Roadha Mihaaru
ފުވައްމުލަކަށް ފެން ހިންދަން ޕަމްޕުތަކެއް ފޮނުވަނީ

ފުވައްމުލަކަށް ފެން ހިންދަން ޕަމްޕުތަކެއް ފޮނުވަނީ

16 މެއި 2021

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ ރައްޔިތުންނަށް ދިމާވެފައި ދަތިތައް ހައްލުކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޕަމްޕުތަކެއް ފޮނުވާނެ ކަމަށް ރައީސް އޮފީހުން މިއަދު އާންމުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވާރެ ވެހި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ އަދި ގޭގެއަށް ފެންވަދެ ނުހިނދި އޮންނަތާ މިއަދަށް މިއީ ފަސް ވަނަ ދުވަހެވެ.

ރައީސް އޮފީހުގެ ވަޓްސްއެޕްގެ ގްރޫޕްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ފުވައްމުލަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި އެންޑީއެމްއޭ އިން، ފެން ހިންދާ ފަސް ޕަންޕާއި އެމްޑަބްލިއުއެސްސީގެ ފަރާތުން އެއް ޕަންޕު ފޮނުވާނެ ކަމަށެވެ. އަދި މި ތަކެތި މިރޭ އެ ރަށަށް ގެންދާނެ ކަމަށެވެ.

މިދިޔަ އަހަރު ވެސް، ފެން ހިންދާ ހަތަރު ޕަންޕެއް ފުވައްމުލަކު ކައުންސިލާ ހަވާލުކުރިކަން ފާހަގަކުރައްވަމުން މަބްރޫކް ވިދާޅުވީ އެ ރަށުގެ ނަރުދަމާ ނިޒާމު ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހިފައިވާ ކަމަށާއި އަދި އެކަން ފެނަކަ ކޯޕަރޭޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ ގެއެއްގެ ތެރޭގައި ފެންބޮޑުވެފައި.-- ފޮޓޯ: ތޯރިގް އަހްމަދު / ފޭސްބުކް

"މިކަމުގައި ދާއިމީ ހައްލެއް ލިބޭނީ ރަނގަޅު ފެން ހިންދާ ނިޒާމެއް ބެހެއްޓިގެން،" މަބްރޫކް ވިދާޅުވި އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ މަގު ހެދުމާއި ފެން ހިންދުމުގެ ނިޒާމު މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަދި އަންނަ ނޮވެމްބަރު މަހަށް ނިންމާލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ފުއްމުލަކުގައި ރަށުތެރޭގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އަހަރު ޖުލައި މަހުގަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން އެ ސިޓީގެ 31 މަގެއް ހަދަން ވަނީ ހަވާލުކޮށްފަ އެވެ. އަދި ފެން ހިންދާ ނިޒާމެއްގެ މަސައްކަތް ކުރުމަށް ވެސް އޮތީ ހަވާލުކޮށްފަ އެވެ.

މެދަށް އަޑިކޮށް އޮންނަ ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ، ހާލަތު މިހާ ގޯސްވީ، އެ ރަށުގެ ބައެއް މީހުން ބުނިގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތުގެ ސަބަބުންނެވެ. އެމްޓީސީސީން އެ މަސައްކަތް ކުރަނީ ވާރޭވެހިގެން ބޮޑުވާ ފެން ރަށުން ބޭރުކުރެވޭނެ އިންތިޒާމެއް ވަގުތީ ގޮތުން ހަމަޖައްސައިނުދީ ކަމަށާއި އެހެންވެ ކާނުތައް ބެދިފައި ހުރުމުގެ ސަބަބުން ފެން ނުހިނދި ގިނައިރު ވެފައިވާ ކަމަށް ބައެއް މީހުން ބުންޏެވެ.