ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކާ މެދު ޖިންސީ ކުށުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި އެތައް ދައުވާއެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެން ހުށަހެޅުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
01 ޑިސެމްބަރ 2021
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކާ މެދު ޖިންސީ ކުށުގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި އެތައް ދައުވާއެއް އޮތް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެއަށް ގެންނަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެން ހުށަހެޅުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މީހަކު ޖާމިނުކޮށްފައި ބޭސްފަރުވާއަށް ކަމަށް ބުނެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިެގެން ގޮތަށް އަނބުރާ ވަޑައެއް ނުގަންނަވަ އެވެ. އަދި އޭނާއަށް ދައުވާ ލިބޭ މައްސަލަތަކުގައި ޝަރީއަތަށް ހާޒިރު ކުރަން ވެސް ވަނީ ދަތިވެފަ އެވެ.
އެންމެ ފަހުން ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމަށް އޭނާ ވަޑައިނުގަތުމުން އެ ކޯޓުން ވަނީ އަލީ ވަހީދު ހާޒިރުކުރަން، އޭނާގެ ބަދަލުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ. އަދި ކޯޓުން ވަނީ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފަ އެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ސްޕޯކްސްޕާސަން ޔޫނުސް ސޮބާހު މިއަދު "މިހާރު" އަށް ވިދާޅުވީ، އަލީ ވަހީދުގެ ހައްޔަރު އަމުރު ލިބުމާ އެކު އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރުމަށް އިންޓަޕޮލްއަށް ހުށަހެޅުމަށް ކުރަން ޖެހޭ އިދާރީ މަސައްކަތްތައް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން އިންޓަޕޮލް ރެޑް ނޯޓިސް ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން މިދަނީ،" ޔޫނުސް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އަލީ ވަހީދު ގެނައުމަށް ރެޑް ނޯޓިސް ނެރުމަށް ފުލުހުން މަސައްކަތް ކުރި އެވެ. އަދި އިނގިރޭސި ވިލާތުގެ ފުލުހުންނާ ގުޅިގެން ވެސް އޭނާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވެ އެވެ. މި ކަންކަމަށް އިންކާރުކޮށް އަލީ ވަހީދު ވިދާޅުވެފައި ވަނީ މި ދައުވާތަކަކީ އޭނާ މަގާމުން ވަކިކުރުމުގެ ރޭވުމެއް ކަމަށެވެ.
އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރުނަސް، ކޯޓުން އޭނާ ދޫކޮށްލައި ރާއްޖެއިން ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަމަޖައްސައިދިނެވެ. ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފުކޮށް މިހާރު އޮތީ ސުޕްރީމް ކޯޓު މަރުހަލާގަ އެވެ.
އޮންލައިންކޮށް ޝަރީއަތް ބާއްވާ މައްސަލައިގެ އަޑުއެހުމަށް އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން އެ ކޯޓުން ވަނީ އޭނާ ހުރުމަތް ކެނޑީ ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. އެ ހުކުމް ވެސް ތަންފީޒު ނުކުރެވެނީ އަލީ ވަހީދު ރާއްޖެއަށް ނުގެނެވުމުންނެވެ.
މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ދިވެހީން ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފައިވެ އެވެ. އޭގެ ތެރޭގައި ސީލައިފް ގްލޯބަލް ކުންފުނީގެ އެމްޑީ އަހުމަދު މޫސާ (އަންމަޓީ)އާއި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ ބައެއް މީހުން ހިމެނެ އެވެ.
އަލީ ހައްޔަރުކުރަން މައުލޫމާތު ހިއްސާކޮށްފި، ގެނެވޭނެ؟
އަލީ ފުރުވާލީ ޖިންސީގޯނާ ސީރިއަސްކޮށް ނުނަގާތީ:އިދިކޮޅު
ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ރާއްޖެ އިން ބޭރަށް
ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި
އަސްވާން ދޫކޮށްލީ ބަންދުކުރަން އެދުނު ގޮތް ގޯސްވުމުން
ރެޑް ނޯޓިސް ނެރެގެން ހޯދި ތިން މީހުން ހައްޔަރު
ރެޑް ނޯޓިސް ނެރެގެން ހޯދަމުންއައި މީހަކު އަތުލައިގަނެފި
ޖިންސީ ގޯނާގެ ދައުވާތަކުން ޓީޗަރު ސަލާމަތްވެއްޖެ
ބިރުދެއްކި މީހާއަށް ޖިންސީގޯނާގެ ތުހުމަތު ވެސް ކުރޭ
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި