Roadha Mihaaru
އިމްރާންގެ މިހާރުގެ އުންމީދަކީ ހޮލީވުޑްގެ ފިލްމެއް

އިމްރާން ހާޝްމީގެ މިހާރުގެ އުންމީދަކީ ހޮލީވުޑްގެ ފިލްމެއް

09 މެއި 2021

އިންޓަނޭޝަނަލް ފިލްމެއްގައި މަސައްކަތްކުރުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެފަދަ ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ވަރަށް ފަހުން ވެސް ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނޭޝަނަލް ފިލްމެއްގައި މަސައްކަތްކުރުމަކީ ކުރެވޭ ވަރަށް ބޮޑު އުންމީދެއް ކަމަށާއި އެފަދަ ޕްރޮޖެކްޓަކާ ގުޅޭ ގޮތުން ވަރަށް ފަހުން ވެސް ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ ބުނެފި އެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެކަން ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އެކަމަކު ހޮލީވުޑްގެ ޕްރޮޖެކްޓަކަށް އެއްބަސްވާ އިރު، ހަމަ، ފިލްމެއް ކުޅެލުމުގެ ބޭނުމުގައި އެއްޗަކަށް ސޮއިނުކުރާނެ ކަމަށް ބުންޏެވެ.

"އެ އެއްޗެއް ވާން ޖެހޭނެ އަހަރެން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ތަފާތު އެއްޗަކަށް. ކޮންޓެންޓްގެ ގޮތުން ރަނގަޅު އެއްޗަކަށްވުމަކީ އެންމެ މުހިއްމު ކަންތައް،" އިމްރާން ބުންޏެވެ. "ކެރިއަރުގެ މިހާތަނަށް އައި އިރު އަހަންނަށް [ހިންދީ ސިނަމާގައި] ކުރެވިފައި ހުރި މަސައްކަތްތަކާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. އަދި އަބަދު އިސްކަން ދޭނީ ވެސް މި އިންޑަސްޓްރީ އަށް އެކަމަކު ކެރިއަރުގެ މި ހިސާބަށް އައިސްފައި އަހަރެން ގަބޫލުކުރަނީ އެބަޖެހެއޭ ތަފާތުކޮށްލަން ނަމަވެސް އިންޑިއާގެ މާކެޓް ނޫން ދިމާލެއް ތަޖުރިބާކޮށްލަން. އަދި އެއީ ވަރަށް ގަޔާވާ ކަމަކަށް ވާނެ."

އިމްރާން، 43، ބޮލީވުޑަށް ނުކުތީ 2003 ގެ "ފުޓްޕާތު" އިންނެވެ. އެކަމަކު އޭނާ މަޝްހޫރުވީ 2004 ގެ "މާޑާ" އިންނެވެ.

އިމްރާން ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޒެހެރު"، "އާޝިގް ބަނާޔާ އާޕްނޭ"، "އަކްސަރު"، "ގޭންގްސްޓާ"، "ޖަންނަތު" ސީރީޒް، "ރާޒް" ސީރީޒް، "ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ"، "ދަ ޑާޓީ ޕިކްޗާ" އަދި "ހަމާރީ އަދޫރީ ކަހާނީ" ފަދަ ފިލްމުތައް ހިމެނެ އެވެ.

އިމްރާންގެ އެންމެ ފަހުގެ ފިލްމަކީ މާޗް މަހު ރިލީޒްކުރި "މުމްބާއީ ސާގާ" އެެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗެހެރޭ" އާއި "ގަންގޫބާއީ ކަތިއަވާޅީ" އާއި "ޓައިގާ 3" އަދި "އެޒްރާ" ހިމެނެ އެވެ.