Roadha Mihaaru
ޑްރަގްގެ ގިނަ ނެޓްވޯކްތަކެއްގެ ކޮންޓްރޯލް އޮތީ ޖަލުގައި

ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކެއްގެ ކޮންޓްރޯލް ޖަލު ތެރޭގައި

11 ނޮވެމްބަރ 2021

ކުރިމަތީގައި އިން ރައްޓެއްސަކަށް އައި ކޯލެކެވެ. ކަންފަތުގައި ފޯނު ޖެހި ގޮތަށް އޭނާ ބުންޏެވެ؛

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރިމަތީގައި އިން ރައްޓެއްސަކަށް އައި ކޯލެކެވެ. ކަންފަތުގައި ފޯނު ޖެހި ގޮތަށް އޭނާ ބުންޏެވެ؛

"ހުރިހާ ކަމެއް ހަމަޖައްސައިފައި މަ ކައޭ އަށް ގުޅާނަން، ސަޅިކޮށް ދާނެ... އާނ... ރީލޯޑެއް ކޮށްލާނަން."

ސަމާސާ ރާގަކަށް އޭނާ ބުނީ، އެއީ "ޖަލު ޑިޕާޓްމަންޓުން" އައި ކޯލެއް ކަމަށެވެ. އެ ބުނަނީ މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި ދާދިފަހުން ހައްޔަރުކޮށް، އަދި ދޫނުވެ ޖަލު ގޮޅީގައި ތިބި ނުރައްކާތެރި ބައެއްގެ ވާހަކަ އެވެ.

ޖަލަށް ފޯނު ވެއްދުމާއި، ގައިދީން އަބަދު އޮންލައިންގައި ތިބޭ ވާހަކަ އަބަދުވެސް އިވެ އެވެ. "ޓެރަރިސްޓުން އުފައްދަން" މީހުންގެ ސިކުނޑި ދޮންނަ ކަމާއި ގޮޅި ތެރޭގައި މަސްތުވެ، ޕާޓީ ކުރާ ވާހަކަ ވެސް ދެކެވެ އެވެ. ފްރޯޑް ކޯލްތަކާއި އޮޅުވާލައިގެން ފައިސާ ހޯދުމުގެ ހުރިހާ ކަމެއް ހިންގައި، އޮޕަރޭޓް ކުރަނީ ސީދާ ޖަލުގެ ގޮޅިތަކުގެ ތެރެއިން ކަން އެއްވެސް ސަރުކާރަކުން ނުބުންޏަސް، އެއީ އެންމެންނަށް އެނގޭ ކަންތައްތަކެވެ. އޭގެ ފަހަތުގައި ތިބެގެން ކަރެކްޝަންސްގެ ގްރައުންޑް ލެވަލްގެ ބައެއް އޮފިސަރުންނާއި އިސް މަގާމުތަކުގައި ތިބި ބައެއް އޮފިސަރުން ކުރާ ބޮޑެތި ވަގު ވިޔަފާރިތަކުގެ ވާހަކައަކީ ވެސް އެންމެނަށް އެނގޭ "ބޮޑު ސިއްރެކެވެ."

އެކަމަކު ގިނަ މީހުންނަށް އިހުސާސް ވެސް ކޮށް ނުލެވެނީ އެ ޖަރީމާތައް ހިންގާ މީހުންގެ ކުރިމަތީގައި ކޮންމެ ސަރުކާރެއް ކުޑަކަކޫ ޖަހައިގެން ތިއްބާ އެކަންކަން ފުޅާވެ، އޭގެ ތެރެއިން ބޮޑެތި ޑްރަގް ކާޓެލްތައް އުފެދި، އޭގެ މޫތައް މުޅި ރާއްޖެ އަށް ފެތުރެމުންދާ ގޮތެވެ. މާ ބޮޑު އަޅާލުމެއް، އަދި ސަމާލު ކަމެއް ނުދީ ތިއްބާ މުޅި ގައުމަށް އޭގެ ސަބަބުން ނުރައްކާވެފައި އޮތް މިންވަރެވެ.

މާލޭ ޖަލު: ޖަލުތަކަކީ މިހާރު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތައް ވެސް ކޮންޓްރޯލްކުރާ ތަނެއް -- ފައިލް ފޮޓޯ: މިހާރު

މާލޭ ޖަލު: ޖަލުތަކަކީ މިހާރު ގޭންގުތަކާއި ޑްރަގް ނެޓްވޯކްތައް ވެސް ކޮންޓްރޯލްކުރާ ތަނެއް -- ފައިލް ފޮޓޯ: މިހާރު

"ޖަލަށް ވައްދައިފިއްޔާ ކަންމަތީ ޕީސްކޮޅު ވިއްކާ އާދައިގެ ޑީލަރެއް، ބޮޑެތި ކާޓެލްތަކާ ގުޅިގެން އެތައް ސަތޭކަ ކިލޯގެ ޝިޕްމަންޓުތައް ޓްރެފިކް ކުރާ ފެންވަރުގެ މީހަކަށް ވުމުގެ ފުރުސަތު އެބަ ތަނަވަސް ވެގެންދޭ. ރާއްޖެ މިއަދު ޑްރަގުގެ ޓްރާންސިޓް ހަބަކަށް ވެފައި އޮތް އިރު މިހާރުގެ ގިނަ ނެޓްވޯކުތަކުގެ ބޮޑު ބައި ކޮންޓްރޯލް ކުރަނީ ޖަލު ތެރެއިން،" މިފަދަ މައްސަލަތައް ކައިރިން އެނގޭ ތަޖުރިބާކާރަކު، ނަން ސިއްރުކޮށް، ވިދާޅުވި އެވެ.

ޖަލުގައި ޑްރަގް ނެޓްވޯކް އުފެދުމާއި ފުޅާވުން!

ރާއްޖޭގެ ޖަލުތަކާ ގުޅޭ ގޮތުން އޮންނަ އެންމެ ބޮޑު ޝަކުވާއަކީ ޖާގަ ނެތުމެވެ. އެއް ގޮޅިއެއްގައި އެކި ކުށްތައް ކުރާ އެތައް ބަޔަކު ތިބެން ޖެހުމެވެ. ޖަލަށް ލާން ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް މީހުން ވަކިވަކިން ބެހެއްޓުމާއި ޖާގަ ތަނަވަސް ކުރަން މަސައްކަތް ނުކުރާ މައްސަލަ އެވެ. ޖާގައަށް ބަލާފައި ނޫނީ މީހުން ހައްޔަރު ވެސް ނުކުރާ ހިސާބަށް ކަންކަން ގޮސްފައި އޮތް މައްސަލަ އެވެ.

ހަމަ އެގޮތަށް ޑްރަގް ނެޓްވޯކެއްގެ ހައިރާކީގައި ހިމެނޭ ޑްރަގް އެޑިކްޓުންނާއި، އެއް ތަނުން އަނެއް ތަނަށް ޑްރަގް އުފުލައިދޭ މީހުންނާއި، ގޭންގެއްގެ ޑްރަގް ސެލްއެއްގައި ހިމެނޭ ޑީލަރަކު ހައްޔަރު ކޮށްފި ނަމަ އެ އެންމެން ވަންނަން ޖެހެނީ ފުރި ބާރުވެފައިވާ އެ ޖަލަށެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑަކާއި މަސްތުވާތަކެތި ސްމަގުލް ކުރާ މީހެއް އަތުލައިގަތަސް ވަންނަން ޖެހޭނީ ހަމަ އެ މީހުން ތިބި ތަނަަށެވެ.

ރާއްޖެ އަށް މަސްތުވާތަކެތި ހިފައިގެން އަންނަ މީހުން ރާއްޖެއިން ހިފަހައްޓައިފި ނަމަ ކުރިން ޑީޕޯޓު ކޮށްލި ނަމަވެސް 2018 ގައި ގެނައި ބަދަލަކާ އެކު މިހާރު އެ މީހުންނަށް ވެސް ޝަރީއަތްކޮށް ބަންދު ކުރާނީ ރާއްޖޭގަ އެވެ.

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި، 2003 ގައި ލޮރީއަކަށް އަރުވާފައި

ރާއްޖޭގެ ތާރީހުގައި މިހާތަނަށް އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި، 2003 ގައި ލޮރީއަކަށް އަރުވާފައި

ރާއްޖެ ކަނޑާއި ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ އީރާނާއި ޕާކިސްތާނާއި ބްރެޒިލް ނުވަތަ އެ ނޫން ވެސް ގައުމުތަކުގެ މީހުން ހައްޔަރު ކުރާ ހިސާބުން ވެސް، ހަމަ ގޮސް ލާން ޖެހޭނީ ދިވެހި ޑީލަރުންނާއި ޑްރަގުގެ ވިޔަފާރީގައި އުޅޭ އެންމެންގެ ތެރެއަށެވެ. އެހާ ހިސާބުން ރާއްޖޭގެ ޑްރަގް ޑީލަރުންގެ ހައިރާކީ ތެރެއަށް ވަންނަނީ ބޭރުގެ ބޮޑެތި ޑްރަގް ލޯޑުންނާއި ނެޓްވޯކުތަކާ ގުޅުން އޮންނަ މީހުންނެވެ.

"ރާއްޖެއަށް މަސްތުވާތަކެތީގެ އެތެރެ ކުރާ ބޭރުގެ ފަރާތްތަކާ އެކުގައި ޖަލު ތެރޭގައި އުޅެން ފުރުސަތު ލިބުމަކީ އެކަމުގައި އުޅޭ ދިވެހި ފަރާތްތަކަށް ލިބޭ އެޑްވާންޓޭޖެއް. އެއް ތަނެއްގައި ވަކި ނުކުރެވި، އެއް ހާލަތެއްގައި ތިބެން އެ ލިބޭ ފުރުސަތަކީ މަސްތުވާތަކެތީގެ ޓްރެންޑު އޮންނަ ގޮތަށް ބަލާއިރު ބޮޑު ނުރައްކަލެއް. މިއަދު މި ފެންނަ މަންޒަރުތަކަކީ އޭގެ އަސަރު ކަމަށް ވެސް ވެދާނެ،" ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ހެޑް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވި އެވެ.

ޖަލުގައި ޖާގަ ނެތުމާއި އެފަދަ ހުރިހާ ކުށްވެރިން އެއް ތަނަކަށް އެއްވާން ޖެހިފައި އޮންނަ އޮތް މައްސަލަ އިތުރަށް ނުރައްކާތެރިވާ ހިސާބަކީ ޖަލުގައި ފޯނު ފަދަ ތަކެތި ވިއްކުމުގެ ބޮޑު ވިޔަފާރިއެއް ހިންގާތީ އެވެ.

"މިހާރު"ގެ މެދުސަފުހާ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ޝާކިރު ވިދާޅުވި ގޮތުގައި ޖަލު ތެރޭގައި ޑްރަގް ނެޓްވޯކެއް އުފެދި، ފުޅާވާ އެންމެ ބޮޑު އެއް ސަބަބަކީ އެ މީހުންނަށް އެކަކު އަނެކަކާ މުއާމަލާތް ކުރުމަށް މަގުފަހިވެފައި އޮންނާތީ އެވެ.

ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ރާއްޖޭގެ ހުރިހާ ހިސާބަކާ ބަރާބަރަށް ފޯނުގެ ޒަރިއްޔާ އިން ގުޅިފައި އޮންނައިރު، އޮންލައިންކޮށް ދުނިޔޭގެ ކޮންމެ ހިސާބަކާ ވެސް މުއާމަލާތް ކުރުމަށް އޮންނަނީ ފުރުސަތު ހުޅުވިފަ އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރު މިހާރުގެ "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ވެރިޔާ އަހުމަދު ޝާކިރު މިހާރުގެ "މެދުސަފުހާ" އަށް އިންޓަވިއު ދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެހެންކަމުން ޖަލުގައި ތިބޭ ބޭރުގެ ފަރާތްތަކާ ގުޅިގެން ގެއްލުނު ފައިސާތައް ރިކަވާ ކުރުމާއި ނެޓްވޯކް އިތުރަށް ފުޅާ ކުރުމާއި ޑްރަގް ރޯލް ކުރުމުގެ މަސައްކަތް ބަރާބަރަށް ކުރިޔަށް ގެންދެ އެވެ. އަދި ޖަލުން ބޭރަށް މައުލޫމާތު ފޯރުކޮށްދިނުމާއި ބައެއް "ފޭވާތައް" ކޮށްދިނުމުގައި ބައެއް ޕްރޮސެކިއުޓަރުންނާ ގުޅިފައި ތިބި ރާއްޖޭގެ ނަން މަޝްހޫރު ބައެއް ވަކީލުން މެދުވެރިކޮށް ވެސް އެ މުއާމަލާތްތައް ހިންގަ އެވެ.

"ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާ ފައިސާ ރިކަވާ ކުރުމަށްޓަކައި ޖަލުން އޯޑަރު އައިސްގެން ބޮޑެތި ވައްކަންތައް ހިންގައި ތިޖޫރި ވަގަށް ނެގުން ފަދަ ކަންކަން ކުރާ ކަމަށް ބެލެވޭ ބޮޑެތި ހެކިތައް އެބަހުރި. ޑްރަގް ނެޓްވޯކުތަކަށް އިންޓަފިއާ ކުރާ ވަރަކަށް ވައްކަމާއި ފޭރުމާއި ސިޔާސީ ޕްރެޝަރުތައް ވެސް ބޮޑުވާނެ،"

"ކަމާބެހޭ ފަރާތްތަކުން ހިފަހައްޓާ ފައިސާ ރިކަވާ ކުރުމަށްޓަކައި ޖަލުން އޯޑަރު އައިސްގެން ބޮޑެތި ވައްކަންތައް ހިންގައި ތިޖޫރި ވަގަށް ނެގުން ފަދަ ކަންކަން ކުރާ ކަމަށް ބެލެވޭ ބޮޑެތި ހެކިތައް އެބަހުރި. ޑްރަގް ނެޓްވޯކުތަކަށް އިންޓަފިއާ ކުރާ ވަރަކަށް ވައްކަމާއި ފޭރުމާއި ސިޔާސީ ޕްރެޝަރުތައް ވެސް ބޮޑުވާނެ،" އެ މައުލޫމާތުތައް އެނގޭ މަގާމެއްގައި ހުރި އޮފިޝަލަކު ވިދާޅުވި އެވެ.

ޝަރީއަތްތައް ލަސްވުމަކީ ހުޅުވޭ ނުރައްކާތެރި ދޮރެއް!

ޝަރުއީ ދާއިރާގެ ތެރެއިން މިހާތަނަށް ޑްރަގާ ގުޅޭ މައްސަލައެއް ކާމިޔާބު ވާނީ ހާލަކުން ފަހަރެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކަކީ ޝަރީއަތް ނުފެށި "ވާނުވާގައި" އެތައް އަހަރުތަކެއް ދެމިގެންދާ މައްސަލަތަކެކެވެ.

ޝާކިރު ވިދާޅުވި ގޮތުގައި ޑްރަގް ނެޓްވޯކުތަކާ ގުޅުން އޮންނަ މީހުން ހައްޔަރު ކުރުމަށް ފަހު ވެސް އެ މީހުންނަށް ހައްގު އަދަބު ނުލިބި ގިނަ ދުވަސްވާ ވަރަކަށް އޭގެ ނާޖާއިޒް ފައިދާ އެ މީހުން ވަރަށް ބޮޑަށް ނަގަ އެވެ.

އެއްވެސް އަދަބެއް ނުލިބި ޖަލުގައި ހުންނަ ވަގުތަކީ އަނެއްކާ ވެސް ނެޓްވޯކް ކޮޅަށް ޖަހައި ފައިސާ ހޯދައި ނުފޫޒު ފޯރުވަން ލިބޭ ފުރުސަތުތަކެކެވެ. އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި އެއްވެސް މީހަކަށް ރަނގަޅު އެކަށީގެންވާ އަދަބެއް ނުލިބި ދާނަމަ އެ މީހުންނަށް މާ ބޮޑު ހާސް ކަމެއް ނެތި އެފަދަ ކަންކަން އިތުރަށް ފުޅާ ކުރާނެ ދުވަސް ވެސް އަންނާނެ އެވެ.

މާލޭ ޖަލުގެ އެނެކްސް 1: އެތަން ބަންދުކުރަން ކަރެކްޝަންސް އިން ވަނީ ނިންމާފައި --ފޮޓޯ/ކަރެކްޝަންސް

މާލޭ ޖަލުގެ އެނެކްސް 1: އެތަން ބަންދުކުރަން ކަރެކްޝަންސް އިން ވަނީ ނިންމާފައި --ފޮޓޯ/ކަރެކްޝަންސް

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކުން ހޯދާ ކުއްލި މުއްސަނދިކަމުގެ ތެރެއިން ސިޔާސީ ފަރާތްތަކާއި ޝަރުއީ ނިޒާމުގެ ތެރެއަށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތު އޮވެ އެވެ. އަދި ބައެއް ފަނޑިޔާރުންނަށް ބިރު ދެއްކުމާއި އަނެއްބައި މީހުންނަށް ގޭންގުތަކުން ރައްކާތެރިކަން ދިނުމުގެ ކަންކަން ކުރެ އެވެ.

"މުޅި ޑްރަގް ނެޓްވޯކް ޑިސްރަޕްޓު ކުރެވޭނީ ޝަރީއަތްތައް އަވަސް ކޮށްގެން. ރިކަވާ ވާން ފުރުސަތު ނުދީ މީހުންނަށް އަދަބު ދެވިގެން،" ތަޖުރިބާކާރު ވިދާޅުވި އެވެ.

ބާގަނޑުތައް ބައްދަން އަޅާ ފިޔަވަޅުތައް މަދު!

ކުށްވެރިންނަށް އަދަބު ދިނުމުގެ ގޮތުން ވައްދާ ތަނެއްގެ ސަބަބުން އެ މީހުން މުޖުތަމައުއަށް އިތުރު ނުރައްކަލަކަށް ބަދަލުވާ ހިސާބަށް ކަންކަން ދިއުމަކީ ގައުމުގެ ހާލަތު އޮތް މިންވަރު ދައްކުވައިދޭ އެއް ކަމެކެވެ.

ޖަލުގެ މި މައްސަލަތަކާ ހެދި އެކި ފަހަރުމަތިން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސިއްރު ކޮމިޓީތަކުގައި މަޝްވަރާ ކުރާއިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އަޅާ ތަނެއް ނުފެނެ އެވެ.

ފޯނާއި ޖަލަށް ވެއްދުން މަނާ އެހެން އެއްޗެހި ކަރެކްޝަންސް އޮފިސަރުންނަށް ގެންގުޅެން ހުއްދަ އޮތް ނަމަވެސް ޖަލުތައް ހުންނަ ސަރަހައްދަށް އެ އޮފިސަރުންނަށް ވަދެވެނީ އިތުރަށް ސްކޭން ކުރުމަށް ފަހު އެ ތަކެތި ބަހައްޓައިފަ އެވެ. ނަމަވެސް މި ވަގުތު ވެސް އެތައް ހާސް ރުފިޔާއެއް ދީގެން ފޯނާއި މަނާ އެހެން ތަކެތި ވައްދާއިރު އޭގެ ތެރޭގައި އެތައް ރޭންކަކުން މީހުން ގުޅިފައި އޮތް ކަން އެނގެ އެވެ.

މާފުށީ ޖަލަށް ވައްދަން އުޅުނު ތަކެތި -- ފޮޓޯ: ފުލުހުން

މާފުށީ ޖަލަށް ވައްދަން އުޅުނު ތަކެތި -- ފޮޓޯ: ފުލުހުން

ކޮމިޝަނާ އޮފް ޕްރިޒަން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ޖޭމަރު ހަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމާއި އޮފިސަރުންގެ މައްސަލަތައް ވެސް ކައިރިން ބަލަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ހަމައެކަނި މި ސަރުކާރުން ކުރަން އުޅުނު ކަމެއް ނޫނެވެ. އަދިވެސް މައްސަލަ އޮތީ އޮތްގޮތަށެވެ.

"މިއަދުގެ ޓެކްނޮލޮކީ މާ ފުޅާ. ގެންނަން ބޭނުން ކޮންމެ ހައްލެއް ގެނެވޭނެ. ނެޓުވޯކެއް ވަކި އޭރިއާއެއްގައި ބޭނުން ނުކުރެވޭ ގޮތް ހެދުމަކީ މާ އުނދަގު ކަމެއް ނޫން. އެހެންވެސް އަވަސް ހައްލަކަށް ދާން ޖެހޭ. ޓެލެކޮމް އޮޕަރޭޓު ކުރާ ފަރާތްތަކާއި ޒިންމާ ކުރުވާ ފަރާތްތައް ވެސް މިނޫން ގޮތެއް ހޯދަން ޖެހޭ،" ޝާކިރު ވިދާޅުވި އެވެ.

ކުޑަ ކަމެއް ކޮށްލައިގެން ބޮޑެތި އަދަދުތަކުން ފައިސާ ލިބޭތީ ކޮށްލާ އެންމެ ކަމެއްގެ ސަބަބުން މުޖުތަމައެއް ހަލާކުވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ އެއް މިސާލަކީ މީގެ 10 އަހަރު ކުރިން އެއް ކިލޯ މަސްތުވާތަކެއްޗަކީ ރެކޯޑް އަދަދެކެވެ. މިއަދު 200 އަށް ވުރެ ގިނަ ކިލޯ މަސްތުވާތަކެތި އެއްފަހަރާ އެބަ އަތުލައިގަނެވެ އެވެ. އަދި ބާގަނޑުތައް ތެރެއިން ފުލުހުންނަށް އަތުނުވެ ދޫވާނީ ކިހާ އެއްޗެއް ހެއްޔެވެ؟