Roadha Mihaaru
މައްސަލަތައް ނުބެލުނީ މި ކޮމިޝަނަކަށް ނޫން: އޭސީސީ

އޮޑިޓަށް އޭސީސީގެ ރައްދު: މައްސަލަތައް ނުބެލުނީ މި ކޮމިޝަނާ ހެދިއެއް ނޫން

26 ޑިސެމްބަރ 2021

އޮޑިޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް ނުބަލާ ކަމަށާއި މައްސަލަތައް ފުނިޖެހިފައި ވަނީ އެ ކޮމިޝަނުގެ އިހުމާލަކުން ނޫން ކަމަށް ބުނެ އޭސީސީން ރައްދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އޮޑިޓަ ޖެނެރަލްގެ އޮފީހުން އާއްމުކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުގައި އެ ކޮމިޝަނަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކަށް ނުބަލާ ކަމަށާއި މައްސަލަތައް ފުނިޖެހިފައި ވަނީ އެ ކޮމިޝަނުގެ އިހުމާލަކުން ނޫން ކަމަށް ބުނެ އޭސީސީން ރައްދު ދީފި އެވެ.

އޭސީސީގެ ޕާފޯމަންސް އޮޑިޓެއް ހެދީ ކޮމިޝަނުގެ ތަހުގީގު ލަސްކަމުގެ ކަންބޮޑުވުންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޮޑިޓަ ޖެނަރަލްގެ އޮފީހުގައި އެދިގެންނެވެ. އެ އޮޑިޓުގައި ބަލާފައި ވަނީ ޖެނުއަރީ، 1، 2015 އިން ޖުލައި، 31، 2020 އަށް އޭސީސީން ކޮށްފައިވާ މަސައްކަތްތަކަށެވެ. އޭގެ އިތުރުން ޑިސެމްބަރު، 2020 ގެ ނިޔަލަށް ކޮމިޝަނުގެ ބައެއް ކަންކަމާއި މަސައްކަތްތައް ހަރުދަނާ ކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާފައިވެ އެވެ.

މި އޮޑިޓާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ މި އޮޑިޓުގައި ބެލި މުއްދަތުގެ ތެރެއިން ހަތަރު އަހަރަކީ އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތު ނޫން ކަމަށެވެ. އެ ކޮމިޝަނުގައި މިހާރު ތިބި މެމްބަރުންގެ އައްޔަންކޮށްފައި ވަނީ ސެޕްޓެމްބަރު 9، 2019 ގައި ކަމަށާއި ޖުލައި، 31، 2020 އާ ހަމަ އަށް މި ދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައި ވަނީ 10 މަސް ދުވަހަށް ކަމަށެވެ.

މި އޮޑިޓުގައި އޮޑިޓު ކުރެވޭ މުއްދަތަކީ 2015 އިން ފެށިގެން 2019 ގެ ނިޔަލަށް ކަމަށް އޭސީސީއާ އެކު ބޭއްވި ބައްދަލުވުމެއްގައި އޮޑިޓާ ޖެނަރަލްގެ އޮފީހުން ބުނެފައިވީ ނަމަވެސް، އެއްބަސްވުމާ ހިލާފަށް އެ މުއްދަތު މިދިޔަ އަހަރުގެ ޖުލައިގެ ނިޔަލަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

"ކޮމިޝަނުގެ މި ހިނގާ ދައުރުގެ މެމްބަރުން މަގާމާ ހަވާލުވިއިރު އިވެލުއޭޝަން މަރުހަލާގައި ފިޔަވަޅެއް ނޭޅި ހުރި 400 އަށް ވުރެން ގިނަ ޝަކުވާ އޮތެވެ. އަދި ތަހުގީގު މަރުހަލާގައި 500 އަށް ވުރެން ގިނަ މައްސަލަ އޮތެވެ. މީގެތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާ ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސްވެފައިވާ މައްސަލަތަކެއް ކަމުގައިވާތީ އެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކޮމިޝަންގެ މަސައްކަތްތަކަށް ބަދަލު ގެނެސްފައިވާނެ އެވެ،" އޭސީސީގެ ރިޕޯޓުގައިވެ އެވެ.

އޮޑިޓުގައި ބުނެފައިވާ ގޮތުގައި އޭސީސީގައި މައްސަލަތައް ފުނިޖެހިފައި ހުރި އިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ތަހުގީގު ކުރި މައްސަލަތަކުގެ 61 ޕަސެންޓު ނިންމީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކަމަށެވެ. އަދި ދައުވާ ކުރަން ފޮނުވީ އެންމެ ޕަސެންޓަކަށް ކަމަށް ބުނެ އޮޑިޓުގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށް ވެސް އޭސީސީން ބުންޏެވެ.

"ތަހުގީގުކުރާ އިދާރާއެއްގެ ޕަފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގު ކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ ނުފޮނުވުމުގެ މައްޗަށް ކަމަށް ދެކުމަކީ ހަމަޖެހޭކަމެއް ނޫނެވެ. އޮޑިޓު ރިޕޯޓުން ދޭހަވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަހުގީގުރާނީތޯ ނުކުރާނީތޯ ނިންމާ މަރުހަލާ ހަރުދަނާ ނަމަ، ތަހުގީގުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ކުރެވޭނެ ކަމެވެ،" ބަޔާނުގައިވެ އެވެ.

ތަހުގީގުތައް ދިގުލައިގެންދާ މައްސަލައިގައި އޭސީސީން ބުނެފައި ވަނީ ކޮވިޑް-19ގެ ސަބަބުން މައްސަލަތައް ތަހުގީގުކުރަން ތަންތަނަށް ދިއުމުގެ ދަތިތަކާ ކުރިމަތިވުމާއި ސަރުކާރުގެ އެހެން އިދާރާތަކުން ހޯދަން ޖެހޭ މައުލޫމާތުތައް ހޯދަން އުނދަގޫވުމާއި މުވައްޒަފުންގެ ދަތިކަމާއި އަދި ދައުލަތުން އެ ކޮމިޝަނަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވުމެވެ.

މި އޮޑިޓަށް ފަހު ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ އޭސީސީގެ މެމްބަރުން ވަކި ކުރުމުގެ މަރުހަލާ ފެށުމަށެވެ. އެ މެމްބަރުން ވަކިކުރުމަށް ކުރި ތުހުމަތުތަކަށް ލިޔުމުން ޖަވާބު ދޭން އެދުމުން ތިން މެމްބަރަކު މިއަދު ވަނީ ކޮމިޓީއަށް ޖަވާބު ފޮނުއްވައިފަ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން މަސައްކަތް ފަށާފައި ވަނިކޮށް، މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.