Roadha Mihaaru
ޔާމީނަށް އެއްވެސް ސެކިއުރިޓީއެއް ނެތް؟

ޔާމީނަށް އެއްވެސް ސެކިއުރިޓީއެއް ނެތް؟

30 ނޮވެމްބަރ 2021

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޖަލުން މިނިވަންވުމަށް ފަހު، އެއްވެސް ސެކިއުރިޓީއެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ވަޑައިގަތް މައްސަލަ ފެންމަތިވެއްޖެ އެވެ. ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، އެމަނިކުފާނު މިހާރު ވެސް ހުންނެވީ މަގުމަތީގައި، ސަޕޯޓަރުންނާ ސަލާމްކުރައްވާށެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޖަލުން މިނިވަންވުމަށް ފަހު، އެއްވެސް ސެކިއުރިޓީއެއް ނެތި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ވަޑައިގަތް މައްސަލަ ފެންމަތިވެއްޖެ އެވެ. ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު، އެމަނިކުފާނު މިހާރު ވެސް ހުންނެވީ މަގުމަތީގައި، ސަޕޯޓަރުންނާ ސަލާމްކުރައްވާށެވެ.

ކޯޓުން ނުކުމެގެން ޔާމީން ގެކޮޅަށް ވަޑައިގެން މަގުމަތީގައި ވެސް ސަޕޯޓަރުން އެމަނިކުފާނު ވަށާލާފައި އޮތް އިރު، އެމަނިކުފާނުގެ ސެކިއުރިޓީ ކޮބައިތޯ އާންމުންނާއި ނޫސްވެރިން ވެސް އަންނަނީ ސުވާލު ކުރަމުންނެވެ. ބައެއް ނޫސްވެރިން ފާހަގަކުރި ގޮތުގައި، އެމަނިކުފާނަކީ ކުރިން ވެސް މަރުގެ ހަމަލާއެއް ކުރިމަތިވެ ވަޑައިގެން ހުންނެވި ބޭފުޅަކަށް ވާއިރު، އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ޖެހެ އެވެ. އަދި އެއްވެސް ރައްކާތެރިކަމެއް ނެތި އެމަނިކުފާނު އާންމުންގެ ތެރޭގައި ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ސަޕޯޓަރުން ބުނެ އެވެ.

ޕީޕީއެމް އޮފީސް ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ތިބިއިރު، އެ ސަރަހައްދުގައި ފުލުހުން ވެސް ވަރަށް މަދެވެ. ޔާމީނަށް މަގު ދައްކައި، މީހުން އެއްފަރާތްކޮށް ހަދަނީ ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް އާންމުންނެވެ.

މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ގާނޫނު ބުނާ ގޮތުން، މަނީ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީނުގެ މައްޗަށް ކުރި ހުކުމް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ އެކު، ކުރީގެ ރައީސުންނަށް ލިބިދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތައް ލިބެން ޖެހެ އެވެ.

ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު، 28، 2019ގަ އެވެ.

އެ ދައުވާ ކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފުން ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެ މަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.

ރައީސް ޔާމީން ޕީޕީއެމް އޮފީސް ކައިރީގައި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

ރައީސް ޔާމީން ޕީޕީއެމް އޮފީސް ކައިރީގައި ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ-- މިހާރު ފޮޓޯ

މި މައްސަލައިގައި ޔާމީނަށް އިއްވީ ބޭއިންސާފު ހުކުމެއް ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ އެކު އެ މަނިކުފާނު މިއަދު ވަނީ ސަލާމަތްވެފަ އެވެ.