Roadha Mihaaru
ޔޫކޭ އިން މާސްކް ދޫކޮށްލައި ކޮވިޑާ އެކު އުޅެން ފަށަނީ

މާސްކް އެޅުން ނިމުމަކަށް ގެނެސް ޔޫކޭގައި ކޮވިޑްގެ ފިޔަވަޅުތަކަށް ބޮޑު ލުޔެއް

20 ޖެނުއަރީ 2022

އިނގިރޭސި ވިލާތުގައި ކޮވިޑް ވައިރަހުގެ އާ ވެރިއަންޓް އޮމިކްރޮން ފެތުރެން ފެށުމާ އެކު އިއުލާނުކުރި "ޕްލޭން ބީ" ގެ ފިޔަވަޅުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އުވާލައި އޭގެ ފަހުން މާސް އެޅުމާއި ކޮވިޑް ޕާސް ބޭނުންކުރުން ލާޒިމް ނުވާނެކަން މިއަދު އިއުލާނުކޮށްފި އެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް ވައިރަހުގެ އާ ވެރިއަންޓް އޮމިކްރޮން ފެތުރެން ފެށުމާ އެކު އިއުލާނުކުރި "ޕްލޭން ބީ" ގެ ފިޔަވަޅުތައް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން އުވާލައި އޭގެ ފަހުން މާސް އެޅުމާއި ކޮވިޑް ޕާސް ބޭނުންކުރުން ލާޒިމް ނުވާނެކަން މިއަދު އިއުލާނުކޮށްފި އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން މިކަން އިއުލާނުކުރައްވަމުން ވިދާޅުވީ ގޭގައި ތިބެގެން މަސައްކަތްކުރެވޭ މީހުން އެގޮތަށް މަސައްކަތް ކުރުމަށް ދިން ލަފާ ވެސް މި ވަގުތުން ފެށިގެން ނިމުމަކަށް އައީ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ "ޕްލޭން ބީ" ދޫކޮށްލައި "ޕްލޭން އޭ" އަށް ދަނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ވެސް ޖަހަމުން ދިއުމާއި އާންމުން "ޕްލޭން ބީ" އަށް އަމަލުކޮށްފައި ވާތީ ކަމަށެވެ.

ބޮރިސް ވިދާޅުވީ ޔޫކޭގައި އޮމިކްރޮން ވެރިއަންޓް ޕީކަށް ނުވަތަ އެންމެ މައްޗަށް ދާނެ މިންވަރަށް މިހާރު ގޮސްފައިވާ ކަމަށް ސައިންސްވެރިން ގަބޫލުކުރާ ކަމަށެވެ.

ޑައުނިން ސްޓްރީޓްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫކޭގެ ހެލްތު ސެކްރެޓަރީ ސާޖިދް ޖާވިދް ވިދާޅުވީ "މިއީ އެންމެންނަށް ފަހުރުވެރި ވެވޭނެ ވަގުތެއް" ކަމަށެވެ.

"މިއީ އެންމެން އެކުގައި މަސައްކަތްކޮށްފި ނަމަ މި ގައުމަށް ހޯދިދާނެ ކާމިޔާބީ އަންގައިދިން ކަމެއް."

އެކަމަކު އޭނާ ވިދާޅުވީ މިއީ ބަލިމަޑުކަމުގެ ނިމުން ކަމުގައި ދެކެގެން ނުވާނެ ކަމަށާއި ވައިރަސްގެ ވެރިއަންޓްތައް އަލަށް އުފެދުން ނުހުއްޓުވޭނެ ކަމަށެވެ. އަހަރެމެންނަށް ދެން އޮތީ ފްލޫ ފަދަ ރޯގާތަކާ އެކު އުޅޭ ގޮތަށް ކޮވިޑާ އެކު ވެސް އުޅެން ދަސްކުރުން ކަމަށް ހެލްތު ސެކްރެޓަރީ ވިދާޅުވި އެވެ.

މިއާ އެކު އޭނާ ވަނީ ކޮވިޑްގެ ވައިރަހުން ސަލާމަތްވެ ތިބެން އަތްދޮވުމާއި ބަންދު ތަންތަނުގައި ނޫޅުމާއި ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ވެކްސިން ނުޖަހާ މީހުން ވެކްސިން ޖެހުން ފަދަ ކަންކަމަށް ބާރުއަޅުއްވައިފަ އެވެ.

ބޮޑުވަޒީރު އިއުލާނުކުރެއްވި ކަންކަން:

• ކްލަބްތަކާއި ބޮޑެތި އިވެންޓްތަކަށް ވަނުމަށް ކޯވިޑް ޕާސްޕޯޓް އޮތުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނާނެ. އެކަމަކު އިވެންޓްތައް އިންތިޒާމްކުރާ ފަރާތްތަކުން ބޭނުން ނަމަ އެން.އެޗް.އެސް.ގެ ކޮވިޑު ފާސް ބޭނުންކުރަން އެންގިދާނެ.

• ގޭގައި ތިބެން މަސައްކަތްކުރުމަށް އެންގި އެންގުން އުވާލައި އޮފީހަށް ގޮސްގެން މަސައްކަތް ފެށުން.

• ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރެއް ނުވާނެ. އެކަމަކު ބަންދު ތަންތަނަށް ވަންނައިރު އާއި މީހުން ގިނަ ތަންތަނުގައި އުޅޭއިރު އަދި ނުދަންނަ މީހުންނާ ދިމާވާއިރު މާސްކް އެޅުމަށް ލަފާ ދީފައިވޭ.

• ދަރިވަރުން ސްކޫލަށް ދާއިރު މާސްކް އަޅައިގެން ތިބުން ލާޒިމުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިވުން ގާނޫނުން ލާޒިމްވާ ގޮތަށް މިހާރު އޮންނަ އޮތުން އުވާލައި އެއީ ދޭ ލަފައެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުން އެކަހެރިވާން ޔޫކޭގައި އަންގާފައިވާ އެންގުން މާޗް 24 އަށް ހަމަވާނެ އެވެ. މި މުައްދަތު ހަމަވުމުން އެކަން އާ ނުކުރާނެ ކަމަށާއި އެކަމަކު މި ތާރީހަށް ވުރެ ކުރިން ވެސް އެކަން އުވާލަފާނެ ކަމަށް ބޮޑުވަޒީރު އިޝާރާތްކުރެއްވި އެވެ. -- ބީބީސީ