Roadha Mihaaru
މީހުން ގިނައިން އެއްވާ ހަރަކާތްތައް ފަސްކުރަން އެދިއްޖެ

މީހުން ގިނައިން އެއްވާ ހަރަކާތްތައް ފަސްކުރަން އެޗްޕީއޭ އިން އެދިއްޖެ

25 ޑިސެމްބަރ 2021

މިއީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ އާއި ކޮވިޑްގެ ވަބާއިން އަދިވެސް އަރަނުގަނެވޭތީ، ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް ވީހާ ވެސް މަދުކުރަން ނުވަތަ ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއީ ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ އާއި ކޮވިޑްގެ ވަބާއިން އަދިވެސް އަރަނުގަނެވޭތީ، ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް ވީހާ ވެސް މަދުކުރަން ނުވަތަ ފަސްކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެ އިދާރާ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި ދުވަސްވަރު ރާއްޖެ އިން ބޭރަށާއި ރަށްރަށަށް ދަތުރުކުރުމާއި ހިތާނީ ހަފުލާތައް އިތުރު ވާތީ، ކޮވިޑު-19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ.

ކުދިންނަށް ރިޕޯޓު ފޮތް ދީ، ސްކޫލްތައް ވަނީ މިދިޔަ ހަފުތާގައި ބަންދުކޮށްފަ އެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ސްކޫލްތައް ދެން ހުޅުވާނީ އަންނަ ޖެނުއަރީ މަހުގެ 16 ގަ އެވެ.

ރާއްޖޭގައި އެތެރޭގައި ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން:

- ކޮވިޑްގެ އަލާމާތެއް ހުރި ނަމަ ދަތުރުނުކުރުން އަދި ވީހާ ވެސް އަވަހަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުން.

- ބޭރުގައި އުޅޭއިރު އަދި ގޭގެ އަށް ޒިޔާރަތް ކުރާއިރު މާސްކް އަޅައި ގައިދުރުކަން ބެހެއްޓުން.

- ގިނަ މީހުން އެއްވެ ތަންތަނަށް ދިއުން މަދުކުރުން.

ރާއްޖެ އިން ބޭރަށް ދަތުރުކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

- ދަތުރުކުރުމުގެ ކުރިން، އެ ގައުމުގެ ކޮވިޑުގެ ހާލަތާއި އެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވުން.

- ހަލުއިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުން.

އެޗްޕީއޭގެ ބަޔާނުގައި، ބުނީ ގިނަ ބަޔަކު އެއްވެގެން ބާއްވާ ހަރަކާތްތައް މަދުކުރުން ނުވަތަ މި ވަގުތަށް ފަސްކުރުން މުހިއްމު ކަމަށެވެ. އެ ފަދަ ހަރަކާތެއް ބާއްވާ ނަމަ ވެސް ވީހާ ވެސް ހާމަ ތަނެއްގައި ބޭއްވުމާއި ޕާޓީތަކާއި ހަފުލާތަކާއި ހިތާނީތައް ބޭއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރަން އެ އިދާރާ އިން އެދެ އެވެ.

ބަލީގެ ހައި ރިސްކް މީހުން އެފަދަ ތަންތަނަށް ދިއުން މަދުކުރުމަށް ވެސް އެދިފައިވެ އެވެ.

"ކޮވިޑު-19 ގެ އާ ވޭރިއެންޓްތައް ވެސް ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ މި ދުވަސްވަރު ކޮވިޑުން ތިމާ އާއި އާއިލާ އަދި މުޖުތަމައު ރައްކާތެރިކުރުމަށް ހުރިހާ އެންމެން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަބަދު ވެސް ސަމާލުވުމަށް އިލްތިމާސް ކުރަމެވެ،" އެޗްޕީއޭއި ން ބުންޏެވެ.