Roadha Mihaaru
ޔާމީންގެ ފަހު ވަގުތުކޮޅު، 10 ސިކުންތުގެ ވީޑިއޯއަކުން

ޔާމީން ރަޝީދުގެ ފަހު ވަގުތުކޮޅު: ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް ދައްކާލައިފިި

07 ފެބުރުއަރީ 2021

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، އޭނާ އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި މިއަދު ދައްކާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، އޭނާ އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯއެއް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި މިއަދު ދައްކާލައިފި އެވެ.

ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅީގައި އޭޕްރީލް، 2017 ގައި އޭނާ އަށް ތޫނު އެއްޗެހިން ހަމަލާދީ މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެއްކީ ޔާމީން ދިރިއުޅުނު ގޭގެ ސިޑި ގޮޅިންނާއި ލިފްޓުގައި ހުރި ކެމެރާގެ ބައެއް ވީޑިއޯ އެވެ. ލިފްޓުގެ ކެމެރާގެ ވީޑިއޯ އިން ފެންނަނީ ލިފްޓުގެ ދޮރު ހުޅުވޭއިރު، ސިޑި ގޮޅި ތެރޭގައި މީހަކު ބިންމައްޗަށް ވައްޓާލައި ދެ މީހަކު ވެގެން ހަމަލާ ދޭ ތަނެވެ. ސިޑި ގޮޅީގެ ބޮކި ނިއްވާލާފައި ހުއްޓަސް، ލިފްޓުގެ އެތެރޭގައި ހުރި ބޮކީގެ އަލިން އެ މަންޒަރު ފެނެވެ.

ނޫކުލައިގެ ހެދުމަކާއި ކެމަފްލާޖް ޖިންސެއް ލައިގެން ހުރި މީހަކާއި އިތުރު މީހަކު ތިބެގެން ހަމަލާ ދިނަސް، އެއީ ކޮން ބައެއް ކަމެއް 10 ވަރަކަށް ސިކުންތުގެ އެ ވީޑިއޯއަކުން ނޭނގެ އެވެ. އެކަކުގެ އަތުގައި ފޯނެއް އޮއްވައި ފެނެ އެވެ. ހަމަލާ ދެމުން ދަނިކޮށް ލިފްޓުގެ ދޮރު ލެއްޕުމުން ދެން ހިނގި ކަންކަމެއް އެ ކެމެރާއަކަށް ނާރަ އެވެ.

ދެވަނަ އަށް ދެއްކި އެ ގޭގެ ގްރައުންޑް ފްލޯގެ ސިޑި ގޮޅީގައި ހުރި ކެމެރާ އިން ފެންނަ ގޮތުން ދެ މީހަކު އެ އިމާރާތަށް ވަދެ އެވެ. އިރުކޮޅަކުން އެ ކެމެރާގައި އަތުން ހިފައި، ކެމެރާ އަނބުރައިލަ އެވެ. ކެމެރާ އަނބުރައިލާ މީހާގެ އަތްތިލަ ފިޔަވައި އިތުރު އެއްޗެއް ނުފެނެ އެވެ. ތިން ވަނައަށް ދެއްކީ ސިޑި ގޮޅީގެ ބޮކި ނިއްވާލިކަން އެނގޭ ވީޑިއޯ އެކެވެ.

އެގެއަށް ދެ މީހަކު ވަންނަ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ/ޕޮލިސް

އެގެއަށް ދެ މީހަކު ވަންނަ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ/ޕޮލިސް

ދައުލަތުން ބުނީ އެ ވީޑިއޯ އިން ފެންނަ މަންޒަރާއި ހެކިބަސް ދިން ބައެއް މީހުންގެ ހެކިބަހާ ދިމާވާ ކަމަށެވެ. އެ ގެ އަށް އެރޭ ވަނީ ދައުވާ ލިބޭ ހައިޝަމާއި ޒިހާން ކަމަށާއި ދައުވާ ލިބޭ އިސްމާއިލް ރަޝީދު ހުރީ އެ ގޭގެ ބޭރުގައި ކަމަށް ހެކިން ބުނާ ބުނުމަށް ބާރު ލިބޭ ކަމަށް ދައުލަތުން ބުންޏެވެ. އެ ގޭގެ ތެރެއިން ހަޅޭކުގެ އަޑެއް އިވުނު ފަހުން ދެ މީހުން ގެއިން ނުކުތް ކަމަށް އިތުރު ހެއްކަކު ބުނާ ބުނުމަށް ބާރު ލިބޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ ވީޑިއޯ ދައްކަން މަސައްކަތް ކުރުމުން ދިފާއީ ވަކީލުން އެ ކަމަށް ދެކޮޅު ހެދި އެވެ. ދައުވާ ލިބޭ އިސްމާއިލް ރަޝީދުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިމުނު ފަހުން އެ ވީޑިއޯ ނުދެއްކޭނެ ކަމަށާއި ވީޑިއޯ ދައްކަން ބޭނުންވާ ނަމަ، އެކަން ކުރެވޭނީ ދައުލަތުގެ ހެކި ހުށަހަޅާ މަރުހަލާގައި ކަމަށެވެ. މިހާރު ދިފާއީ ހެކިންގެ ހެކިބަސް ނަގައި ނިމިފައި ވަނިކޮށް، އެ ވީޑިއޯ ދައްކަން ދައުލަތުން މަސައްކަތް ކުރަނީ ކޮން ބޭނުމެއްގައިތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޒިޔާދުގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ އެ ވީޑިއޯ ހުށަހަޅާފައި ނުވާ ކަމަށް ދައުލަތުން ކުރީގެ އަޑުއެހުމެއްގައި ބުނެފައިވާ ކަމަށެވެ. އެހެން ބައެއް ވަކީލުން ވެސް އެކަން ފާހަގަ ކުރައްވައި، ހެކިބަސް ނެގުމުގެ މަރުހަލާ ނިމޭ ފަހުން އެ ވީޑިއޯ ނުދެއްކޭނެ ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ބުނީ އެއީ ކުރިން ވެސް ހުށަހަޅާފައި އޮތް ހެއްކެއް ކަމަށާއި އެ ވީޑިއޯ ދެއްކުން މި މަރުހަލާއަށް ފަސްކުރީ ކުރިން އެ މައްސަލަ ބެއްލެވި ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ކަމަށެވެ. މިހާރު އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވެސް ވިދާޅުވީ އެގޮތަށް އޭރު ނިންމާފައި އޮތުމުން އެ ވީޑިއޯ މި މަރުހަލާގައި ދެއްކޭނެ ކަމަށެވެ.

ޖަލުގައި ފަރުވާ ނުދިނުމާއި ތަހުގީގުގައި އަނިޔާގެ ތުހުމަތުތައް

ދައުވާ ލިބޭ އިސްމާއިލް ރަޝީދު ބުނީ މިދިޔަ އަހަރުގެ މާޗް މަހު އޭނާ މާފުށީ ޖަލުގައި ހުރި ގޮޅިއަށް ކަރެކްޝަންސް އޮފިސަރުންތަކެއް ވަދެ، އޭނާ އަށް އަނިޔާ ކުރި ކަމަށާއި އެ މައްސަލަ ހިއުމަން ރައިޓްސް ކޮޮމިޝަނަށް ހުށަހެޅުމުން އޭނާ ބަޔާނެއް ނެގުން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ފަހުން ނާންގާ ކަމަށެވެ. ކުށެއް ނުކުރަނީސް އޭނާ ޖަލުގައި އެކަހެރި ގޮޅިއެއްގައި ބާއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ލޮލުގެ އިންފެކްޝަނެއް އުފެދިގެން ކުރި އޮޕަރޭޝަނަކަށް ފަހު ދޭންޖެހޭ ބޭސްތައް ގަވާއިދުން ކަރެކްޝަންސް އިން ނުދޭތީ އޭނާ ދެވަނަ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރުން މިހާރު ވަނީ އަންގައިފަ އެވެ. އަދި މައްސަލައާ ގުޅޭ ލިޔުންތައް އޭނާއާ ކަރެކްޝަންސް އިން ހަވާލު ނުކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

އޭނާގެ ވަކީލް މައުމޫން ވިދާޅުވީ ބަންދުގައި އިސްމާއިލް ހޭދަކުރި ތިން އަހަރާއި ނުވަ މަސް ދުވަހުގެ ތެރެއިން ތިން މަހާއި ހަތް ދުވަހު އޭނާ އުޅެން ޖެހިފައި އޮތީ އަނިޔާ އާއި ބޭސްފަރުވާ ނުލިބުމުގެ ޝަކުވާތަކުގައި ކަމަށެވެ. އަދި ދައުލަތަށް އޭނާގެ ބޭސްފަރުވާގެ ކަންކަން ނުކުރެވޭ ނަމަ، އޭނާ އާއިލާއާ ހަވާލުކުރަން އެދޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

ދައުލަތުން ބުނީ އިސްމާއިލަށް އަނިޔާކުރި މައްސަލަ އެޗްއާރުސީއެމްއިން މިހާރު ބަލަމުންދާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އަނިޔާކުރި ކަން ފާހަގަ ނުވާ ކަމަށް އެޗްއާރުސީއެމް އިން ބުނެފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އަދި އޭނާއަށް ދޭންޖެހޭ ފަރުވާ ކަރެކްޝަންސް އިން ފޯރުކޮށްދޭ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ފަރުވާ ދިނުމުގައި ބައެއް ދަތިތައް ހުރުމުން ލަސްތަކެއް ކުރިމަތިވަނީ ކަމަށް ދައުލަތުން ބުންޏެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ އެކަން އިތުރަށް ބެލުމަށްޓަކައި ދެން އޮންނަ އަޑުއެހުމަކަށް ކަރެކްޝަންސްގެ އިސްވެރިއަކު ހާޒިރު ކުރާނެ ކަމަށެވެ.

ދައުވާ ލިބޭ ހައިޝަމްގެ ވަކީލް އަހުމަދު ޔާމީން ވިދާޅުވީ ހައިޝަމް ހައްޔަރު ކުރުމަށް ފަހު، ފުލުހުންގެ ވެހިކަލެއްގެ ތެރޭގައި އަނިޔާކުރި ކަމަށާއި އޭނާ މާލެ އިން ހައްޔަރު ކުރުމަށް ފަހު ގެންގޮސް ބަހައްޓާފައި ހުރީ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގައި ކަމަށެވެ. އެގޮތަށް ހެދުމުން ހައިޝަމަށް ދިފާއުވުމަށް ހުރަސް އެޅުނު ކަމަށާއި ތަހުގީގުގެ މަރުހަލާގައި ވަކީލަކަށް އުޅުނު ވަކީލް އަލީ ޝާހު ހައްޔަރު ކުރުން ފަދަ ކަންކަން ކޮށްފައިވާ ކަން ޔާމީން ފާހަގަ ކުރެއްވި އެވެ.

ދައުވާ ލިބޭ ޒިހާން ބުނިގޮތުގައި ފުލުހުން އޭނާ ލޯންޗަކަށް އަރުވައިގެން ގެންގޮސް، އިއުތިރާފުވާން މަޖުބޫރު ކުރުމުގެ ގޮތުން ތަޅައި އަނިޔާކޮށް، ދުނިޔޭގައި މިހާރު މަނާ ކޮށްފައިވާ ބާވަތުގެ އަދަބެއް ކަމަށްވާ ވޯޓާ ބޯޑިންގެ އަދަބު ވެސް އޭނާއަށް ދިނެވެ. ފަހުން އޭނާ ބަހައްޓާފައި ހުރީ އދ. މަހިބަދޫ ޕޮލިސް ސްޓޭޝަންގައި ކަމަށް އޭނާ ބުންޏެވެ.

ދައުވާ ލިބޭ އިސްމާއިލް ބުނީ އޭނާ ހައްޔަރު ކޮށްގެން ފުރަތަމަ ގެންގުޅުނީ ފުލުހުންގެ ހެޑް ކުއާޓާސްގެ ތެރޭގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އެ ތަނުގެ ފާރެއް ކުރިމައްޗަށް ވާ ގޮތަށް ކޮންމެ ދުވަހަކު އެތައް ގަޑިއިރެއް ވަންދެން އޭނާ ބަހައްޓާ ކަމަށާއި ނިދަން ޖެހެނީ ވެސް އެތަނުގައި ސްލީޕިން ބޭގެއް އަޅައިގެން ކަމަށް ބުންޏެވެ.

ދައުލަތުން ބުނިގޮތުގައި މާލެ ނޫން އެހެން ރަށްރަށުގައި ދައުވާ ލިބޭ ބައެއް މީހުން ބަންދު ކޮށްފައި ބޭތިއްބީ ތަހުގީގީ ސްޓްރެޓެޖީއެއްގެ ގޮތުންނެވެ. އެއީ ގާނޫނާ ޚިލާފު ކަމެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު ދިފާއީ ވަކީލުން ވިދާޅުވަމުން ގެންދެވީ ދައުލަތަށް ކުރެވޭނީ ގާނޫނަކުން ހުއްދަ ކުރާ ކަމެއް ކަމަށާއި މާލެ ސަރަހައްދުގައި ޖަލުތައް ހުއްޓާ އެހެން ރަށެއްގައި އެ މީހުން ބަންދު ކޮށްފައި ނުބޭތިއްބޭނެ ކަމަށެވެ.

ގާޒީ އާދަމް ވިދާޅުވީ އެކަންކަން އިތުރަށް ބެލުމަށް ފުލުހުން ހާޒިރު ކުރަންޖެހޭ ނަމަ، އެކަން ކުރައްވާނެ ކަމަށެވެ. އެ މައްސަލާގެ އިތުރު އަޑުއެހުމެއް މި މަހު ބާއްވާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.