Roadha Mihaaru
ރައީސް، ނަފްރަތުގެ ބިލް ތަސްދީގު ކުރައްވައިފި

ރައީސް، ނަފްރަތުގެ ބިލް ތަސްދީގު ކުރައްވައިފި

28 ނޮވެމްބަރ 2021

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އަދި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ބުނެ ވާހަކަ ދެއްކުން ފަދަ ނަފްރަތުގެ ކުށްތައް މަނާކުރަން ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި އަދި މުސްލިމަކާ ދިމާލަށް ކާފަރެއް ކަމަށް ބުނެ ވާހަކަ ދެއްކުން ފަދަ ނަފްރަތުގެ ކުށްތައް މަނާކުރަން ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަަސްދީގު ކުރައްވައިފި އެވެ.

ނަފްރަތުގެ ބިލުގެ ނަމުން މަޝްހޫރުވި އެ ބިލް، އެ މަނިކުފާނު ތަސްދީގު ކުރެއްވުމާއެކު، އެ އިސްލާހު ގާނޫނަކަށް ވަނީ ވެފަ އެވެ. އެ އިސްލާހުގައިވާ ގޮތުން އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އިތުރުން މުސްލިމަކީ ކާފެއް ކަމަށް ބުނުމަކީ ވެސް ކުށެކެވެ.

އެގޮތުން އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ ރައުޔަކާ ޚިލާފު ނުވާ ގޮތަށް މުސްލިމަކު ޚިޔާލެއް ފާޅު ނުކުރަނީސް ނުވަތަ އަމަލެއް ނުކުރަނީސް، އެއީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނުމަކީ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުހިންގާހާ ހިނދަކު، އޭނާއަކީ ކާފަރެއް ނުވަތަ މުރުތައްދުު ވެފައިވާ މީހެއް ކަމަށް ސިފަކުރުމަކީ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

އެފަދަ ކަމަކާ ގުޅުވައިގެން މީހަކަށް އަނިިޔާ ދޭން ގޮވައިލުން ނުވަތަ އަނިޔާއެއް ދިނުމަކީ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމް އަންނާނެ ކުށެއް ކަމަށް އިސްލާހުގައިވެ އެވެ. އަދި ސިޔާސީ ގޮތުންނާއި ނަސްލީ ގޮތުން މީހަކަށް އަނިޔާއެއް ދޭން ގޮވައިލުމަކީ ވެސް އެފަދަ ކުށެއް ކަމަށް އެ އިސްލާހުުގައިވެ އެވެ.

އެ އިސްލާހުގައިވާ ގޮތުން، އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން މާތްﷲ އާއި ރަސޫލާގެ ސުންނަތާއި ކީރިތި ގުރުއާނަށް ފުރައްސާރަކޮށް، އެ ކަންކަމާ ބެހޭގޮތުން ދޮގު މައުލޫމާތު ފެތުރުމަކީ ކުށެކެވެ. އެކަމަކު އިސްލާމްދީނުގެ ހުކުމްތަައް ބަޔާންކުރަން ހުރަހެއް ނެތް ކަމަށް އިސްލާހުގައިވެ އެވެ.

ސަރުކާރުން އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއިރު، އޭގައި އޮތްގޮތުން އެއީ އިސްލާމްދީނާ ދެކޮޅު މީހުން ހިމާޔަތް ކުރާ ބިލެއް ކަމަށް ބުނެ އެކަމުގެ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އެހެންވެ، ފަހުން ކޮމިޓީ މަރުހަލާގައި އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެ އެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ ކުށް ބަޔާންކުރާ ބަޔަށް ބަދަލުތަކެއް ގެނައީ ކޮމިޓީ މަރުހަލާގަ އެވެ.