Roadha Mihaaru
ކުރިން ސިޒޭރިއަން ހެދި ތަނުން ލޭ އައިސް މަރު

ކުރިން ސިޒޭރިއަން ހެދި ތަނުން ލޭ އައިސް ފުރާނަ ސަލާމަތެއް ނުވި

20 ނޮވެމްބަރ 2021

މީގެ ކުރިން ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބާތީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ މާބަނޑު މީހަކަށް ފަރުވާދެމުން އަންނަނިކޮށް ރޭ އެ މީހާ މަރުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މީގެ ކުރިން ސިޒޭރިއަން ހެދި ލަކުނު ފަޅައިގެން ގޮސް ލޭ ފައިބާތީ ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށް އިއްޔެ ގެންދިޔަ މާބަނޑު މީހަކަށް ފަރުވާދެމުން އަންނަނިކޮށް ރޭ އެ މީހާ މަރުވެއްޖެ އެވެ.

ގަމު ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މުހަމައްދު ޝިޔާމް މިރޭ "މިހާރު" އަށް ވިދާޅުވީ މަރުވެފައި ވަނީ ލ. ހިތަދޫން އެ ހޮސްޕިޓަލަށް ގެންދިޔަ 41 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އަންހެން މީހާ އިއްޔެ ހެނދުނު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް، އޭނާ ކުރިން ސިޒޭރިއަން ހަދައިފައި ހުރި ތަން ކުޑަކޮށް އިރައިގެން ގޮސް، ލޭ ފައިބާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ފަހަރަކު ޑޮކްޓަރަށް ދައްކާފައި ވަނީ. ބަނޑަށް 25 ވަނަ ހަފުތާގައި ސްކޭނެއް ހަދައިފައި އިން. އޭގެ ފަހުން އެއްވެސް ވަރަކަށް ޑޮކްޓަރަށް ދައްކާފައެއް ނެތް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އޭނާގެ ބަނޑުން ނެގި ތުއްތުކުއްޖާގެ ހާލަތު ވެސް ވަރަށް ސީރިއަސް ކަމަށާއި މިހާރު އެ ކުއްޖާ އަށް އޮކްސިޖަން ގުޅައިގެން ފަރުވާ ދެމުން އަންނައިރު، އިތުރު ފަރުވާ އަށް މާލެ ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެ ކުއްޖާ އަށް، 8 މަހުގައި ނެގިއިރު، ބަރުދަނުގައި ހުރީ 1.8 ކިލޯ އެވެ.

އަންހެން މީހާގެ ބަނޑުން ލޭ ފައިބާތީ އާއި ކުއްޖާގެ ވިންދު ދަށްވާ ކަމަށް ޓެސްޓުތަކުން ދެއްކުމުން ކުއްޖާ ނަގަން އަލުން ރޭ ސިޒޭރިއަން ހެދި އެވެ. ކުއްޖާ ނަގަން ބަނޑު ފަޅާލިއިރު، އޭނާގެ އިންޓާނަލް ބްލީޑިންއެއް ވެސް ހުރި ކަމަށާއި ލޭ މަނާ ނުވުމުން، އޭނާގެ ރަހިމު އެއްކޮށް ނެގި ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

އެ އަންހެން މީހާ މަރުވީ އެ އޮޕަރޭޝަނަށް ފަހު، ރޭ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. އައިސީޔޫ އަށް ބަދަލުކުރީ ވިންދު ދަށްވެ، އޮކްސިޖަން ލެވަލް ވެސް ދަށްވުމުންނެވެ. އޭނާ މަރުވީ އިތުރު ފަރުވާ އަށް މާލެ ފޮނުވަން އުޅެނިކޮށް ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.