Roadha Mihaaru
ހޫތީންގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ސައޫދީ އަށް

ހޫތީންގެ މިސައިލާއި ޑްރޯން ހަމަލާތަކެއް ސައޫދީ އަށް

05 ސެޕްޓެމްބަރ 2021

އަވައްޓެރި ޔަމަނުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ މިސައިލާއި ޑްރޯން ބޯޓުތަކުން ސައޫދީ އަރަބިއްޔާ އަށް ދޭ ހަމަލާތައް އިތުރުކޮށްފި އެވެ.

އަވައްޓެރި ޔަމަނުގައި ވަކި ވެރިކަމެއް ގާއިމުކުރުމަށް ހަނގުރާމަ ކުރަމުން އަންނަ ހޫތީ ހަނގުރާމަވެރިންގެ މިސައިލާއި ޑްރޯން ބޯޓުތަކުން ސައޫދީ އަރަބިއްޔާ އަށް ދޭ ހަމަލާތައް އިތުރުކޮށްފި އެވެ.

ސައޫދީ އަރަބިއްޔާގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔަމަންގެ ހޫތީ ހަނގުރާމަވެރިން ދިން ބެލެސްޓިކް މިސައިލްގެ ހަމަލާތަކެއް އެންމެ ފަހުން އަމާޒުކުރީ ސައޫދީ އަރަބިއްޔާގެ ތެލުގެ މުހިންމު ސަރަހައްދެއް ކަމަށްވާ އިރުމަތީގެ ޕްރޮވިންސަށާއި، ދެކުނުގެ ނަޖްރާން އާއި ޖާޒާން އަށެވެ. އެހެން ނަމަވެސް އެ މިސައިލްތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރިން، ސައޫދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ މިސައިލްތަކަށް ހަމަލާދީ ވައިގެ ތެރެއަށް ގޮއްވާލައިފަ އެވެ.

ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ވައިގެ ތެރޭގައި މިސައިލްތައް ގޮއްވައިލުމުން، ދަންމާމް އަށް ފޭބި މިސައިލްގެ ދަނގަޅުކޮޅުތަކުން ޖެހި، ދެ ކުއްޖަކު ޒަހަމްވި އެވެ. އަދި 14 އިމާރާތަކަށް ގެއްލުން ލިބުނެވެ. ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރުމަށް ސައޫދީން އިސްވެ އެކުލަވާލާފައިވާ ގުޅިފައިވާ ލަޝްކަރުން ބުނި ގޮތުގައި، ބެލެސްޓިކް މިސައިލްގެ އިތުރުން، ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތަކެއް ބޭނުންކޮށްގެން ދޭން އުޅުނު ހަމަލާތަކެއް ވެސް ވަނީ ނާކާމިޔާބު ކޮށްލައިފަ އެވެ.

"އީރާނުގެ މަދަދާ އެކު ހަނގުރާމަކުރަމުން އަންނަ ހޫތީން ފޮނުވައިލި ތިން ބެލެސްޓިކް މިސައިލާއި، ގޮވާތަކެތި ހަރުކޮށްފައިވާ ތިން ޑްރޯންވެސް ވަނީ، ސައޫދީ އަރަބިއްޔާގެ ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ ގޮއްވާލާފައި. މިއީ ޒިންމާދާރުކަމެއް ނެތް ވަރަށް އަނިޔާވެރި އަމަލުތަކެއް،" ގުޅިފައިވާ ލަޝްކަރުގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ތުރުކީ އަލް މާލިކީ ވިދާޅުވި އެވެ.

ހޫތީ ހަނގުރާމަވެރިން މިދިޔަ ހަފުތާގައި ދިން ޑްރޯން ހަމަލާއެއް، އަބްހާ ވައިގެ ބަނދަރަށް އަމާޒުވެ މަދަނީ ދަތުރުތަކަށް ބޭނުންކުރާ މަތިންދާބޯޓެއް ހަލާކުވި އެވެ. އަދި މިހާދިސާގައި، އެ ވަގުތު ވައިގެ ބަނދަރުގައި ތިބި އަށް މީހަކަށް ވެސް އެކިވަރުގެ ޒަޚަމްތައް ލިބުނެވެ.

އޭގެ އިތުރުން، ސައޫދީ އަރަބިއްޔާގައި ތެޔޮ އުފައްދާ ކާރުހާނާތަކަށް ވެސް ހޫތީން އަންނަނީ ދޭތެރެ ދޭތެރެއިން ޑްރޯން ހަމަލާތައް ދެމުންނެވެ. ސައޫދީގެ އިރުމަތީގައި އޮންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށް، 2019 ވަނަ އަހަރުގެ ތެރޭގައި ހޫތީން ދިން މިސައިލް ހަމަލާއަކާ ގުޅިގެން، ސައޫދީގެ ތެލުގެ އުފެއްދުންތެރިކަން، ދުވަސްކޮޅަކަށް ދެ ބައިކުޅަ އެއްބަޔަށް ދަށްވެގެން ދިޔަ އެވެ.

ޔަމަންގައި ދާހިލީ ހަނގުރާމަ ވަރުގަދަވެ، 2015 ވަނަ އަހަރުގެ ތެރޭގައި، ވެރިރަށް ސަންއާ އަށް ހޫތީން އެރުމާއެކު، ރައީސް އަބްދު ރައްބު މަންސޫރުގެ ސަރުކާރު ވެއްޓުމުން، ސައޫދީ އަރަބިއްޔާ އިން ވަނީ، ޔަމަންގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވެ ހޫތީންނާ ދެކޮޅަށް ހަމަލާތައް ދޭން ފަށައިފަ އެވެ. ސައޫދީން މި ހަނގުރާމައިގައި ބައިވެރިވުމާ އެކު، އީރާންގެ މަދަދާ އެކު ހަނގުރާމަކުރާ ހޫތީންގެ ހަމަލާތައް ދަނީ ސައޫދީ އަށް އަމާޒުކުރަމުންނެވެ.