Roadha Mihaaru
ތަފާތު ކުޅުމެއް ދައްކައި ފަހު މެޗު ބަންގްލަދޭޝް އަށް

ތަފާތު ރޫހެއްގައި ކުޅެ ފަހު މެޗުން ބަންގްލަދޭޝް މޮޅުވެއްޖެ

12 ފެބުރުއަރީ 2022

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ތިން މެޗުގެ ތެރެއިން ފަހު މެޗުގައި ތަފާތު ރޫހެއްގައި ކުޅެ ސީދާ ތިން ސެޓުން ބަންގްލަދޭޝް މިރޭ މެޗު ކާމިޔާބުކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ ތިން މެޗުގެ ތެރެއިން ފަހު މެޗުގައި ތަފާތު ރޫހެއްގައި ކުޅެ ސީދާ ތިން ސެޓުން ބަންގްލަދޭޝް މިރޭ މެޗު ކާމިޔާބުކޮށްފި އެވެ.

މި ސީރީޒްގެ ފުރަތަމަ މެޗު ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ކާމިޔާބު ކުރި ނަމަވެސް ބަންގްލަދޭޝް ވަނީ ފަހު ދެ މެޗު ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗް ބަންގްލަދޭޝް ކާމިޔާބުކުރީ 25-18، 25-21 އަދި 25-18 އިންނެވެ.

ފުރަތަމަ ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދީ ރާއްޖޭންނެވެ. ބަންގްލަދޭޝް އިން ޖެހިޖެހިގެން ދެ ޕޮއިންޓް ނަގައި ލީޑު ނެގި ނަމަވެސް ދެ ޓީމު 10 ޕޮއިންޓުން އެއްވަރު ވަންދެން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އޭގެ ފަހުން ބަންގްލަދޭޝް ވަނީ ބޮޑު ލީޑަކާ އެކު ފަސޭހަކަމާ އެކު ސެޓް ކާމިޔާބުކޮށްފަ އެވެ.

ދެވަނަ ސެޓު ފަށައިގެން ރާއްޖޭން ތިން ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ބަންގްލަދޭޝް އިން ފަހަތުން އަރައި އެ ލީޑު އަތުލި ނަމަވެސް ރާއްޖޭން ވަނީ ހިތްވަރުކޮށް، ރަނގަޅު ފައިޓެއް ދީފަ އެވެ. ބަންގްލަދޭޝް އިން 16 ޕޮއިންޓް ހަމަކުރިއިރު އެޓީމު ލީޑުގައި އޮތީ އެންމެ ޕޮއިންޓަކުންނެވެ. އެއަށް ފަހު ބަންގްލަދޭޝްގެ އެޓޭކްތައް ރާއްޖެއަށް ނުހުއްޓުވުމުން ބަންގްލަދޭޝް ހޯދި 24-17 ގެ ލީޑާ އެކު ފަސޭހައިން ސެޓް ކާމިޔާބު ކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ރާއްޖޭން ވަނީ ބަންގްލަދޭޝް އިން ފަހު ސެޓް ޕޮއިންޓް ހޯދުމުގެ ކުރިން އިތުރު ހަތަރު ޕޮއިންޓް ހޯދައިފަ އެވެ.

ފުރަތަމަ ދެ ސެޓާ ހިލާފަށް ފަހު ސެޓުގައި ފުރަތަމަ ލީޑު ނެގީ ބަންގްލަދޭޝް އިންނެވެ. އަދި މި ސެޓުގެ ވަރަށް ކުރީކޮޅު ބަންގްލަދޭޝް ވަނީ ބޮޑު ލީޑެއްގައި އޮވެ، ފަސޭހަ ކަމާއެކު ސެޓް ނިންމައިފަ އެވެ.

ރަހުމަތްތެރިކަމުގެ ފުރަތަމަ ދެ މެޗާ ހިލާފަށް، ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ މި މެޗުގައި ކުޅުމުގެ ފުރުސަތު ދީފަ އެވެ. އަދި އެ ކުޅުންތެރިންނަށް ލިބުނު ވަގުތުކޮޅުގައި ވަނީ އިތުބާރާ އެކު ބަންގްލަދޭޝްގެ ކުޅުންތެރިންނާ ދެކޮޅަށް އުންމީދީ ކުޅުމެއް ދައްކައިފަ އެވެ.

މި މެޗަށް ފަހު ރާއްޖޭގެ ގައުމީ ވޮލީ ޓީމާ ބްރެޒިލްގެ ކޯޗަކު ހަވާލުވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.