Roadha Mihaaru
މޫސުން ގޯސްވެ ވެންކޫވާގެ ދަތުރުފަތުރު ހުއްޓުމަކަށް

މޫސުން ގޯސްވެ ވެންކޫވާގެ ދަތުރުފަތުރު ހުއްޓުމަކަށް

17 ނޮވެމްބަރ 2021

ކެނެޑާގެ ވެންކޫވާގެ މޫސުން އާދަޔާ ޚިލާފަށް ގޯސްވެ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، އެ ސަހަރުގެ އާންމު ދަތުރުފަތުރަށް ހުއްޓުން އަރައިފި އެވެ.

ކެނެޑާގެ ވެންކޫވާގެ މޫސުން އާދަޔާ ޚިލާފަށް ގޯސްވެ، ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، އެ ސަހަރުގެ އާންމު ދަތުރުފަތުރަށް ހުއްޓުން އަރައިފި އެވެ.

ކެނެޑާ ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވި ގޮތުގައި މިއީ މިދިޔަ ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް ކެނެޑާ ތަޖުރިބާ ނުކުރާ ވަރުގެ މޫސުމީ ބަދަލުތަކެކެވެ. ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ ސަބަބުން، ވެންކޫވާއާ އެހެން ސަހަރުތަކާ ގުޅުވައިދޭ މައި ދެ މަގެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވެންކޫވާގެ ބިންގަނޑު ތިރި ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ސަރަހައްދުތަކަށް ބަދަލުވެފަ އެވެ. ބައެއް ސަރަހައްދުތަކުގައި އުސް ތަންތަނުން ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފޭބުމުގެ ހާދިސާތައް ވެސް މެދުވެރިވެފައިވެ އެވެ.

ނޮވެމްބަރު 16، 2021؛ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަރުބަދައަކުން ފައިބައިގެން ދިޔަ ވެލިތަކެއް، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ސަރަހައްދުގެ ހައިވޭއަކަށް އެޅި މަގު ބަންދުވެފައި. --އޭއެފްޕީ

ނޮވެމްބަރު 16، 2021؛ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފަރުބަދައަކުން ފައިބައިގެން ދިޔަ ވެލިތަކެއް، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާ ސަރަހައްދުގެ ހައިވޭއަކަށް އެޅި މަގު ބަންދުވެފައި. --އޭއެފްޕީ

އެފަދަ އެއް ހާދިސާއެއްގައި އަންހެނަކު މަރުވެފައިވާ ކަމަށް، ވެންކޫވާގެ އޮފިޝަލުން ބުންޏެވެ. އަދި އިތުރު ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް ބުންޏެވެ. އަދި ބިންގަނޑު ކަނޑައިގެން ގޮސްގެން ފޭބި ވެލިތަކާއި ކިސަޑުތަކުގެ ދަށުގައި، ބައިވަރު އެއްގަމު އުޅަނދުތައް ވަޅުލެވިފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ވެލި ފަރުބަދައަކުން ބޮޑު ބައެއް ފައިބައިގެން ދިޔަ އިރު އެތައް ބައިވަރު އެއްގަމު އުޅަނދެއް ވަނީ އެ ވެލިގަނޑާ އެކުގައި ގޮސް ފޮރުވިފަ އެވެ. ބޯ ވާރޭގެ ތެރޭގައި އެ ވެލިގަނޑު ފަރުބަދައިން ވަކިވެގެން އައީ، ބިޔަ ސުނާމީއެއް އަންނަ ފަދަ ގޮތަކަށް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ބައެއް ސަރަހައްދުތަކުގައި ކޯރުތައް ފުރިގެން ބަންޑުންވުމުގެ ނުރައްކާ އޮތުމުން، ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ މީހުން އެހެން ސަރަހައްދުތަކަށް ދިއުމަށް ހޯމަ ދުވަހު ވަނީ އަންގައިފަ އެވެ. ހޯމަ ދުވަހު ބޯކޮށް ވާރޭ ވެހުމުގެ އިތުރުން، އިއްޔެ ވަނީ ވަރަށް ބޯކޮށް ބައެއް ސަރަހައްދުތަކަށް ސްނޯ ވެސް ފައިބައިފަ އެވެ.

މަގުމަތީގައި އެތައް ފޫޓެއްގެ އުސްމިނަށް ހެދިފައިވާ ފެންގަނޑުގެ މަތީގައި ސްނޯގެ ފަށަލައެއް ފެތުރިފައިވާ އިރު، އެއްގަމު އުޅަނދުތައް ސްނޯތަކުގެ ތެރެއިން އޮޔާ ދެމެމުންދާ މަންޒަރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.