Roadha Mihaaru
މިސް ޔުނިވާސް ބޭނުމީ މިސް ވޯލްޑްގެ ފިލްމު ކުޅެން

މިސް ޔުނިވާސް ބޭނުމީ މިސް ވޯލްޑްގެ ފިލްމު ކުޅެން

31 ޑިސެމްބަރ 2021

ބޮލީވުޑްގެ ތަރިއެއްގެ ބައޮގްރަފިކަލް ޑްރާމާއަކަށް އެއްބަސްވާ ނަމަ އެއީ ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ ކަމަށް މި އަހަރު މިސް ޔުނިވާސްގެ ތާޖު ހާސިލުކުރި އިންޑިއާގެ ހަރްނާޒް ސަންދޫ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ތަރިއެއްގެ ބައޮގްރަފިކަލް ޑްރާމާއަކަށް އެއްބަސްވާ ނަމަ އެއީ ކުރީގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާ ކަމަށް މި އަހަރު މިސް ޔުނިވާސްގެ ތާޖު ހާސިލުކުރި އިންޑިއާގެ ހަރްނާޒް ސަންދޫ ބުނެފި އެވެ.

ބޮލީވުޑަށް ނުކުތުމުގެ ޝައުގުވެރިކަން މިދިޔަ ހަފުތާގައި ފާޅުކުރި ރީތީގެ ރާނީ ދިން އިންޓަވިއުއެއްގައި ބުނީ ޕްރިޔަންކާ އަކީ އަބަދުވެސް ވަރަށް ބޮޑު އިންސްޕިރޭޝަނެއް ކަމަށެވެ. އަދި މިސް ޔުނިވާސް ފަދަ މަގާމެއް ހާސިލުކުރަން ލިބުނު ހިތްވަރަކީ ޕްރިޔަންކާގެ ހަޔާތުން ފެންނަން އޮތް ނަމޫނާ ކަމަށް ހަރްނާޒް ބުންޏެވެ.

މިހާރު ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ، 39، އަކީ 2000 ވަނަ އަހަރުގެ މިސް ވޯލްޑެވެ. އަދި ގިނަ ބަޔަކު އޭނާ ފާހަގަ ކުރަނީ ފިލްމީ އެއްވެސް ކަމަކާ ގުޅުމެއް ނެތް އާއިލާއަކުން ނުކުމެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮލީވުޑުން ވެސް ބޮޑު ކުރިއެރުމެއް ހޯދި ބަތަލާއެއްގެ ގޮތުގަ އެވެ.

އެކަމަށް އިޝާރާތްކޮށް ހަރްނާޒް ބުނީ ކާމިޔާބު މީހަކަށްވާން ބޭނުން ކޮންމެ އަންހެނަކަށް ޕްރިޔަންކާ އަކީ ދެވަނައެއް ނެތް ފަދަ މީހެއް ކަމަށެވެ. އަދި އަބަދުވެސް ޕްރިޔަންކާ އަކީ ރޯލް މޮޑެލްއެއްގެ ގޮތުގައި ބަލާ ކަމަށާއި އޭނާ އަށް އޮތް ލޯބި ދުވަހަކު ވެސް ފަނޑު ނުވާނެ ކަމަށް ބުންޏެވެ.

"ހަމައެކަނި އިންޑިއާ އަކު ނޫން މުޅި ދުނިޔޭގައި ވެސް ޕްރިޔަންކާ އަކީ މިހާރު ބްރޭންޑެއް. އެއީ އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ކާމިޔާބު ހޯދި އަންހެނެއް. އެހެންވީމަ އިންސްޕިރޭޝަނަކަށް ބަލަން އެއަށް ވުރެ ވަކި ރަނގަޅު މީހަކު ނެތް. މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމާއި އެކްޓިން އަށް ނުކުމެ ކާމިޔާބު ހޯދުމާއި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ޕްރިޔަންކާ ވަނީ އޭނަ އަކީ ކިހާ ކުޅަދާނަ މީހެއްކަން ސާބިތުކޮށް ދީފައި." ހަރްނާޒް ބުންޏެވެ.

އެހެންވެ މި ސަބަބުތަކަށްޓަކައި ޕްރިޔަންކާގެ ބައޮގްރަފިކަލް ޑްރާމާއެއް ކުޅެން ހުށަހަޅައިފި ނަމަ ވަގުތުން އެ ފިލްމެއް ގަބޫލު ކުރާނެ ކަމަށް ހަރްނާޒް ބުންޏެވެ.

މިސް ޔުނިވާސްގެ މަގާމު ހަރްނާޒަށް ލިބުމުން ޕްރިޔަންކާ ވެސް އެ ކާމިޔާބީ ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން ހަރްނާޒްގެ ކުރިން އެންމެ ފަހުން އެ މިސް ޔުނިވާސްގެ މަގާމު އިންޑިއާ އަށް ލިބުނީ މިސް ވޯލްޑް ތާޖު އަމިއްލަ ބޮލުގައި އަޅާލަން ލިބުނު އަހަރު ބަތަލާ ލާރާ ދައްތާ އަށް ކަމަށް އޭނާ ބުނެފައިވެ އެވެ.

"އެ މަގާމު 21 އަހަރު ފަހުން އިންޑިއާ އަށް ލިބުނު އިރު މިސް ޔުނިވާސްގެ މަގާމު ހޯދި ހަރުނާޒަށް ވެސް 21 އަހަރު. އެ ކާމިޔާބީ އަށް އަހަރެން ވަރަށް ބޮޑަށް މަރުހަބާ ކިޔައި ކުރިއަށް އޮތް ތަނުގެ ކާމިޔާބީ އަށް ވެސް އެދެން." ޕްރިޔަންކާ ބުނެފައިވެ އެވެ.

މިސް ވޯލްޑްގެ ތާޖު އެންމެ ފަހުން އިންޑިއާ އަށް ލިބުނީ 2017 ގަ އެވެ.