20 ޖެނުއަރީ 2022
ދަރިފުޅު، ޔާމީން ރަޝީދު ކޮށާލި މަންޒަރު މަންމަ، މަރިޔަމް ޝަފީގާ ހިތަކުން ދުވަހަކު ވެސް ނުފިލާނެ އެެވެ؛ ލިފްޓް ތެރޭގައި ހުއްޓައި ގައިގެ އެތަން މިތަނަށް ވަޅި ހަރާލީ ރަހުމެއް، އިންސާނިއްޔަތު ކަމެއް ނެތި އެވެ. މަރުވެގެން ވެއްޓުނީކަން ޔަގީންވަންދެން ލިފްޓުގެ ދޮރު ލެއްޕުނަ ނުދީ ތިބީކަން ސީސީޓީވީ ފުޓޭޖުން ސިފަކުރެވެ އެވެ.
ދަރިފުޅު، ޔާމީން ރަޝީދު ކޮށާލި މަންޒަރު މަންމަ، މަރިޔަމް ޝަފީގާ ހިތަކުން ދުވަހަކު ވެސް ނުފިލާނެ އެެވެ؛ ލިފްޓް ތެރޭގައި ހުއްޓައި ގައިގެ އެތަން މިތަނަށް ވަޅި ހަރާލީ ރަހުމެއް، އިންސާނިއްޔަތު ކަމެއް ނެތި އެވެ. މަރުވެގެން ވެއްޓުނީކަން ޔަގީންވަންދެން ލިފްޓުގެ ދޮރު ލެއްޕުނަ ނުދީ ތިބީކަން ސީސީޓީވީ ފުޓޭޖުން ސިފަކުރެވެ އެވެ.
ޝަރީއަތުގެ މަޖިލީހުގައި އިއްޔެ އިން އިރު ވެސް ހިތާއި ސިކުނޑީގައި ސިފަވީ އެ ވަގުތުކޮޅެވެ. ހަތަރު އަހަރުވި އިރު ކޮންމެ ދުވަހެއްގެ ދުއާ އަކީ އެކަން ކުރި ބަޔަކަށް ހައްގު އަދަބު ލިބުމެވެ. މި އިންސާފަށް އެދި އާދޭހާއި އެތައް މަސައްކަތެއް ވެސް ކުރެވުނެވެ.
ކްރިމިނަލް ކޯޓުން ހުކުމް އިއްވީ ޔާމީން މަރާލި ކަން ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށެވެ. ދައުލަތުން ދައުވާކުރި އަނެއް ހަތަރު މީހުން ސަލާމަތްވީ އެވެ.
"ހިއެއް ނުކުރަން އެއްވެސް މީހަކަށް އަދަބެއް ލިބިދާނެ ކަމަކަށް، އެކަމަކު ހަތަރު އަހަރަށް ފަހު މިއީ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް. އުއްމީދު ނުކުރެވި ހުއްޓާ ގާތިލުން ކަން ދެ މީހަކަށް ސާބިތުވުން،" ޝަފީގާ ބުންޏެވެ.
ޔާމީން ރަޝީދަށް ހާއްސަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ފޮތެއް.-- މިހާރު ފޮޓޯ
އެކަމަކު ރަހުމްކުޑަކޮށް ދަރިފުޅު މަރާލައި އަނިޔާވެރިވި ދެ ގާތިލުން މަރާކަށް ޝަފީގާ ބޭނުމެއް ނުވި އެވެ. އެހެންކަމުން ގިސޯސެއް ނުހިފުނެވެ. އޭނާ ބޭނުންވީ މަރުގެ ދިޔަ އެވެ.
މަރަށް މަރު ހިފަން ބޭނުން ނުވީ ޔާމީންގެ ވިސްނުމަށް އިހްތިރާމްކުރަން. -- މަންމަ
ވާރިސުންގެ ތެރެއިން ބައްޕަ، މަރަށް މަރު ބޭނުންވިޔަސް މަންމަ އެކަމާ ދެކޮޅު ހެދުމުން ކޯޓުން ހުކުމްކުރީ ގާތިލުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާ އެކު މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށެވެ. މިކަމުގައި ޝަފީގާ އަށް ވަނީ އާއްމުންގެ ފާޑުކިއުން އަމާޒުވެފަ އެވެ.
ޔާމީން ރަޝީދު މަރާލިކަން ސާބިތުވި ހައިޝަމް އާއި ޒިހާން: މި ދެ މީހުން އުމުރަށް ޖަލަށް ލައި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ވަނީ ހުކުމްކޮށްފައި.
ދަރިފުޅަށް އިންސާފު ހޯދަން އާދޭސްކުރުމަށް ފަހު މަންމަ ބޭނުންވީ ފައިސާ ކަމަށް ކުރާ ތުހުމަތަކީ ބޭއިންސާފު ކަމަށާއި އޭނާގެ ހިތުގައި އަޅާ ވޭނާ މެދު ނުވިސްނައި ދައްކާ ވާހަކަތަކެއް ކަަމަށް ޝަފީގާ ބުންޏެވެ.
ޝަފީގާ ކޯޓަށް ހުށަހެޅި ނިންމުން ތަކުރާރު ކުރަމުން މިއަދު ވެސް ބުނީ ކޮންމެ އިންސާނަކަށް ވެސް ދިރިހުރުމުގެ ހައްގު އޮންނަން ޖެހޭނެ ކަަމަށް ޔާމީން އަބަދުވެސް ވަކާލާތު ކުރި ކަމަށެވެ. އޭނާގެ ނިންމުމުގެ ފަހަތުގައި އޮތީ ދަރިފުޅު ވަކާލާތުކުރި ވިސްނުމަށް އިހްތިރާމްކުރުން ކަމަށް ބުންޏެވެ.
ރާއްޖޭގައި އޮންނަނީ ވެސް ގާތިލުންނަށް މަރުގެ ހުކުމް އިއްވިޔަސް އުމުރަށް ޖަލަށްލާ ގޮތަށެވެ. މަރުގެ ހުކުމް ތަންފީޒުނުކުރާތާ 69 އަހަރު ވެއްޖެ އެވެ.
ދައުލަތުން ދައުވާ އުފުލި އެންމެންގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް ގިސޯސް ހިފާކަށް ޝަފީގާ ނޭދޭނެ އެވެ.
"އިންސާފު ހޯދަން މަސައްކަތް ކޮށްފައި ބޭނުންވީ ލާރިއޭ ކިޔާފައި ކޮމެންޓްކޮށްފައި އެބަހުރި. ހަގީގަތުގައި އެއްވެސް ލާރިއެއް ބޭނުމެއް ނޫން. މީހުންނަކަށް ނޭނގޭނެ ދަރިފުޅު މަރާލި ފަހުން މިވީ ހަތަރު އަހަރުގެ ތެރޭގައި ކެތްކުރި ވަރު، އެކަނިވެރިވި އިރު. ހަނދާންވާ ވަރުން ނުނިދި އިނީ ކިތައް ރޭ ކަމެއް،" ރޮމުން މަންމަ ބުންޏެވެ.
"ދަރިފުޅުގެ ބަދަލުގައި ކިތަންމެ މިލިއަން ރުފިޔާއެއް ލިބުނަސް އެ ކުއްޖާގެ އަގެއް ނުކުރެވޭނެ. އަދިވެސް ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ސައިބޯން އައިސް އިންނަ ހަނދާންވޭ. މިއަދު ވެސް އެ ހަނދާނާ އެކީ މިއުޅެނީ. އެއީ މަޖާ މިޒާޖެއްގެ އަޅާލާ، ހިތްހެޔޮ ކުއްޖެއް. އެއްވެސް މީހަކަށް ދެރައެއް ލިބޭކަށް ނޭދޭނެ."
ޔާމީންގެ މަންމަ އާއި ބައްޕަ "މިހާރު"އާ ވާހަކަ ދައްކަނީ: އެ ދެމަފިރިން އަބަދުވެސް ކުރި އުއްމީދަކީ ދަރިފުޅުގެ ގަތުލުގެ އަޑީގައި ތިބި މީހުން ދެނެގަނެވި އިންސާފު ލިބުން.-- ފޮޓޯ/މިހާރު
ޝަފީގާ ބުނި ގޮތުގައި މަރަށް މަރު ހިފުމުގެ ކުރިން އިލްމުވެރިންނާ އޭނާ ބައްދަލުކުރި އެވެ. މަރުގައި އޮތީ މަރަށް މަރު ހިފުމާއި މަރުގެ ދިޔައިގެ އިތުރުން މާފްކުރުން ކަމަށް އިލްމުވެރިން ބުނުމުން އޭގެ ތެރެއިން މަރަށް މަރު ހިފަން ބޭނުން ނުވީ ޔާމީން އެގޮތް ބޭނުން ނުވާނެތީ އެވެ. މާފްކުރުމަކީ އެކަމެއް ކުރި ކަމަށް ކުށްގަބޫލުކޮށްގެން އައިސް މާފަށް އެދުމުން ކުރަން ޖެހޭ ކަމަކަށް ވާ އިރު އެއްވެސް މީހަކު އެކަމަށް ނޭދޭ ކަމަށް އޭނާ ބުންޏެވެ.
"ދުރާލައި ރޭވިގެން އެތައް ދުވަހަކު މަސައްކަތްކޮށްގެން މަރާލީ. އެހާ ނިޔަތް ނުބައިކޮށް މިދިޔައީ. އެހެންވީމަ މާފަށް ނޭދެނީސް މާފެއް ނުކުރެވޭނެ،" މަރިޔަމް ޝަފީގާ ބުންޏެވެ.
މަރުގެ ދިޔައަށް އެދުނީ، ޝަފީގާ ބުނި ގޮތުގައި، ލިބޭނެ ކަމަށް ވެސް ބަލައިގެންނެއް ނޫނެވެ. އިލްމުވެރިންގެ ލަފައަކަށް ވީ މަރުގެ ދިޔަ ނަގައިދެވިއްޖެ ނަމަ ޔާމީންގެ ނަމުގައި ސޮދަގާތެއް ކުރުން ކަމަށް އޭނާ ބުންޏެވެ.
"އެއީ ވިސްނުމަކީ، ޔާމީންގެ ނަމުގައި ސޮދަގާތެއް ކުރުން. ނޫން ނަމަ އެ އޮޕްޝަނަކަށް ނުދާނަން."
ޔާމީން ރަޝީދުގެ ޖަނާޒާ ބާއްވަނީ. -- ފޮޓޯ/މިހާރު
އޭނާ ބުނި ގޮތުގައި މަރަށް މަރު ހިފައިގެން ދެ ގާތިލުންގެ އާއިލާ އަށް ލިބޭނެ ހިތްދަތިކަމާ މެދު ވެސް ވިސްނުނެވެ. މަރުގެ ދިޔަ އަށް ދިޔައީ ހުރިހާ ގޮތަކަށް ވިސްނުމަށް ފަހު ކަަމަށް ބުންޏެވެ.
ތަހުގީގާ މެދު ސުވާލު އުފެދުނު އަދި ކޯޓުގައި ދިގުލައިގެން ދިޔަ މައްސަލައިގައި ފުރިހަމަ އިންސާފު ލިބިއްޖެ ކަމަކަށް އާއިލާ އިން ގަބޫލެއް ނުކުރެ އެވެ. ގާތިލުންގެ ގޮތުގައި ދެ މީހަކަށް ހުކުމް އައިސް ދައުވާ އުފުލި އަނެއް ހަތަރު މީހުން ސަލާމަތްވީ އެވެ.
އެއީ އެންމެންގެ މައްޗަށް އެއް ދައުވާއެއް އުފުލާފައި އޮތުމުންނެވެ. ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި އޮތުމުން އެކަން ބަދަލުކުރުމުގެ ފުރުސަތު ވެސް ކޯޓުން ދައުލަތަށް ދިނެވެ. އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ނަމަ އެކަމަށް އަދަބު ކަނޑައެޅުމުގެ ފުރުސަތު އޮތަސް ދައުލަތުން އެ ގޮތަށް ހުށަނޭޅީ ކަމަށް ކޯޓުން ބުންޏެވެ.
ޔާމީން މަރުގައި ބައިވެރިވި ކަމަށް ތުހުމަތުވާ ގިނަ ބަޔަކު ދޫވުމުން އާއިލާގެ ކަންބޮޑުވުން އެބައޮތެވެ. އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވުމަކީ ނުކުރުމެއް ނޫން ކަމަށާއި އެކަމުގައި ތަހުގީގާއި ދައުވާ އުފުލުމުގައި ހުރި ބައެއް ކަންކަމާ މެދު ވެސް އާއިލާގެ ހިތްހަމަނުޖެހުން އެބައޮތެވެ.
ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޔާމީންގެ އާއިލާ އާއި ރަހުމަތްތެރިން ކުރިއަށް ގެންދިޔަ ހިނގާލުމަށް ފުލުހުން ހުރަސްޢަޅައިގެންތިބި އިރު ޔާމީންގެ މަންމަ މަޑުކޮށްލައިގެން.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ތަހުގީގުގެ ތެރޭގައި ކޮންމެހެން ބަލަން ޖެހޭ ކަންކަން ދޫވާހެން ހީވާތީ، ފުލުހުންނަށް އާއިލާ އިން ވެސް ހުށަހެޅި ކަމަށާއި ގަސްތުގައި ނޫނަސް ބައެއް ކަންކަން ފަރުވާކުޑަކޮށްލެވިފައި ހުރި ކަމަށް އާއިލާ އިން ބުންޏެވެ. ޝަރީއަތުގެ އަޑުއެހުންތަކުގައި، ބައެއް ސުވާލުތަކަށް ފުލުހަކަށް އެކަށީގެންވާ ޖަވާބުނުދެވޭ މަންޒަރު ފެނުނު ކަމަށާއި އެއީ ތައްޔާރު ނުވެވުން ކަމަށް ޝަފީގާ ބުންޏެވެ.
"[ހުކުމް އިއްވި ޝަރީއަތުގެ] ހަ ގަޑިއިރު ތެރޭގައި ގާޒީ ފާހަގަކުރި ޕޮއިންޓްސްތަކަށް ބަލާއިރު ވެސް ކުށް ސާބިތު ނުކުރެވުނު ސަބަބުތަކެއް އެބަހުރި. އެހެން ދައުވާތަކެއް އެ މީހުންގެ މައްޗަށް ކުރެވެން އޮއްވައި ނުކުރި ސަބަބެއް ވެސް ނުވިސްނޭ،" އޭނާ ބުންޏެވެ.
ޔާމީން މަރާލި ކަމުގެ ތުހުމަތުވާ މީހުންގެ ދިފާއުގައި ކޯޓަށް ދިޔަ ވަކީލުންނަކީ ވަރުގަދަ އަދި ނުފޫޒު ގަދަ މީހުންނަށްވާ އިރު އެއީ ދައުލަތުން ވިސްނަން ޖެހޭ ކަމެއް ކަމަށް އާއިލާ އިން ބުންޏެވެ. ތަހުގީގުގައި ހަދާފައިވާ ގޯސްތަކުން ދިފާއީ ވަކީލުންނަށް ދެމިގަނެވުނު ކަމަށް ޔާމީން ރަޝީދުގެ އާއިލާ އިން ދެކެ އެވެ.
"އެެއްވެސް އަދަބެއް ނުލިބި އެ ދިޔައީ އެކި ގޮތްގޮތުން މަރުގައި ބައިވެރިވި މީހުން ކަމަށް ވެދާނެ."
ޔާމީންގެ މަރާ އެކު އެންމެންގެ ލޯ ކުރިމައްޗަށް މި ފެނުނީ ސީދާ އެކަމުގެ އަޑީގައި ތިބި މީހުން ކަމަކަށެއް އާއިލާ އިން އަދިވެސް ގަބޫލެއް ނުކުރެ އެވެ. ޒުވާން ސިކުނޑިތަކަކަށް އަހަރެއްހާ ދުވަސް ކުރިން އެކަން ރާވައި ފާރަލައި އެހާ އަނިޔާވެރިކޮށް ދަރިފުޅު މަރާލަން ޖެހޭ ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރެވެނީ އެވެ.
"ފެންނަން މިތިބީ އަމަލީ ގޮތުން ބައިވެރިވި މީހުން ކަމަށް ވިޔަސް އެ މީހުންގެ ވިސްނުމަށް ކުރި ކަމެއް ކަަމަށް ގަބޫލެއް ނުކުރެވޭ. އެ މީހުންނަށް ބަލާއިރު އެއީ ޔާމީނާ ޒާތީ ކަމެއް ނުވަތަ ހަސަވެރިކަމެއް އޮންނަން ޖެހޭ ބައެއް ނޫން،" ޝަފީގާ ބުންޏެވެ.
"ކޮންމެވެސް ބަޔަކު އަޑީގައި ތިބިގެން ބޭރަށް ނެރެފައި ތިބި ކުދިންކޮޅެއް އެ ފެންނަނީ. މިކަން ކުރުވި މީހުންނެއް ނުހޯދޭ."
ޔާމީންގެ މަރުގައި ތުހުމަތު ކުރެވޭ ދެ މީހަކު ސްޕެޓިއުލާގޭގެ ސިޑިކައިރީގައި.
މި މައްސަލަ މި ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނުން ވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ. މިހާތަނަށް ކުރިއަށް ނުގެންދެވި އޮތީ ކޯޓުގައި މައްސަލަ އޮތުމުންނެވެ. އާއިލާ އިން މިހާރު އެދެނީ މައްސަލައިގައި ހިމެނޭ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށެވެ.
ޒުވާން އެހެން ކުދިންތަކެއްގެ ސިކުނޑިއަށް ސަވާރުވެ، ޔާމީނަށް ހެދި ގޮތް އެހެން މީހަކަށް ހަދާލަން ފުރުސަތު ނުލިބޭ ގޮތަށް ތަހުގީގު ހިންގުމެވެ.
"އެ ކުއްޖާއެއް ދެން ނުލިބޭނެ، އެކަމަކު ހަމަ އިންސާފު ބޭނުން."
ޔާމީން ރަޝީދުގެ މަރު: ދެ މީހަކު އުމުރަށް ޖަލަށް
ޔާމީން ރަޝީދުގެ މަރު: މާދަމާ ހުކުމް އިއްވަނީ
ޔާމީން ރަޝީދުގެ މަރު: ހުކުމް އަންނަ މަހު އިއްވަނީ
ޔާމީން މަރާލަން ރާވަމުން ދިޔަކަން ހެކިވެރިޔާއަށް އެނގޭ
ޔާމީންގެ މަރު: "ސިއްރު ހެއްކަކީ ކުށުގެ ބައިވެރިއެއް"
ޔާމީންގެ ފަހު ވަގުތުކޮޅު، 10 ސިކުންތުގެ ވީޑިއޯއަކުން
ދައުވާލިބޭ ދެ މީހަކު ޔާމީންގެ ގެއިން ނުކުތްތަން ފެނުނު
"ޔާމީންގެ ޝަރީއަތް ހުޅުވާލާނެ ކަމަށް ޕީޖީން ވިދާޅުވި"
އާއިލާ އެކަހެރިކުރިޔަސް އިންސާފު ހޯދަން ސަލާން ޖަހާނެ!
ޔާމީންގެ މަރުގެ މައްސަލަ ޕީޖީއަށް ފޮނުވައިފި