Roadha Mihaaru
އެހީ ލިބޭނީ، މަދަނީ ސަރުކާރެއް އުފެއްދުމުން: އެމެރިކާ

ސޫދާނަށް އެހީ ލިބޭނީ، މަދަނީ ސަރުކާރެއް އުފެއްދުމުން: އެމެރިކާ

18 ނޮވެމްބަރ 2021

ބައިނަލްއަގުވާމީ މުޖްތަމައުން ސޫދާނަށް ދެމުން އައި އެހީތައް އަލުން ލިބެން ފަށާނީ، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ބައިނަލްއަގުވާމީ މުޖްތަމައުން ސޫދާނަށް ދެމުން އައި އެހީތައް އަލުން ލިބެން ފަށާނީ، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް މަދަނީ ސަރުކާރަކާ ވެރިކަން ހަވާލުކުރުމުން ކަމަށް އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން، އެފްރިކާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އިއްޔެ ކެންޔާގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ސޫދާނާއި ބައިނަލްއަގުވާމީ މުޖްތަމައާ ދެމެދު ރަނގަޅު ގުޅުމެއް އުފެދޭނީ، ސޫދާންގައި އޮތް އަސްކަރީ ވެރިކަން ނިމުމަކަށް އައުމުން ކަމަށެވެ.

"(އޮކްޓޫބަރު 25ގެ) ކުރިން ސޫދާނުގައި އޮތް އިންތިގާލީ މަރުހަލާގެ ވެރިކަން އަލުން އަނބުރާ އައުން ވަރަށް މުހިންމު. އެ ގައުމުގެ ކަންތައް ސިފައިން ހަމަ މަގަށް އަޅުވައިފިއްޔާ އަދި އޭގެ ފަހުން ފުރިހަމަ ކުރަންޖެހޭ ކަންތައް ފުރިހަމަ ކޮށްފިއްޔާ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ބައިނަލްއަގުވާމީ މުޖްތަމައުން ކުރިން ލިބެމުން އައި އެހީތެރިކަން އަލުން ލިބެން ފަށާނެ. ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީއަކީ ވަރަށް ބޮޑު ބާރެއް،" ބްލިންކެން ވިދާޅުވި އެވެ.

"ނޮވެމްބަރު 17ގެ މިލިއަން"ގެ ނަމުގައި، ވެރިރަށް ޚުރުތޫމްގައި އިއްޔެ ބޭއްވި މުޒާހަރާގެ ބައިވެރިންނާއި ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި 15 މީހުން ވަނީ މަރުވެފަ އެވެ. އިއްޔެގެ މުޒާހަރާގައި މަރުވި މީހުންނާއެކު، އޮކްޓޫބަރު 25 އިން ފެށިގެން ކުރަމުން އަންނަ މުޒާހަރާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 39 އަށް އެރީ އެވެ.

އިއްޔެ އެންމެ ވަރުގަދަ އަށް މުޒާހަރާތައް ކުރީ ވެރިރަށް ޚުރުތޫމްގަ އާއި ވެރިރަށާ ކައިރީގައި އޮންނަ ދެ ސަހަރު ކަމަށްވާ އުއްމު ދުރުމާން އާއި ބަހްރީގަ އެވެ. އާންމުން މުޒާހަރާ ކުރަމުން އަންނަނީ، އިންތިގާލީ މަރުހަލާގެ މަދަނީ ސަރުކާރު، މިދިޔަ އޮކްޓޫބަރުގެ 25 ވަނަ ދުވަހު އުވާލައި، ވެރިކަމުގެ ބާރުތައް ސިފައިންގެ ބާރުގެ ދަށަށް ގެންދިއުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.

އިއްޔެގެ މުޒާހަރާ ރޫޅައިލުމަށް ސިފައިން ބާރުގެ ބޭނުންކުރުމުން މަރުވި މީހުންގެ އިތުރުން އެތައް ބަޔަކު ޒަހަމަވެގެން އަންނަނީ ފަރުވާ ދެމުންނެވެ. ޚުރުތޫމުގައި ތިބި ބޭރުގެ ނޫސްވެރިން ބުނި ގޮތުގައި މުޒާހަރާ ކުރިއަށް ދިޔަ އިރު، އެންމެ ފުރަތަމަ އިވެން ފެށީ ބަޑި ޖަހާ އަޑެވެ. އޭގެ ފަހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ކަރުނަގޭސް ޖެހީ އެވެ.

ނޫސްވެރިން ބުނި ގޮތުގައި ހަމަނުޖެހުމަށް މަގު ފަހިވީ، މުޒާހަރާ ފެށުމާ އެކު، ސިފައިން މަގުތަކަށް ނުކުމެ، ބައެއް މަގުތައް ބަންދުކޮށް މުޒާހަރާގެ ބައިވެރިންނަށް ހުރަސް އެޅުމުންނެވެ. އަދި ވެރިރަށާއި އެހެން ބޮޑެތި ރަށްތައް ގުޅުވައިދޭ ބްރިޖްތައް ވެސް ސިފައިން ވަނީ މާ ކުރިން ބަންދުކޮށްފަ އެވެ. އެހެންކަމުން، މުޒާހަރާގައި ބައިވެރިވުމަށް ދުރު ހިސާބުތަކުން އައި މީހުންނަށް ވެރިރަށަށް ވަދެވޭ ގޮތެއް ނުވި އެވެ.

އޮކްޓޫބަރު 25 ގައި ސަރުކާރު އުވައިލުމަށް ފަހު، ސޫދާންގެ އަސްކަރީ ވެރިކަމުގެ ފަރާތުން ވަނީ، އެ ގައުމުގައި އިންޓަނެޓާއި ފޯން ކޯލްގެ ހިދުމަތް މެދުކަނޑާލައިފަ އެވެ. އޭގެ އިތުރުން އިއްޔެގެ މުޒާހަރާ ފެށުމުގެ އެތައް ގަޑިއިރެއް ކުރިން، މޯބައިލް ފޯނުގެ ހިދުމަތް ވެސް މެދުކަނޑައިލި އެވެ.

އިއްޔެގެ މުޒާހަރާގައި ވެސް ބައިވެރިން ގޮވަމުން ދިޔައީ، އަސްކަރީ ވެރިކަން ނިމުމަކަށް ގެނެސް، މިހާރު މަގާމުން ދުރުކޮށްފައި ހުންނެވި ބޮޑުވަޒީރު އަބްދުﷲ ހަމްދޫކު އަލުން އެ މަގާމަށް އައްޔަންކޮށް، މަދަނީ ސަރުކާރެއް އެކުލަވައިލުމަށެވެ. އެހެން ނޫން ނަމަ، އަސްކަރީ ވެރިކަމާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތައް ހުއްޓައިނުލާނެ ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ބުނެ އެވެ.