Roadha Mihaaru
މާދަމާ އިން ފެށިގެން މިފްކޯ މަސްދަޅުގެ އަގު ބޮޑުވަނީ

މަސް ގަންނަ އަގާ އެކު، މަސްދަޅުގެ އަގު ވެސް މާދަމާ ބޮޑުވަނީ

28 ފެބުރުއަރީ 2022

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގު މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގު މާދަމާ އިން ފެށިގެން ބޮޑުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މާޗު މަހު ފުރަތަމަ ހަފްތާ އިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނާނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާން ކުރައްވައިފަ އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ "މިހާރު" އަށް މިއަދު ވިދާޅުވީ މާދަމާ އިން ފެށިގެން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް އަންނަ ރަނގަޅު ބަދަލާ އެކު މަސްވެރިންނަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުންފުނީގެ ބައެއް އުފެއްދުންތަކުގެ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯ އިން ކަނޑާއި އެއްގަމުގައި ހިންގާ ގިނަ އޮޕަރޭޝަންތަކުގެ މައިގަނޑު ކޮމްޕޯނަންޓަކީ ތެޔޮ ކަމަށާއި ދުނިޔޭގެ ތެލުގެ ބާޒާރަށް މިހާރު އަންނަމުންދާ ބަދަލުތަކާ ގުޅިގެން ހަރަދުތައް ބޮޑުވަމުން އަންނަ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް---ފޮޓޯ: މިހާރު

މިފްކޯގެ ސީއީއޯ އިސްމާއިލް---ފޮޓޯ: މިހާރު

އޭގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން އައި ގޮންޖެހުންތަކާ އެކު ވެސް މިފްކޯގެ އުފެއްދުންތައް ވީހާވެސް ރަނގަޅު އަގެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ދެ ފަހަރު ވެސް ތެލުގެ އަގު ބޮޑުވި އިރު އަޅުގަނޑުމެން އަގަށް ބަދަލެއް ނުގެންނަން. އެކަމަކު އޮޕަރޭޝަނަލް ކޮސްޓުގެ ބޮޑު ބައެއް ހޭދަ ވަނީ ތެލަށް. އެހެންވެ އޭގެ އަސަރުތަކެއް ކުރާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އަގުތަކަށް އަންނަ ބަދަލާ އެކު މިފްކޯ އިން ވިއްކާ މަސްދަޅު ކޭހަކުން 50-60ރ. ދެމެދުގެ އަދަދަކަށް ބޮޑުވާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ އެހެން ޕްރޮޑަކްޓުތަކުގެ އަގަށް ވެސް ބަދަލު އައުން އެކަށީގެންވާ ކަމަށް ސީއީއޯ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ ތެލުގެ ބާޒާރަށް މި އަންނަ ލޮޅުންތަކާ އެކު ވެސް އަގުތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް. އަދި ރޯދައިގެ ކުރިން އިތުރު އުފެއްދުންތައް ވެސް އަންނާނެ،" އިސްމާއިލް ވިދާޅުވި އެވެ.

ބާޒާރުގައި 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބެނީ 610ރ. އަށެވެ. އަދި 24 ދަޅުގެ ކުޑަ ކޭހެއް ލިބެނީ 305ރ. އަށެވެ.