02 މާޗް 2022
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ސިފައިން އަސްކަރީ ތަމްރީންތަކެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ފެށުމުގެ ގޮތުން، އެ ގައުމުގެ ނިއުކްލިއާ ސަބްމެރިންތައް މިހާރު ވަނީ ބެރެންޓް ކަނޑަށް ދިއުމަށް ދަތުރު ފަށައިފަ އެވެ. މިސައިލް ހަރުތައް މިހާރު ވަނީ ސައިބީރިއާގެ ޖަންގަލިތަކުގެ ތެރޭގައި ރުކުރުވާލާފައި ކަމަށް ވެސް، ރަޝިޔާގެ އުތުރު ލަޝްކަރުން ނެރުނު ބަޔާނެއްގައި ވެ އެވެ.
ނަމަވެސް މިއީ، ނިއުކްލިއާ ލަޝްކަރު ތައްޔާރީ ހާލަތަށް ގެނައުމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކުރެއްވި އަމުރާ ގުޅިގެން ބާއްވާ ތަމްރީންތަކެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ. ނިއުކްލިއާ ލަޝްކަރު ތައްޔާރީ ހާލަތަށް ގެނައުމަށް ރައީސް ޕުޓިން އަމުރު ކުރެއްވީ، ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ރަޝިޔާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމުންނެވެ.
ރައީސް ޕުޓިން އެ އަމުރު ނެރުއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އަމުރު ނެރުއްވަމުން ޕުޓިން ވިދާޅުވިގޮތުގައި ނިއުކްލިއާ ލަޝްކަރު ތައްޔާރީ ހާލަތަށް ގެންނަން ޖެހުނީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ މެދު ގެންގުޅޭ އަދާވާތްތެރި ސިޔާސަތުގެ ސަބަބުންނެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ވެސް ހުޅަނގުގެ ގައުމުތަކުން ކަމަށް ޕުޓިން ވިދާޅުވި އެވެ.
ރަޝިޔާގެ އުތުރު ލަޝްކަރުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި މިހާރު ފަށަން ތައްޔާރުވަމުން އަންނަ ތަމްރީންތަކުގައި، ގިނަ އަދަދެއްގެ ސަބްމެރިން އާއި މަނަވަރުތައް ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ގަދަ ކަނޑުތަކުގައި ވެސް ދަތުރުކުރެވޭ ގޮތަށް ބަނދެފައިވާ ސަބްމެރިންތައް ވެސް ހިމެނެ އެވެ.
މި ތަމްރީންތަކުގައި ބައިވެރިވާ މަނަވަރުތަކަކީ، ރަޝިޔާގެ ހުޅަނގު އުތުރުގައި އޮންނަ ކޯލާ ޕެނިންސުލާ ހިމާޔަތްކުރުމާ ހަވާލުވެފައިވާ މަނަވަރުތަކެވެ. ރަޝިޔާގެ ކަނޑުގެ ލަޝްކަރުގެ ގިނަ އުޅަނދުތައް ބަނދަރުކޮށްފައި ބާއްވަނީ ވެސް ކޯލާ ޕެނިންސުލާގައި އޮންނަ އަސްކަރީ ބަނދަރުތަކުގަ އެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި އިރުމަތީ ސައިބީރިއާގެ އިރްކުޓްސްކް ސަރަހައްދުގެ ޖަންގަލިތަކުގައި މިހާރު ވަނީ "ޔާސް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ހަރުތައް ރުކުރުވާލައިފަ އެވެ.
ނިއުކްލިއާ ލަޝްކަރު ފުރިހަމަ ތައްޔާރީ ހާލަތަށް ގެނައުމަށް ރައީސް ޕުޓިން ނެރުއްވި އަމުރުގައި، ނިއުކްލިއާ ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމަށް ތަމްރީން ކޮށްފައިވާ ހުރިހާ ލަޝްކަރުތަކާއި ހުރިހާ ބާވަތެއްގެ ނިއުކްލިއާ ހަތިޔާރާއި، އެ ހަތިޔާރުތައް ބޭނުންކުރާނެ އަސްކަރީ ހުރިހާ ވަސީލަތްތަކެއް ވެސް ޝާމިލްވެ އެވެ.
އެހެންކަމުން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރިންތަކާއި، އެއްގަމު މަގުން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމަށް ބޭނުންކުރާ މިސައިލް ހަރުތަކާއި ނިއުކްލިއާ ބޮން އެޅުމުގެ ގާބިލްކަން ލިބިގެންވާ ބޮންއަޅާ ބޯޓުތައް ވެސް ފުރިހަމަ ތައްޔާރީ ހާލަތަށް ގެންނާނެ އެވެ.
ނިއުކްލިއާ އިންޖީނުގެތައް ގޮއްވާލަން އުޅެފި: ރަޝިޔާ
ޕުޓިންގެ ނިއުކްލިއާ ވާހަކަތައް ނޭޓޯއިން ކުށްވެރިކޮށްފި
ރަޝިޔާގެ ނިއުކްލިއާ ހަތިޔާރު ބެލަރޫސް އަށް
ރަޝިޔާއާ އެކުގައި މަޝްވަރާތައް ކުރެވޭ: އެމެރިކާ
ރަޝިޔާގެ ނިއުކްލިއާ ލަޝްކަރުގެ ތަމްރީންތަކެއް ބާއްވައިފި
ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ
ރަޝިޔާ ޗެރްނޮބީލުން ރޭޑިއޯއެކްޓިވް މާއްދާ ވަގަށްނަގައިފި
ޔޫކްރޭންގެ ނިއުކްލިއާ ޕްލާންޓަށް ރަޝިޔާ ވެރިވެގަންނަނީ
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ޔޫކްރޭންގައި ބިންގަރާސް ސްކޫލްތަކެއް ހަދަނީ