Roadha Mihaaru
ޕެނަލްޓީގައި ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް

އެފްރިކަން ކަޕް: ޕެނަލްޓީ ޖަހައިގެން ކެމަރޫން ކަޓުވާލައި މިސްރު ފައިނަލަށް

04 ފެބުރުއަރީ 2022

ކެމަރޫން (ފެބްރުއަރީ 4) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-1 އިން ކުރި ހޯދައި މުބާރާތް ބާއްވާ ގައުމު ކެމަރޫން ކަޓުވާލުމަށް ފަހު މިސްރު ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ކެމަރޫން (ފެބްރުއަރީ 4) - އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-1 އިން ކުރި ހޯދައި މުބާރާތް ބާއްވާ ގައުމު ކެމަރޫން ކަޓުވާލުމަށް ފަހު މިސްރު ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.

އާދިއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލުގައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، މިސްރު ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯ ބަލިކުރި ސެނެގާލާ ދެކޮޅަށެވެ. މި އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޖާގައެއް ހޯދަން އަންނަ މަހު ކުޅޭ ކޮލިފައިން ޕްލޭއޮފްގައި ވެސް މިސްރާއި ސެނެގާލް ވާދަކުރާނެ އެވެ.

މިސްރު ވަނީ މިހާތަނަށް ހަތް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. ނަމަވެސް ސެނެގާލް ނުކުންނާނީ މުޅިން އަލަށް މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގަ އެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ފައިނަލުގައި ވެސް ސެނެގާލް ވާދަކުރިއިރު، އެ ފަހަރު ބަލިވީ އަލްޖީރިއާ އަތުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މިސްރުގެ މުހައްމަދު ސަލާހު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވިއިރު، ކެމަރޫންގެ ޑިފެންޑަރު މައިކަލް އެންގާޑިއޫ-އެންގާޖިއޫ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފަހު ހާފުގައި ކެމަރޫންގެ މާޓިން ހޮންލާ ފަހަތަށް ދިން ބޯޅައެއް ސަލާހު ހޯދި ނަމަވެސް ކެމަރޫންގެ ކީޕަރު އަންޑްރޭ އޮނާނާ ވަނީ އޭރިއާ ބޭރުން ސަލާހަށް ހުރަސް އަޅައިފަ އެވެ. އޭގެ ފަހުން ކެމަރޫންގެ ކާލް ޓޯކޯ އެކަމްބީ ފޮނުވާލި ހަމަލާ ދިފާއުކުރީ މިސްރުގެ ކީޕަރު މުހައްމަދު އަބޫ ގަބާލް (ގަބާސްކީ) އެވެ. އަދި ކެމަރޫންގެ އަންޑްރޭ ޒަމްބޯ އަންގުއިސާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔައީ ގޯލު ދަނޑީގައި ކޭއްތިލައިފަ އެވެ.

މިސްރުގެ ކީޕަރު ގަބާސްކީ: ދެ ޕެނަލްޓީ ދިފާއުކުރި. --ފޮޓޯ:އޭއެފްޕީ

މިސްރުގެ ކީޕަރު ގަބާސްކީ: ދެ ޕެނަލްޓީ ދިފާއުކުރި. --ފޮޓޯ:އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ލަނޑެއް ނުޖެހި އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ބަތަލަކަށް ވީ މިސްރުގެ ކީޕަރު ގަބާސްކީ އެވެ. ކެމަރޫންގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން ވިސެންޓޭ އަބޫބަކާ ކާމިޔާބު ކުރި ނަމަވެސް އެ ޓީމުން ދެން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބެއް ނުވި އެވެ. ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ޑިފެންޑަރު ހެރޯލްޑް މޮކޯޑީ އާއި މިޑްފީލްޑަރު ޖޭމްސް ލިއާ ސިލިކީ ފޮނުވާލި ޕެނަލްޓީ ގަބާސްކީ ދިފާއު ކުރިއިރު، ފަހު ޕެނަލްޓީ ފޯވާޑް ކްލިންޓަން އެންޖީ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

މިސްރުން ޖެހި ތިން ޕެނަލްޓީ ވެސް ކާމިޔާބު ކުރިއިރު، ޕެނަލްޓީތައް ޖަހައިދިނީ ޒީޒޯ އާއި މުހައްމަދު އަބްދުލް މުންނިމް އަދި މޮހާނަދް ލީޝާން އެވެ.

މިސްރަށް ފަހު އެންމެ ގިނަ ފަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކޮށްފައި ވަނީ ކެމަރޫން އެވެ. އެ ޓީމުން ވަނީ ފަސް ފަހަރު މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. އެންމެ ފަހުން ކެމަރޫން މުބާރާތް ކާމިޔާބުކުރީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-1 އިން މިސްރު ބަލިކޮށްގެންނެވެ.