Roadha Mihaaru
ހުޅުމާލޭގައި އަރަބި ސްކޫލެއް ހުޅުވަން އެދި ޕެޓިޝަނެއް

ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުވައިދޭން އެދި އެޑިއުކޭޝަނަށް ޕެޓިޝަނެއް

19 އޮކްޓޯބަރ 2021

ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުވައިދިނުމަށް އެދި 3،000 އަށްވުރެ ގިނަ ބެލެނިވެރިންގެ ސޮޔާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހުޅުވައިދިނުމަށް އެދި 3،000 އަށްވުރެ ގިނަ ބެލެނިވެރިންގެ ސޮޔާ އެކު އެޑިއުކޭޝަން މިނިސްޓްރީއަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ ޕެޓިޝަން ތައްޔާރުކުރުމުގައި އިސްކޮށް އުޅުނު އަރަބިއްޔާގެ ބެލެނިވެރިއެއް ކަމުގައިވާ ޔޫސުފް އަބްދުﷲ "މިހާރު" އަށް ބުނީ ހުޅުމާލޭގެ އާބާދީ ބޮޑުވަމުން އަންނައިރު، އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ވަރަށް މުހިއްމު ކަމަށެވެ.

މާލެ ސަރަހައްދުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު، އަރަބިއްޔާގެ ގިނަ ދަރިވަރުންތަކެއް ވެސް ހުޅުމާލެއަށް ބަދަލުވެފައިވާއިރު، ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކާ ހެދި ބައެއް ދަރިވަރުން އެ ސްކޫލުން ވަނީ ވަކިވެފަ އެވެ. އޭގެ އިތުރުން، ހުޅުމާލޭގައި މި ވަގުތު ދިރިއުޅޭ މީހުންގެ ތެރޭގައި ވެސް އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ބޭނުންވެފައި ތިބި މީހުން ގިނަކަމަށް އޭނާ ބުންޏެވެ.

އެ ކަންކަމާ ގުޅިގެން 3،264 ބެލެނިވެރިން ސޮއިކުރި ޕެޓިޝަން އެޑިއުކޭޝަނާއި އިސްލާމިކް މިނިސްޓްރީ އާއި ރައީސް އޮފީހާއި އެޗްޑީސީ އަދި ދީނީ ޖަމިއްޔާތަކަށް ހުށަހަޅާފައިވެ އެވެ. އެއީ އަރަބިއްޔާގެ ބެލެނިވެރިންގެ އިތުރުން ހުޅުމާލޭގައި މި ވަގުތު ދިރިއުޅޭ މީހުންގެ އިތުރުން އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ބޭނުންވެފައި ތިބި ބެލެނިވެރިންނެވެ.

"ހުޅުމާލެ ބަދަލުވި ކަމުގައި ވިޔަސް އިނގިރޭސި މީޑިއަމަށް ކިޔަވަމުން އައި ކުދިންނަށް، އެ ކުދިންގެ ކިޔެވުން އެބަ ކުރިއަށްގެންދެވޭ ހުޅުމާލޭގެ އެހެން ސްކޫލަކުން. ނަމަވެސް އެ ފުރުސަތެއް އަރަބި މީޑިއަމަށް ކިޔަވާ ކުދިންނަކަށް ނެތް. އެކަން ފަހިކޮށްދިނުމަށް މި އެދެނީ،" ނިމިދިޔަ ދައުރުގައި އެ ސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސަކަށް ހުރި ޔޫސުފް ބުންޏެވެ.

އޭނާ ބުނީި ގޮތުގައި އަރަބި މީޑިއަމް އިން މަތީ ތައުލީމް ހާސިލްކުރުމުން ދަރިވަރުންނަށް މަތީ ތައުލީމުގެ ސްކޮލަޝިޕްގެ ފަހި ފުރުސަތުތައް ލިބެ އެވެ. މިސްރުން ދިން ސްކޮލަޝިޕްގައި މި ވަގުތު ވެސް ރާއްޖޭގެ 35 ދަރިވަރަކު ކިޔަވަމުން އަންނަކަން އޭނާ ފާހަގަކުރި އެވެ.

"ލިބޭ ސްކޮލަޝިޕްތަކާ އެއް ވަރަށް ކުދިން ކިޔަވަން ނުފޮނުވި މި އޮންނަނީ. މި ހުރިހާ ކަމަކަށް ބަލާއިރު ވަރަށް ބޭނުންވޭ އަރަބި މީޑިއަމްގެ ސްކޫލެއް،" ޔޫސުފް ބުންޏެވެ.

ހުޅުމާލޭގައި އަރަބި މީޑިއަމްގެ ސްކޫލެއް ހިންގާނެ ބިމެއް ލިބޭނެ ކަމުގެ ޔަގީންކަން މީގެ ފަސް އަހަރުކުރިން އޭރުގެ ސަރުކާރުން ދިން ކަމަށް ކަމަށް ޔޫސުފް ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ހުޅުމާލޭގައި އިތުރު ސްކޫލުތަކެއް އަޅަން ނިންމައިފަ އެވެ. އޭގެ ބައެއް ސްކޫލުތައް އަޅަން ބަޔަކާ ހަވާލުކުރި ނަމަވެސް އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއް ހިމެނޭކަމެއް އަދި ސާފެއްނުވެ އެވެ.