Roadha Mihaaru
"ރޭޕް" ކުރި ކުއްޖާއަށް ވަނީ ރައްކާތެރިކަން ދީފައި

ރޭޕްކުރި ކަމަށް ބުނާ ކުޑަކުއްޖާ އަށް ރައްކާތެރިކަން ދީ، ހާލަތު މިދަނީ ބަލަމުން: ޖެންޑާ މިނިސްޓްރީ

26 މާޗް 2021

އުތުރުގެ ރަށެއްގައި "ރޭޕް"ކުރި ކަމަށް ބުނާ އުމުރުން 14 އަހަރުގެ ކުއްޖާ އަށް ރައްކާތެރިކަން ދީފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުތުރުގެ ރަށެއްގައި "ރޭޕް"ކުރި ކަމަށް ބުނާ އުމުރުން 14 އަހަރުގެ ކުއްޖާ އަށް ރައްކާތެރިކަން ދީފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިރޭ ބުނެފި އެވެ.

މި މަހުގެ ކުރީކޮޅު ހިނގި ކަމަށް ބުނާ މައްސަލަ މިހާރު ހޫނުވެފައިވާއިރު، ޖެންޑާ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކަން އެ މިނިސްޓްރީ އަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑާ އިން ބުނީ އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފުލުހުންގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި ގުޅުން ހުރި މުއައްސަސާތަކާއެކު، އެ މައްސަލަ ތަހުގީގުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކުއްޖާގެ ހާލަތު ބަލަމުން ގެންދާ ކަމަށް އެތަނުން ބުންޏެވެ.

ގްރޭޑް އަށެއްގައި ކިޔަވާ އެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރަނީ، އޭނާ ކިޔަވާ ސްކޫލުގެ ޓީޗަރަކަށެވެ. އެކަން ކުރީ ސްކޫލު ކައިރީގައި ހުންނަ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި އެ ވާހަކަ ބުނެފި ނަމަ މަރައިލާނެކަމުގެ އިންޒާރު ވެސް ދިން ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

މި މައްސަލަ ދައުލަތުން ބަލާ ގޮތް، މޮނީޓާ ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް މިރޭ ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި، މި ފަދަ ހާދިސާތައް ހުއްޓުވުމަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރަދަނާ ކުރަން ޖެހެ އެވެ. އެއާއެކު ދައުލަތުގެ މުއައްސަސާތަކުން، ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ވަނީ ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން މަސައްކަތް ކުރާއިރު، ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެފަ އެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ދައުލަތުގެ އިދާރާތަކާއި ފުލުހުންނާއި މީޑިއާ އަދި އަމިއްލަ ފަރުދުންގެ ވަރަށް ބޮޑު ގާނޫނީ ޒިންމާއެއް އޮތް ކަމަށް ވެސް ހަނދާން ކޮށްދިނެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާތީ، ކުޑަކުއްޖާގެ ރަށުގައި އިއްޔެ ވަނީ ބަޔަކު މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާގެ ތެރެއިން، ފުލުހުންނަށާއި އެ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ތަކެއްޗަށް ގެއްލުން ދިން ކަމަށް ބުނެ 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.