17 ޖެނުއަރީ 2022
ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ މައްސަލައަކީ ބަދަލު ހިފުމެއްގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރައިލި ހާރިސް އަބްދުލްޣަފޫރުގެ މަރުގެ މައްސަލައަކީ ބަދަލު ހިފުމެއްގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމަށް އެ މައްސަލަ ތަހުގީގުކުރި ފުލުސް މީހާ ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ސެޕްޓެމްބަރު، 2017 ގައި ހުޅުމާލޭ ހާފްވޭ ހައުސް ކައިރީގައި ތޫނު އެއްޗެހިން ހަމަލާދީ ގއ. ދާންދޫ ގޯލްޑްލީފް، ހާރިސް މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ ޏ. ފުވައްމުލަކު ހިލްޓަން، ޔާމީން ރަޝީދުގެ މައްޗަށެވެ. އޭނާ އަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ދެމުން، އެ މައްސަލަ ތަހުގީގުކުރި ފުލުސްމީހާ ބުނީ ހާރިސް އަށް ބަޔަކު ހަމަލާ ދިނުމުގެ ކުރިން ޔާމީނާއި ހާރިސްއާ ދެމެދު ކުރިން މާރާމާރީއެއް ހިނގި ކަމަށެވެ. އެ މައްސަލަ އޭރު ފުލުހުން ތަހުގީގުކުރި ކަމަށާއި އެހެންވެ، ހާރިސްގެ މަރުގެ މައްސަލައަކީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުސްމީހާ ބުންޏެވެ. ޔާމީންގެ މައްޗަށް ތުހުމަތު ކުރެވުނު އެއް ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ޝަރީއަތުގައި ފުލުސް ބުނެ އެވެ.
އެ ފުލުސްމީހާ ބުނިގޮތުގައި ހާރިސަށް ހަމަލާދިން މީހުން ދަތުރުކުރި ސައިކަލާއި ސައިކަލުގެ ނަމްބަރު ހެކިވެރިން ކިޔައި ދިނުމުން، އިތުރަށް ތަހުގީގުގައި ބެލިއިރު އެއީ ޔާމީންގެ އާއިލާގެ މެމްބަރެއްގެ ސައިކަލެއް ކަމަށް ބެލެވުނު ކަމަށެވެ. ހަމަލާދިން މީހުން ދަތުރުކުރީ އެއާބްލޭޑް ސައިކަލެއްގައި ކަމަށް ހެކިވެރިން ބުނާއިރު، ސައިކަލުގެ ނަމްބަރުގެ ގޮތުގައި ހެކިވެރިން ބުނާ ނަމްބަރުގައި އެއާބްލޭޑް ސައިކަލެއް ރަޖިސްޓަރީ ކޮށްފައި ނެތް ކަމަށް ފުލުސްމީހާ ބުނެ އެވެ.
އެކަމަކު ހެކިވެރިން ބުނާ ނަމްބަރާއި ވައްތަރު އެހެން ނަމްބަރެއް ބެލިއިރު، އެ ނަމްބަރުގައި އެއާބްލޭޑެއް ރަޖިސްޓަރީ ކޮށްފައިވާ ކަމަށާއި އެ ސައިކަލު ރަޖިސްޓަރީ ކޮށްފައި ވަނީ ޔާމީންގެ އާއިލާގެ މެމްބަރެއްގެ ނަމުގައި ކަމަށް ފުލުސްމީހާ ބުންޏެވެ. އެ ސައިކަލު ޔާމީން ވެސް ދުއްވާ ކަމަށް އޭނާ ބުންޏެވެ.
ފުލުސްމީހާ ބުނިގޮތުގައި، އެ މައްސަލައިގައި ޔާމީންގެ އިތުރުން އެހެން މީހެއްގެ ބައިވެރިވުން އޮތް ކަމަށް ވެސް ތުހުމަތު ކުރެވުނެވެ. އެކަމަކު ދެވަނަ މީހާއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާ ކަމަށާއި އެ ވަރަށް ހެކި ލިބުނީ ޔާމީނާ ދެކޮޅަށް އެކަނި ކަމަށް ވެސް އޭނާ ބުނެ އެވެ.
ހަމަލާދިން މީހުން ދަތުރުކުރި ސައިކަލުގެ ނަމްބަރުގެ ގޮތުގައި ހެކިވެރިން ބުނި ނަމްބަރާ ވައްތަރު އެހެން ނަމްބަރެއްގައި އެއާބްލޭޑް ސައިކަލެއް ރަޖިސްޓަރީ ކޮށްފައިވޭތޯ ބެލިންތޯ ދިފާއީ ވަކީލުން ސުވާލު ކުރެއްވުމުން ފުލުސްމީހާ ބުނީ އެހެން ނަމްބަރުތައް ނުބަލާ ކަމަށެވެ. އެއީ އެއާބްލޭޑް ސައިކަލެއް ކަމަށް ބުނީ ހާފްވޭ ހައުސް ކުރިމަތީގައި ތިބި ހެކިވެރިންތަކެއް ކަމަށާއި ސައިކަލުގެ ނަމްބަރު ބުނީ ހާރިސަށް ހަމަލާދިން ތަނާ ކައިރީގައި ތިބި ހެކިވެރިންތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ހާރިސް ބެލި ޑޮކްޓަރު ތައްޔާރުކުރި ރިޕޯޓާ ގުޅޭގޮތުން މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން ޑޮކްޓަރަކު ބުނީ، ހާރިސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އޭނާގެ ގައިގެ 15 ތަނެއްގައި ޒަހަމްތައް ހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ޒަހަމެއް ހުރީ ކަރުގައި ކަމަށް އެ ޑޮކްޓަރު ބުންޏެވެ. ހާރިސްގެ ކަރުގައި ހުރި ޒަހަމްގެ ސަބަބުން އޭނާގެ ކަރުގެ އެތެރޭގައި ހުރި ބޮޑެތި ނާރުތައް ވެސް ފެންނަން ހުރި ކަމަށް އެ ރިޕޯޓުގައިވާ ކަމަށް އެ ޑޮކްޓަރު ބުންޏެވެ.
ޔާމީންގެ އާއިލާގެ މެމްބަރެއްގެ ހެކިބަސް ވެސް މިއަދު ނެގި އެވެ. ހެކިބަސް ދެމުން އޭނާ ބުނީ ޔާމީންގެ ގޭގައި އެކި ވައްތަރުގެ ސައިކަލުތައް އެކި މީހުން ގެންގުޅޭ ކަމަށާއި ޔާމީން ގެންގުޅެނީ ޖީއެން ސައިކަލެއް ކަމަށެވެ. އެ އާއިލާގެ އެހެން މީހަކު އެއާބްލޭޑް ސައިކަލެއް ގެންގުޅޭ ކަމަށާއި އާއިލާގެ އެހެން މީހުން ވެސް އެ ސައިކަލު ބޭނުންކުރާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު ވަކި ދުވަހެއްގެ ވަކި ވަގުތެއްގައި އެ ސައިކަލު ބޭނުންކުރި މީހަކު ބުނެދޭން ނޭނގޭނެ ކަމަށް އެ މީހާ ބުންޏެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެއްކެއްގެ ހެކިބަސް ނެގުމަށް އިތުރު ފުރުސަތަކަށް ދައުލަތުން އެދިފައިވާތީ އެކަމާ ބެހޭގޮތުން، އެ މައްސަލަ ބައްލަވާ ގާޒީ އާދަމް މުހައްމަދު ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ ސިއްރު ހެކިން ހާޒިރުކުރަން އިތުރު ފުރުސަތަކަށް އެދެނީ ހެކިވެރިން އެހެން ރަށްރަށުގައި ތިބުމުން ކަމަށެވެ. އޭގެ ތެރެއިން އެއް ހެކިވެރިއަކަށް ޗިޓް ފޮނުވައިގެން ހާޒިރު ކުރަން އެދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލުން ވިދާޅުވިގޮތުގައި، މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން ޔާމީންގެ ބޭސްފަރުވާ އަށް ވަނީ ހުރަސްއެޅިފަ އެވެ. އެހެންވެެ، ސިއްރު ހެކިން ހާޒިރުކުރަން އިތުރު ފުރުސަތެއް ދިނަސް، އެކަމަށް ދިގު މުއްދަތެއް ދޭން ދެކޮޅު ހަދާ ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.
ގާޒީ އާދަމް މުހައްމަދު ވިދާޅުވީ، ސިއްރު ހެކިން ހާޒިރުކުރަން އިތުރު ފުރުސަތެއް ދެއްވާ ކަމަށެވެ. އެކަމަކު މިއީ އެކަމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށާއި މި ފުރުސަތުގައި ސިއްރު ހެކިން ހާޒިރު ނުކުރެވިއްޖެ ނަަމަ، އެކަމަށް އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ދައުވާ ލިބޭ ޔާމީންގެ އޮޕަރޭޝަނެއް ކުރަން ޖެހިފައި ވާތީ އޮޕަރޭޝަނަށް ފަހު، އޭނާގެ އާއިލާ އަށް އޭނާއާ އެކު ހޮސްޕިޓަލްގައި ތިބެވޭނެ އިންތިޒާމު ހަމަޖައްސަން އޭނާގެ ފަރާތުން އެދިފައިވާތީ އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ އެ ފުރުސަތު ދެވޭނީ ހޮސްޕިޓަލަށް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވިގޮތުގައި، ކަރެކްޝަންސް އިން ފޮނުވި ލިޔުންތަކަށް ބަލާއިރު، ޔާމީންގެ އޮޕަރޭޝަން ކުރުމަށްޓަކައި އެ އިދާރާ އިން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބެލެވެ އެވެ. އަދި އޮޕަރޭޝަނަށް ފަހު، އާއިލާގެ މީހުންނަށް ޔާމީނާއެކު ހޮސްޕިޓަލްގައި ތިބުމުގެ ފުރުސަތު ދޭން ހޮސްޕިޓަލްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށާއި އެހެންވެ، ހޮސްޕިޓަލާ ވާހަކަ ދައްކައިގެން އާއިލާ އިން އަމިއްލަ އަށް އެކަން ކުރިއަށް ގެންދެވިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާސިމް މަރާލި މީހާ ކުށަށް އިއުތިރާފުވެއްޖެ: ސީޕީ
ނައީމާ މަރާލި މައްސަލާގެ ޝަރީއަތް މިއަދު ނުފެށުނު
މޫސަގެ މަރު:ދައުވާލިބުނު މީހާގެ މައްޗަށް ކުށްސާބިތުނުވި
މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ނިންމައިފި
މަރުގެ މައްސަލާގައި ހިމެނޭ ލަމްހާ ދޫކޮށްލައިފި
މޭރީގެ މަރު: ދައުވާ ބަދަލުކުރުމުން ހެކިބަސް ފަސްކޮށްފި
ލަމްހާގެ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމަނީ
އަނަސްގެ މަރު: ހަ އަހަރު ފަހުން ހުކުމާ ހަމައަށް
ލިޓަންގެ މަރު: ނިޒާމްގެ ބަންދަށް އިތުރު 30 ދުވަސް
މޭރީގެ މަރު:ރަހުމަތްތެރިޔާގެ ހެކިބަސް ލަމްހާއާ ދެކޮޅަށް