Roadha Mihaaru
ޚާއްސައެހީ ބޭނުންވާ ކުއްޖަކާ ބެހުނު މީހަކު ސަލާމަތްނުވި

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކާ ބެހުނު ބިދޭސީއަކު ހައި ކޯޓުން ވެސް ސަލާމަތެއް ނުވި

15 ފެބުރުއަރީ 2022

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް މާލޭގެ ފަހާ ތަނެއްގެ ތެރޭގައި އެކިފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރި މައްސަލާގައި 10 އަހަރަށް އެކަކު ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް މާލޭގެ ފަހާ ތަނެއްގެ ތެރޭގައި އެކިފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރި މައްސަލާގައި 10 އަހަރަށް އެކަކު ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ސިކުނޑީގެ އުނިކަމެއް ހުންނަ 13 އަހަރުގެ އެ ކުއްޖާއަށް އެކިފަހަރު މަތިން ބިދޭސީންތަކެއް ޖިންސީ ގޯނާކުރީ 2016 ވަނަ އަހަރާއި ޖުލައި، 2017 އާ ދެމެދު އެ ކުއްޖާ އެތަނަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. އެ ކުއްޖާގެ ބަހުން އެނގޭ ގޮތުގައި އެތަނުގައި މަސައްކަތްކުރި ދެ ބިދޭސީން އެ ކުއްޖާއާ މެދު އެ އަމަލު ހިންގީ އެތަނުގެ ޗޭންޖިން ރޫމެއްގެ ގޮތުގައި ހަދާފައި ހުންނަ ތަނެއްގަ އެވެ.

ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދަނިކޮށް އެކަން ހާމަވީ އެ ކުއްޖާ ބަނޑުބޮޑުވުމުންނެވެ.

އެ މައްސަލާގައި ބަންގްލަދޭޝްގެ ބިދޭސީއަކު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2019 ގަ އެވެ. އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ކުއްޖާ ޑޮކްޓަރަށް ދެއްކިއިރު ބަނޑުބޮޑު ކަން އެނގުނު ހިސާބުން އެ ކުއްޖާގެ އާއިލާއިން ސުވާލު ކުރުމުން އެ މީހުންނަށް އެ ކުއްޖާ އެ ވާހަކަ ކިޔައިދީފައިވާއިރު، އެ ވާހަކަ ފުލުހުންގެ ތަހުގީގަށް ވެސް ކިޔައިދިން ކަމަށެވެ.

މީގެ އިތުރުން އެ ކުއްޖާގެ ނަފްސާނީ ހާލަތު ބެލި ޑޮކްޓަރުންގެ ބަހަށް ބަލާއިރު ވެސް، ޖިންސީ ގޯނާ ލިބިފައިވާ ކަން އެނގޭ ކަމަށާއި އަދި ކުށް ސާބިތުވި މީހުންގެ ތަހުގީގުގައި ބަޔާނުގައި، އެ ކުއްޖާއަކީ އެތަނަށް އާންމުކޮށް ގޮސް އުޅުނު ކުއްޖެއް ކަން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުން އެ ކުއްޖާ އެ ވާހަކަ ކިޔައި ދިނުމަކީ އެ ކުއްޖާގެ ބަސް ގަބޫލު ނުކޮށް ދޫކޮށްލެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ބިދޭސީ މީހާގެ މައްޗަށް ކުށް ސާބިތުވާތީ އޭނާ ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު މުހައްްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހުސައިން ހުސައިން ޒަކަރިއްޔާ އެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހަމީދެވެ.