Roadha Mihaaru
ކުށްކޮށްފައި ފުލުހުންނަކަށް ވެސް ރެކިނުގަނެވޭނެ: ޝަމީމް

ގާނޫނާ ހިލާފު ކަންކަން ކޮށްފައި ފުލުހުންނަށް ވެސް ރެކިގަނެގެން ނުދެވޭނެ: ޕީޖީ

14 ނޮވެމްބަރ 2021

ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ނަމަވެސް، ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ރެކިގަނެގެން ނުދެވޭނެ ކަން އެނގެން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި ނަމަވެސް، ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ރެކިގަނެގެން ނުދެވޭނެ ކަން އެނގެން ޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ތުލުސްދޫއަށް ގެންދަނިކޮށް އެ ކުދިންތައް ކަނޑުމަތީގައި ހަމަނުޖެހުން ހިންގަން ފެށުމުން އެ ކުދިންގެ އަތުގައި ފުލުހުން ބިޑި އެޅުވި މައްސަލައިގައި އެޗްއާރްސީއެމްއިން ދައުވާ ކުރަން ފޮނުވީ ޖެންޑާ މިނިސްޓްރީގެ ބޭފުޅުންނާއި ފުލުހުން ވެސް ހިމެނޭ ގޮތަށް 30 މީހަކަށެވެ. އެކަމަކު، ޕީޖީ އޮފީހުން ދައުވާ ކުރީ ހަމައެކަނި 13 ފުލުހަކަށެވެ.

މި މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ފާހަގަ ކުރެވިގެން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައުމުން އެ ކޮމިޝަނުން ބެލި މައްސަލައެކެވެ. ޓޯޗާގެ މައްސަލަތައް ބެލުމުގެ ބާރު އޮންނަނީ އެޗްއާރްސީއެމް އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"އިން މި މައްސަލައާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ފުލުހުންނަށް ދައުވާ ކުރަން ޖެހުމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، ނަމަވެސް އެކަން ގާނޫނީ ގޮތުން ކުރަން ޖެހުމުން ކުރައްވާނެ ކަމަށެވެ.

"ވަރަށް ދެރަ ކަމެއް އަޅުގަނޑުމެން ފުލުހުންގެ މައްޗަށް ދައުވާ ކުރަން ޖެހުމަކީ. އަޅުގަނޑު ވެސް މާ ހިތްހަމަ ޖެހޭ ކަމެއް ނޫން މާ އުފާވާ ކަމެއް ނޫން އެކަމަކު ކުރަން ޖެހޭ ކަމެއް. އެއީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކަމެއް." ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ވެސް ހިމެނޭހެން ދައުލަތް ހިންގަން ތިބި މީހުން ގާނޫނާ ހިލާފު ކަންކަން ކޮށްފައި ރެކިގަނެވެގެން ނުދެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ. ކުޑަކުދިންނާ މެދު އެކަހަލަ ކަންކަން ކުރާ މީހުންގެ ވާހަކަ ހާއްސަކޮށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް އެބަ އެނގެން ޖެހޭ ފުލުހުންނަށް ވެސް ހުރިހާ އެންމެންނަށް ވެސް، ހާއްސަކޮށް ކުޑަކުދިންނަށް އެކަހަލަ ކަންކަން ކޮށްފައި، ހަމަ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންކަން ކަމަށް ގަބޫލު ކުރެވޭ ކަންކަން ކޮށްފައި އޭގެން ރެކިގެނެއް ނުދެވޭނެ. ދެވިގެން ވެސް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

"ދައުލަތް ހިންގަން ތިބި މީހުންނަށް ވެސް އެބަ އެނގެން ޖެހޭ ފުލުހުންނަށް ވެސް ހުރިހާ އެންމެންނަށް ވެސް، ހާއްސަކޮށް ކުޑަކުދިންނަށް އެކަހަލަ ކަންކަން ކޮށްފައި، ހަމަ ކަނޑައެޅިގެން ގާނޫނާ ހިލާފު ކަންކަން ކަމަށް ގަބޫލު ކުރެވޭ ކަންކަން ކޮށްފައި އޭގެން ރެކިގެނެއް ނުދެވޭނެ. ދެވިގެން ވެސް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

މި މައްސަލައިގައި ފުލުހުންގެ އެފްސީޕީޑީގެ ވެރިޔާ މުހައްމަދު ބަޝީރަށާއި ރައީސް ޔާމީންގެ ސަރުކާރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އަށް ވެސް ދައުވާ ކުރަން ފޮނުވި އެވެ. އެކަމަކު، ޕީޖީ އޮފީހުން ނިންމީ ދައުވާ ނުކުރާށެވެ. އެއީ އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެވެ. އެ ނިންމުމުން ނިންމުމުގައި އެއްވެސް ނުފޫޒެއް ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ބިޑި އެޅުވުމާ ބެހޭ ގަވައިދު ލިޔުއްވީ އޭނާކަން ފާހަަގަ ކުރައްވައި ޝަމީމް ވިދާޅުވީ، ކުރިމައްޗަށް ވިޔަސް ފަހަތަށް ވިޔަސް ބިޑި އަޅުވާފައި ހުއްޓާ ކުއްޖަކު ކަނޑަށް ފުންމާލައިފި ނަމަ ދާނީ އަޑިއަށް ކަމަށެވެ. އެހެންކަމުން، އެއީ އެ ކުދިންގެ ރައްކާތެރިކަމަށްޓަކައި ކުރި ކަމެއް ކަމަށް ބުންޏަސް ކުދިންގެ ރައްކާތެރި ކަމަށް ޓަކައި އަޅުވަން ޖެހޭނީ ލައިފް ޖެކެޓު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުދިންގެ ރައްކާތެރިކަމަށް ޓަކައި އަޅުވަން ޖެހޭނީ ލައިފް ޖެކެޓު. ބިޑިއެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.

ހިޔާގެ ކުދިންގެ އަތުގައި ކަނޑުމަތީގައި ބިޑި އެޅުވި އިރު އެ ފެރީގައި އެ ކުދިން ބަލަހައްޓާ ޖެންޑާގެ މުވައްޒަފުން ވެސް ތިއްބެވެ. އުޅަނދުގައި ތިބި ޖެންޑާގެ މުވައްޒަފުންގެ މައްޗަށް ދައުވާ ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ، ވަކި މައްސަލައެއްގައި ހުށަހަޅާފައިވާ ހެއްކަށް ބަލައި މައްސަލަ ސާބިތު ކުރެވޭނެ ކަމަށް ނުފެންނަ ނަމަ ކޯޓަށް ހުށަނާޅާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދަތުރުގައި ދިޔަ ޖެންޑާގެ ބޭފުޅަކު އެ މައްސަލަ އެޗްއާރުސީއެމްއަށް ރިޕޯޓު ކުރި އެވެ. އެހެން ނަމަވެސް، އެ މައްސަލަ ނުބަލައި ބާއްވާފައި އޮތީ އެވެ. އެ މައްސަލަ ފާހަގަވީ މާ ފަހުން ރިޔާސީ ކޮމިޝަނަށެވެ.