Roadha Mihaaru
12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް

12 އަހަރުގެ އިލަސްޓްރޭޓަރަކަށް ނައިކީގެ ޑީލެއް

28 ޖެނުއަރީ 2022

ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ނައިކީއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު އިނގިރޭސިވިލާތުގެ 12 އަހަރުގެ ފިރިހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުޅިވަރު ސާމާނު އުފައްދާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުންފުނި ކަމަށްވާ ނައިކީއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު އިނގިރޭސިވިލާތުގެ 12 އަހަރުގެ ފިރިހެން ކުއްޖަކަށް ލިބިއްޖެ އެވެ.

އިލަންސްޓްރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރާ އަދި ސޯޝަލް މީޑިއާގައި "ދަ ޑޫޑުލް ބޯއި" ގެ ނަމުން މަޝްހޫރު ޖޯ ވޭލްއާ އެކު ނައިކީން ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ އިލަސްޓްރޭޝަންތައް ހިމަނައިގެން ހާއްސަ އުފެއްދުންތަކެއް ނެރޭނެ އެވެ.

މިކަން ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް ޖޯ ތަމްސީލުކޮށްދޭ އޭޖެންސީ، ލަވްބްލަޑް ކްރިއޭޓިވުން ބުނީ 12 އަހަރުގެ ކުއްޖާ ނައިކީގެ އާއިލާއާ ގުޅުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ޖޯގެ ކެރިއަރު ވަރަށް އުޖާލާވާނެކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތް ކަމަށް ބުންޏެވެ.

"ޖޯ އަކީ ކުޅިވަރަށް ވެސް ހާއްސަ ލޯތްބެއް ބަހައްޓާ ކުއްޖެއް. އޭނާގެ އިލަސްޓްރޭޝަންތަކުން ވެސް އެކަން ފާހަގަވާނެ. އެހެންވީމަ ނައިކީއާ ގުޅިގެން ކުރެވޭ މަސައްކަތް ވަރަށް ބޮޑަށް ހާއްސަވެގެން ދާނެ،" ލަވްބްލަޑުން ބުންޏެވެ.

ޖޯގެ ބައްޕަ ގްރެގަރީ ވޭލް ވެސް ބުނި ގޮތުގައި ނައިކީ ފަދަ މަޝްހޫރު ބްރޭންޑަކުން ދަރިފުޅަށް ފުރުސަތެއް ލިބުމަކީ ކުރިން އުންމީދު ވެސް ކުރި ކަހަލަ ކަމެއް ނޫނެވެ. އެކަމަކު ނައިކީން ދަރިފުޅާ އެކު އެއްބަސްބުމަކަށް ދިއުމަކީ ޖޯގެ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް ބުންޏެވެ.

"ދަރިފުޅާ މެދު އަހަރަމެން ފަހުރުވެރިވަން،" ގްރެގަރީ ބުންޏެވެ.

ޖޯ އަކީ އޭނާގެ މަސައްކަތްތައް އިންސްޓަގްރާމްގައި ވެސް ދައްކަމުން އަންނަ ފަންނާނެކެވެ. އޭނާ ފޮލޯކުރާ މީހުންގެ އަދަދު 119،000 އަށް އަރަ އެވެ. އަދި އޭމާ އެންޑޯޒްކޮށްފައިވާ މީހުންގެ ތެރޭގައި ޕްރިންސް ވިލިއަމާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ހިމެނެ އެވެ.

ޖޯ ބުނި ގޮތުގައި އިލަސްޓްރޭޝަނަކީ ވަރަށް ތުއްތުއިރު އުފެދުނު ޝައުގެކެވެ. އަދި އޭނާ އެންމެ ބޮޑަށް ގަޔާވަނީ އޭލިއަނުންނާއި މޮންސްޓާތަކާއި ކާނާ ފަދަ އެއްޗިއްސަށެވެ. މިދިޔަ އަހަރު އަލަށް ސޯލޯ އެގްޒެބިޝަނެއް ވެސް ބޭއްވީ ޖޯ މިހާތަނަށް ތިން ކެރެކްޓާއެއް ވެސް އުފަންކޮށްފައިވެ އެވެ. އެއީ "ޕްރޭއިން ޓާޓްލް" އާއި "ކޫލް ޑޯގް" ގެ އިތުރުން "ބެކްޕެކް ކިޑް" އެވެ.