17 ނޮވެމްބަރ 2024
(ބުދަ ދުވަހާ ގުޅޭ)
(ބުދަ ދުވަހާ ގުޅޭ)
ނަބާހާ ފޯނުކަނޑައިލިއެވެ. އަހަރެން ބިރުން ތެޅިފޮޅިގަތީމެވެ. ނަބާހާ އަތުން ފޯނު އަތުލީމެވެ. އަނެއްކާ އަހަރެން އަތުން ނަބާހާ ފޯނު ޖަހައިގެންފައި ފޯނު ނިއްވައިލިއެވެ.
"މި ވަގުތަށް އެންމެ ރަނގަޅުވާނީ މި ގޮތް،" ވަރަށް ހަމަޖެހިލާފައި ނަބާހާ ބުންޏެވެ. "ހެނދުނު ފޯނު އޮންކޮށްފައި އެ ނަންބަރު ބްލޮކް ކޮށްލާ!"
ކުއްލިއަކަށް ޒަލަފްއާ ގުޅުން ކަނޑައިލާކަށް އަހަރެން ނުވިސްނަމެވެ. އޭނައަކީ އަހަރެންގެ ފިރިމީހާއެވެ. ވަރި ކުރަންދެން އޭނަ އަށް އެހީތެރިވުމަކީ އަހަރެންގެ ޒިންމާއެކެވެ. އަހަންނާ ނުގުޅޭ ގޮތް ހަދައިފި ނަމަ، ރުޅި އައިސްގެން އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އެ ބިރު ވެސް އޮތެވެ.
"އޭރުންނޯ؟" އަހަންނަށް ބުނެވުނެވެ. "ދަންވަރު މި ތަނަށް އަތުވެއްޖެއްޔާ ޔޯ؟"
"އެކަަކަށް ވެސް ނޭނގޭނެ ދީމާ މި ތަނުގަ ހުރިކަމެއް. ހާސްކަނޑާލާ!" ކޮޓަރި ހުޅުވައިދެމުން ނަބާހާ ބުންޏެވެ. "ދީމާ އޮފީހަށް ދާކަށް ނުޖެހޭނެ. ޗުއްޓީގަ ތި ހުރީ. މިރޭ ދެން ހަމަޖެހިލައިގެން ނިދާލާ! މާދަމާ އަހަރެން ވެސް އޮފީސް ޗުއްޓީ ކޮށްލާނަން. ދެ މީހުން އެކީގަ ޕާޓީ ބާއްވާނީ. މީ ހަމަ ސެލަބްރޭޓް ކުރާ ވަރުގެ ކަމެއް."
ރައްޓެހީންނަކީ އެއީއެވެ. އަހަރެންގެ ހުރިހައި ޒިންމާއެއް ނަގަން އަހަރެން މީ ނަބާހާގެ ކާކު ހެއްޔެވެ؟ މީހުން ބުނަނީ ތެދެކެވެ. ރައްޓެއްސެއްގެ ހަގީގީ ކުލަ ފެންނާނީ އެ ރައްޓެހިކަމުގެ ބޭނުން ޖެހޭ ދަނޑިވަޅުގައެވެ.
"އެންމެ ރަނގަޅު ވާނީ ސިމް ބަދަލުކޮށްލުން،" ނަބާހާ ލަފާދިނެވެ.
"ދީމާ ނުދާން ހުރިއްޔާ، ފިރިމީހާއަކަށް ވެސް ގަދަކަމަކުން ދީމާއެއް ނުގެންދެވޭނެ. މި ސުވާލަށް އަހަންނަށް ޖަވާބުދީ! ދީމާ ބޭނުންތަ ދާން؟"
އަހަރެން ވިސްނައިލީމެވެ. އަހަރެން ނެތުމުން ޒަލަފް ވަރަށް އެކަނިވާނެއެވެ. އޭނައަށް ކަމެއް ކޮށްދޭކަށް އޭނަގެ އާއިލާ މީހުންނަކަށް ވަގުތެއް ނުވާނެއެވެ. އެ މަންޒަރު އަހަރެން ލޮލުން ދެކި އަތުން ހިފައިފީމެވެ. ޒަލަފްއަކީ އަހަރެން ވަރަށް ލޯބިން ކައިވެނިކުރި މީހެކެވެ. އެ ދުވަސް އަހަރެން ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ކައިވެނި މޭޒުދޮށުގައި އިއްވި ހުތުބާގެ އެއް ތަންކޮޅު ވެސް އަހަރެންގެ ކަންފަތުގައި ގުގުމައިލިއެވެ. އެއީ، އެކަކު އަނެކަކުގެ އުފަލާއި ހިތާމައިގައި ބައިވެރިވުމެވެ. ހަގީގަތުގައި މިހެން މި ކަން ވާކަށް ނުޖެހެއެވެ.
"ފިރިމީހާގެ އަމުރަށް އަހަރެން ކިޔަމަން ވާން ޖެހޭނެއްނު!" އަހަރެން ބުނީމެވެ. "އެހެން ނޫނީ އަހަންނަށް އަޒާބު ލިބޭނެއްނު!"
"ފިރިމީހާގެ އަމުރަށް އަނބިމީހާ ކިޔަމަންވާން ޖެހޭނެ. ރަނގަޅު ވާހަކައެއް. އެކަމަކު ފިރިމީހާ ޖެހޭނެ އަނބިމީހާއަށް ހަރަދު ކުރަން ވެސް،" ނަބާހާ ދިނީ ދިގު ޖަވާބެކެވެ.
"ފިރިމީހާއަކަށް އަނބިމީހާއަށް އަނިޔާއެއް ވެސް ނުކުރެވޭނެ. ހިތުގައި ޖައްސައިގެން ވެސް ނުވާނެ. އަނބިމީހާ ނުޖެހޭނެ ފިރިމީހާގެ މަންމަ ބަލާކަށް ވެސް. ފިރިމީހާއަކަށް އަނބިމީހާ ފަލީހަތެއް ވެސް ނުކުރެވޭނެ. ފިރިމީހާ ނުވާނެ އަޅުވާ ކިޔައިގެން ވެސް. ލިސްޓު ހުހެއް ނުވާނެ، އިރު އަރާނީ. ދީމާ އެބަ ޖެހޭ ދީމާ ކުށްވެރި ކުރުން ހުއްޓާލަން. ކިހާ ހިތްވަރެއް ކުރެވިއްޖެ؟ ބުނެބަލަ! ކިހާ ހާލެއްގަ އުޅެވިއްޖެ؟ ކިހާ ކެތެއް ކުރެވިއްޖެ؟ ވިސްނާލަބަލަ! ދީމާއަށް އޭނަ ކޮން ކަމެއް ނުކުރަނީ؟ އަމިއްލަ ނަފުސަށް ތިހާ އަނިޔާ ކުރާކަށް ނުވާނެ ދީމާ! އެއީ ވެސް ހުއްދަ ކަމެއް ނޫނެއްނު؟ އަމިއްލަ އަށް މަރުވާކަށް ދީމާ ހިތަކަށް ނާރާތަ؟"
އަހަރެން ބޯހޫރައިލީމެވެ. އިއްޔެ ވީ ކަމެއްހެން އެ ދުވަސް އަހަރެން ހަނދާން ހުއްޓެވެ. ދުނިޔޭގައި އަހަރެން ހުރީ ދަރިފުޅަށް ޓަކައެވެ.
"މީހަކު އަމިއްލަ އަށް މަރުވާން ވިސްނާނީ ކިހާ ވަރެއް ވީމަ؟ އަނެއްކާ ވެސް ސުވާލު ރިޕީޓު ކޮށްލާނަން،" ނަބާހާ ބުންޏެވެ.
"ގެއަށް ދާން ދީމާ ބޭނުންތަ؟"
އަހަރެން ދެވަނަ ފަހަރަށް ވެސް ވިސްނައިލީމެވެ.
"ބޭނުމިއްޔާ، އަހަރެން ހުރީމަ ނޫނެކޭ ބުނެފަ، އަހަރެން ދިޔައިމަ ގެއަށް ދާން ވިސްނާނެ ކަމެއް ނެތް. އެހެރީ ދޮރު. ދީމާ ދާންވީ،" ވަރަށް އޯގާވެރިކަމާ އެކުގައި ނަބާހާ ބުންޏެވެ.
"އެނގޭތަ؟ ދާން ވެސް އަހަރެން އެހީވާނަން. އަހަރެން ޓެކްސީއަކަށް ގުޅައިދޭނީ ވެސް. އަހަރެން ބޭނުމީ ދީމާ ހެޕީވާން. އެކަމަކު ގެއަށް ގޮއްސިއްޔާ އަހަންނަށް ގެރެންޓީ އެންބިއުލަންސެއްގަ ދީމާ ނެރެން ޖެހޭނީ."
"ބޭނުމެއް ނޫން ދާކަށް!" އަހަރެން ވަގުތުން ނިންމީމެވެ.
"ތިހެންވިއްޔާ ދެނެއް ދީމާއެއް ނުގެންދެވޭނެ،" ޔަގީންކަމާ އެކުގައި ނަބާހާ ބުންޏެވެ. "ލާހިކެއް ނޫން ގެންދާކަށް. ދެން ރެސްޓު ކޮށްލާ! އެއްވެސް ކަމަކަށް ބޭނުންވެއްޖެއްޔާ، ފޯނު އޮންކޮށްލާފަ އަހަންނަށް ގުޅާލާ! އަހަރެން އޮންނާނަން ރިންގް ފުލް ކޮށްލައިގެން، ކަންފަތް ކައިރީގަ ފޯނު ބާއްވައިގެން."
ނަބާހާ އަހަރެން ރޮއްވައިލިއެވެ. ލޯބިވާ ކޮއްކޮއެއްގެ ގައިގައި ބައްދައިގަންނަހެން އޭނަ ގައިގައި އަހަރެން ބައްދައިގަތީމެވެ.
"ޝުކުރިއްޔާ!" ބެދިފައިވާ އަޑަކުން އަހަރެން ބުނީމެވެ. "ދުވަހަކު ވެސް ހަނދާންނުނެތޭ ވަރުގެ ހެޔޮކަމެއް ތި ކޮށްދިނީ."
އަހަރެންގެ ބުރަކަށީގައި ނަބާހާ ފިރުމައިލިއެވެ. ކަރުނަ ފުހެދީފައި، ނުކުންނަން ހިނގައިގެންފައި ހުއްޓުނެވެ.
"އަދި އެއް ވާހަކަ،" ނަބާހާ ބުންޏެވެ. "ފޯނު އޮންކުރާ ވަގުތު، ޒަލަފްގެ ލައްކަ މެސެޖު އަންނާނެ. ގެރެންޓީ! ބިރުގަންނަވާފަ ހުންނާނެ. ވޯނިންގް ވެސް ހުންނާނެ. ނަމަނަމަ އެއްވެސް މެސެޖެއް ޑިލީޓް ނުކުރާތި!"
"އެއީ ކީއްވެ؟" އަހަންނަށް އެހުނެވެ.
"ފަހުން އެ ވާހަކަ ދައްކާނީ،" ނަބާހާ ދަމުން ބުންޏެވެ. "ގުޑްނައިޓް!"
ނަބާހާ ދިޔުމުން ދޮރު ތަންޑު އަޅުވައިފައި އަހަރެން އެނދުގައި އިށީނދެލީމެވެ. ކަރުނަ ފުހެލާފައި، ފުން ނޭވައެއް ބޭރުކޮށްލީމެވެ. ކުޑަ ވަރެއްގެ ފަޅު ކޮޓަރިއެކެވެ. އެހައި އައްޔެއް ވެސް ނޫނެވެ. ހުރީ އެނދަކާއި އަލަމާރިއެކެވެ. އިތުރު މީހަކު ވެސް ނެތެވެ. އެއް ފަރާތުގައި ހުރި ފޮށި ފިޔަވައި އަހަރެންގެ އެއްވެސް އެއްޗެއް އެ ތަނަކު ނެތެވެ. އެކަމަކު އަހަންނަށް ނޭވާލެވުނެވެ. ހާސްކަމެއް ނެތެވެ. އަހަރެން ފޯނަށް ބަލައިލީމެވެ. ފޯނު އޮންކުރުމުން ވާނެ ގޮތް، އެ ވަގުތު އަހަންނަށް ސިފަކުރެވުނެވެ. ބަރިބަރިއަށް މެސެޖުތައް އައެވެ. ވައިބާގެ އަޑު މެސެޖުތައް ވެސް ހުއްޓެވެ. މުޅީން ވެސް ހުރީ އިންޒާރެވެ. އަހަރެން ބޭޒާރުކޮށްލާނެ ވާހަކައެވެ. ފަލީހަތް ކޮށްލާނެ ވާހަކައެވެ. އަހަރެން ފޯނު ނުބައި ފުށަށް ޖެހީމެވެ. ހުރިހައި އަޑެއް އެކޯވަމުން، މަޑުވަމުން ގޮސް ހަމަހިމޭންވިއެވެ. އަހަރެން އެނދުގައި އޮށޯވެލީމެވެ. ކުއްލިއަކަށް ޒަލަފް އެނދުމައްޗަށް ޖެހިގަތެވެ. ސިއްސައިގެންގޮސްފައި އަހަންނަށް ހޭލެވުނެވެ. އެއީ ހުވަފެނެކެވެ. އަނެއްކާ ނިދުނެވެ. އަނެއްކާ ވެސް ހުވަފެނެއް ފެނުނެވެ. ޒަލަފްގެ މޫނު ހުރީ އަހަރެންގެ މޫނުގައި ޖެހޭނުޖެހޭ ހިސާބުގައެވެ. ކުއްލިއަކަށް ހޭލެވުނެވެ. ދެނެއް ނުނިދުނެވެ. ފަތިސްނަމާދު ބަންގީގެ އަޑުއިވުނީ ވެސް އަހަރެން ތަންމިނަށް ލޯހުޅުވައިގެން ވިސްނަން އޮއްވައެވެ. ހިތަށް އެރިއެވެ. އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހެދުމުގައި ޒަލަފް ކާމިޔާބު ހޯދައިފިއެވެ.
ފަތިސްނަމާދު ކުރަން އަހަރެން ބޭނުންވިއެވެ. ގިބުލަ ހުރި ދިމާއެއް ނޭނގުނެވެ. ފޯނު ބަލައިލެވުނެވެ. އޭރު ވެސް ފޯނު އޮތީ ނިއްވައިލައިފައެވެ. ހިތަށް އެރިއެވެ. އަހަރެން ފިލިކަން މިހާރު ޒަލަފަށް ކަށަވަރުވެދާނެއެވެ. ޒަލަފް ހާދަ ވަރަކަށް ގުޅާނެއެވެ. ހާދަހާ މެސެޖެއް ހުންނާނެއެވެ. އަހަރެން ގެއްލިގެން ފުލުހުންނަށް ނާންގާ ކަމެއް ވެސް ނޭނގެއެވެ. އެ ކަމާ ކުޑަކޮށް ބިރުގަތެވެ. ގިބުލަ ހޯދުމަށް ޓަކައި ފޯނު އޮންކުރަން ފޯނު އަތަށް ނަގައިފައި ވެސް، ސުވިޗަށް ފިތައިލާނެ ހިތްވަރެއް ނުލިބުނެވެ. އޮތީ އެންމެ ބިރެކެވެ. އަހަރެން ގެސްޓު ހައުސްއަށް ވަން ތަން ޒަލަފްގެ ރައްޓެއްސަކަށް ފެނިފައި އޮތުމެވެ.
ހެނދުނު އަށެއް ޖަހަން އުޅެނިކޮށް ދޮރުގައި ޓަކިޖެހި އަޑުއިވުނެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. "މީ މަށޭ! ހުޅުވަބަލަ!" ނަބާހާ ބުނި އަޑުއިވުނެވެ.
އަހަރެން ދޮރު ހުޅުވީމެވެ. ނަބާހާ އައީ ހޫނު ކޮފީތަށްޓެއް ހިފައިގެންނެވެ. އެއް ތަށި އަހަންނަށް ދީފައި އަނެއް ތަށި ހިފައިގެން އެނދުގައި އިށީނެވެ.
"ރޭގަ ވަރަށް ގަދަޔަށް ނިދުނު ދޯ؟" އެހެން ބުނެފައި ނަބާހާ ހީނގަތެވެ. "ލޯ ބަލައިލީމަ އެނގޭ ނުނިދާކަން. ކިހިނެއް ނިދޭނީ؟ ނައިންގަ އެޕާޓުމަންޓު ރެޑީ ވާނެ. ހިނގާ ބްރޭކްފާސްޓަށް ދަމާ! މިހާރު ރަނގަޅުވާނެ ފޯނު އޮން ކުރިޔަސް. ބުނޭ ދީމާ މިއަދު ޑިވޯސް ފޯމު ލާނަމޭ!"
އަހަރެން ވިސްނައިލީމެވެ. އެހެން ބުނަން އަހަންނަށް އަވަހެވެ.
"އިހަށް ހިނގާ އޭޓީއެމްއަށް." އަހަރެން ބުނީމެވެ.
"ފުރަތަމަ ދާނީ ސައިބޯން،" ނަބާހާ ބުންޏެވެ. "އޭރުން ރަނގަޅަށް ވިސްނޭނީ. ސައިބޮއިގެން އޭޓީއެމް. އޭރު ހުންނާނީ ނުވައެއް ޖަހާފަ. ދެން ދާނީ އެޕާޓުމަންޓަށް."
"ނުކުމެފަ ދެން ބޭނުމެއް ނޫން މި ތަނަށް ވަންނާކަށް،" އަހަރެން ބުނީމެވެ.
"އެޕާޓުމަންޓަށް ގޮސް ފޮށި ބަހައްޓާފަ ދެން ނައްޓާލަމާ! ލަސްކޮށްލީމަ ބޮޑަށް ބަނޑުހައި ވާނީ. ހީވޭތަ ޒަލަފް ޕޮލިހަށް ގުޅާފާނެހެން؟"
"ހިޔެއް ނުވެއޭ ބުނެފިއްޔާ ދީމާ ތަންކޮޅެއް ރިލެކްސް ވާނެ،" ކޮފީ ފޮދެއް ބޮއިލަމުން ނަބާހާ ބުންޏެވެ.
"އެކަމަކު އަހަންނަށް ހީވަނީ ގުޅާފާނެހެން. އޭނައަކީ އެ ކަހަލަ މީހެއް. އެހެންވެ މި ބުނަނީ ފޯނު އޮންކުރާށޭ
އޭރުން ތި ނަންބަރަށް ޕޮލިހުން ވެސް ގުޅާނެ. މެސެޖު ވެސް ފޮނުވަފާނެ. ނޫހުގަ ދީމާގެ ފޮޓޯ ޖެހުމުގެ ކުރިން ދީމާއަށް ބުނެވޭނެ ވެގެންއުޅޭ ގޮތް. އެ ހިސާބުން ދެން ޕޮލިހުން މީގެ ތެރެއަކަށް ނުވަންނާނެ. މީ އެ މީހުންނާ ބެހޭ ކަމެއް ނޫނެއްނު. އޮންކޮށްލާ ފޯނު. ޒަލަފް ނަންބަރު ބްލޮކް ކޮށްލާ! މިހާ ހިސާބަށް ދިޔައިމަ ދެން ޖެހޭނެ ފޭސް ކުރަން. މިހާރު ތި އޮތީ ކަނޑުވެފަ."
ފޯނު ޖައްސާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. އެ ކަން ކުރީ ނަބާހާއެވެ. ހީކުރި ގޮތަކަށް ކަންތަކެއް ނުވިއެވެ. އައީ އެންމެ މެސެޖެކެވެ.
"ސޮރީ!" ޒަލަފް ލިޔެފައި އޮތެވެ.
އަހަރުމެން ދެ މީހުންނަށް ވެސް ލިބުނީ ޝޮކެކެވެ. އަހަރެން ހުރީ ނިކަން ހިތްވަރު ކޮށްގެންނެވެ. އެތައް މެސެޖަކާ ކުރިމަތިލާން ތައްޔާރު ވެގެންނެވެ. ޒަލަފް މާފަށް އެދުމުން އަހަރެންގެ ހިތަށް ތަދުވިއެވެ.
"އަޅޭ!" އަހަންނަށް ބުނެވުނެވެ. "އޭނަ ޗޭންޖުވީކަން ނޭނގެ."
"އެހާ އަވަހަކަށް މީހަކު ޗޭންޖެއްނުވާނެ،" ނަބާހާ ބުންޏެވެ. "އޭނައަށް ދީމާ އެނގެނީ."
"އެކަމަކު ސޮރީ ބުނީމަ ޖެހޭނެއްނު.." އަހަންނަށް ބުނެވުނީ އެ ހިސާބަށެވެ.
"ދީމާ! އޭނައަށް އެނގޭ އެހެން ބުނީމަ ދީމާގެ ބޮލަށް އެރެވޭނެކަން،" ނަބާހާ ހަނދާންކޮށްދިނެވެ. "އެ ފޮތް ދެން ލައްޕާލާ! އަހަންނަށް ފެންނަ ގޮތް މި ބުނީ. އެތައް އަހަރެއް ވީ ކަމެއް، އެއް ރޭ ހަތަރުދަމުން ޓަސްލާފަ ބަދަލެއް ނުވާނެ."
އަނެއްކާ ވެސް މެސެޖެއް އައެވެ. އަހަރެންގެ ފޯނު ޖެއްސިކަން ޒަލަފަށް އެނގުނީއެވެ.
"އަހަންނަށް މާފުކުރޭ!" ޒަލަފްގެ މެސެޖުގައި އޮތެވެ.
އަހަރެންގެ ހިތް ކުދިކުދިވި ކަހަލައެވެ. (ނުނިމޭ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.