅުމާލޭގެ ފޭސް އެކަކުން ހުޅުމާލޭގެ ފޭސް ދެއަކަށް - 40ރ.

- މާލެ އާއި ހުޅުމާލެ އިން ސީޕްލޭން ޓާމިނަލަށް - 100ރ.

- ހުޅުމާލޭގެ ފޭސް ދެއަކުން ސީޕްލޭން ޓާމިނަލަށް - 120ރ.

އެގޮތަށް އަގު ބޮޑުކުރަން ނިންމިޔަސް ރޭގަނޑު 12:00 އިން ހެނދުނު 6:00 އާ ހަމަ އަށް ކުރާ ޓެކްސީ ދަތުރުތަކުން އިތުރަށް ފަސް ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ.

އެކަމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައި ވަނީ ދަތުރުތައް ކޮށްދޭ އަގުތައް ބޮޑުކުރަން ޓެކްސީ ސެންޓަރުތަކުން ނިންމިޔަސް، އެކަން އެ ގޮތަށް ނުކުރެވޭނެ ކަމަށެވެ. މިނިސްޓްރީން ފާސްކޮށް، އިއުލާން ކޮށްފައިވާ އަގަށް ވުރެ ބޮޑު އަގު ދަތުރުތަކަށް ނަގާ ފަރާތްތަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީން ވެސް އިންޒާރުދިނެވެ.