02 މާޗް 2021
ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރެއިން ޔަގީނުން ވެސް ރަނގަޅު އެއް ކަމެއް ދިވެހިން ދަސްކޮށްފި އެވެ. ކޮންމެ ކަމެއްގައި ވެސް ބަރޯސާ ވެފައިވާ ވެރިރަށް މާލެ ބަންދުވުމާ އެކު، އެހެން ގޮތެއް ހޯދަން ދެން ތިބި ރަށްރަށަށް ދަތުރުކުރުމެވެ. ލިބޭ ޗުއްޓީތަކުގައި ހިތްހަމަޖައްސާލަން ކައިރި ރަށްރަަށަށް ދިޔުމެވެ. ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، ރަށްރަށަށް މީހުން ދަތުރުކުރާ މިންވަރު އިތުރުވެ، އެތައް ގޮތަކުން އެ ރަށްރަށަށް އަންނަނީ މަންފާ ކުރަމުންނެވެ.
ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރެއިން ޔަގީނުން ވެސް ރަނގަޅު އެއް ކަމެއް ދިވެހިން ދަސްކޮށްފި އެވެ. ކޮންމެ ކަމެއްގައި ވެސް ބަރޯސާ ވެފައިވާ ވެރިރަށް މާލެ ބަންދުވުމާ އެކު، އެހެން ގޮތެއް ހޯދަން ދެން ތިބި ރަށްރަށަށް ދަތުރުކުރުމެވެ. ލިބޭ ޗުއްޓީތަކުގައި ހިތްހަމަޖައްސާލަން ކައިރި ރަށްރަަށަށް ދިޔުމެވެ. ވޭތުވެ ދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި، ރަށްރަށަށް މީހުން ދަތުރުކުރާ މިންވަރު އިތުރުވެ، އެތައް ގޮތަކުން އެ ރަށްރަށަށް އަންނަނީ މަންފާ ކުރަމުންނެވެ.
މި ފަހުން، ރާއްޖޭގެ ރަށްރަށަށް އައި ބަދަލުތައް ދުށިން ހެއްޔެވެ؟ ބައެއް ރަށްރަށުގެ އަތިރިމައްޗަށް ގެނެސްފައިވާ ބަދަލުތައް، ރީތި ރިސޯޓަކަށް ދޫނުކުރެ އެވެ. އަތިރިމަތީގައި، އެކި ކަހަލަ ގޮނޑި އާއި ޖޯލި އަތުރައި، މޫދުގައި އުނދޯލި އެލުވައި، ހިތްހަމަޖެއްސުމަށް، އެތަންތަނުގައި ގިނަ ހަރަކާތްތަކެއް ހިންގަ އެވެ. ކުރިން ހަމައެކަނި ކުނި އަޅަން ހާއްސަ ވެފައި އޮތް ކުޅިތައް ސާފުކޮށްލައި، ބަލާލަން ހިތްގައިމު ގިނަ ބަދަލުތައް ގެނެސްފި އެވެ. ނަތީޖާއެއްގެ ގޮތުން، ރަށްތައް ގުޅާލާފައިވާ އަތޮޅު ފެރީތަކުން، ގިނަ ބަޔަކު އަންނަނީ އެ ރަށްރަށަށް ދަތުރުކުރަމުންނެވެ.
ލަންދޫ ނޭޗާ ޕާކު މަތިން ނަގާފައިވާ ފޮޓޯއެއް --ފޮޓޯ: ލަންދޫ ކުޅިދޮށުޕާކު ފޭސްބުކް
ނ. ލަންދުއަށް ބަލައިލަން ހިނގާށެވެ. ކަނޑޫފަލާއި ކުއްޅަވައްފަލާއި ބުރެވި ފާތަކާ އެކު ޗަކަބިންތައް ގިނަ އެ ރަށުގެ ގުދުރަތީ ރީތިކަން ގިނަ ބަޔަކަށް މިހާތަނަށް އޮތީ ނޭނގި އެވެ. އެކި ކަހަލަ ދޫނިތަކާއި ރީތި ދިރުންތަކެއް ނުފެނެ އެވެ. ރަށުގެ ގިނަ ބަޔަކަށް ވެސް އެތަންތަނުގެ މުހިއްމުކަމެއް ނޭނގެ އެވެ. އަޅާ ކުނިން، އެތަންތަން ދިޔައީ ގެއްލެމުންނެވެ. އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން، ރިސޯޓުތައް ބަންދުކުރުމުން ރަށަށް ދިޔަ ޒުވާނުންނަށް، އެ ކުޅިތަކާއި ފާތައް ފެނުނީ، ބަލިމަޑުކަމުގެ ތެރެއިން ރަށަށް ދިރުން ގެނެވިދާނެ ތަންތަނުގެ ގޮތުގަ އެވެ. އެ ރަށު، ގޮނޑުދޮށާއި ދިމާލުން އޮންނަ ކުޅި އާއި ޗަކަބިން ސަރަހައްދު އެ ޒުވާނުން މިހާރު ވަނީ ހިތްގައިމު ޕާކަކަށް ބަދަލުކޮށްލައިފަ އެވެ.
އެ ޒުވާނުންގެ މަސައްކަތް ކިތަންމެހާ ވެސް ފުރިހަމަ އެވެ. ޕާކު ހުޅުވާލި ފުރަތަމަ ހަފުތާ އެކަނި ވެސް، އެތަން ބަލައިލަން 5،000އަށް ވުރެ ގިނަ މީހުން އެ ރަށަށް އެރި އެވެ. މިހާރު ވެސް، ހަފުތާ ބަންދުތަކުގައި، އެކި ރަށްރަށުން މީހުން އެތަނަށް ޒިޔާރަތް ކުރެ އެވެ.
ލަންދޫ ކައުސިލްގެ ރައީސް އަބްދުﷲ އާރިފް ވިދާޅުވި ގޮތުގައި ޕާކުގެ ސަބަބުން، އެ ރަށުގެ އެހެން ވިޔަފާރިތަކަށް ވެސް ވަނީ ކުރިއެރުން އައިސްފަ އެވެ. މީގެ ކުރިން މީހުންގެ ހިޔާލަށް ވެސް ނުގެންނަ، ލޯކަލް ޓޫރިޒަމް ރަށުގައި ހިންގި ދާނެ ކަމަށް މީހުން ގަބޫލުކުރަން ފަށައިފި އެވެ.
ނ. ލަންދޫގެ ނޭޗާ ޕާކު: އެތަން ބަލައިލަން އެ ރަށަށް ގިނަ ބަޔަކު ޒިޔާރަތް ކުރޭ -- ފޮޓޯ: ލަންދޫ ކުޅިދޮށުޕާކު ފޭސްބުކް
"ކުރިން މި ރަށުގެ މީހުން ގަބޫލެއް ނުކުރާނެ، ގެސްޓްހައުސްތައް ހަދައި، ލޯކަލް ޓޫރިޒަމް މި ރަށުގައި ކުރިއަށް ގެންދެވިދާނެ ކަމަކަށް. އެ މީހުން ދެކެނީ އެއީ ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކަމަށް،" އާރިފް ވިދާޅުވި އެވެ.
"އެކަމަކު ޕާކު ހުޅުވައި، ރަށަށް އަންނަން ފެށި ބަދަލުތަކާ އެކު މީހުންނަށް އެނގިއްޖެ މިއީ ވެސް ކުރެވިދާނެ ކަމެއްކަން."
ޕާކު ހުޅުވި ފުރަތަމަ ހަފުތާގެ ތެރޭގައި، އެ ރަށުގައި މަޑުކޮށްލާނެ ގެއެއްހާ ހިސާބު ވެސް ނުލިބެ އެވެ. ކެފޭ/ރެސްޓޯރަންޓްތަކަށް ދިޔައީ، އެހާ ގިނަ މީހުންނާ އެކު މެނޭޖްނުކުރެވިގެންނެވެ. އެއާ އެކު ލަންދޫ މީހުންނަށް ވިސްނުނީ، ބޮޑު އިންވެސްޓްމެންޓަކާ ނުލައި ވެސް، ޑޮމެސްޓިކް ޓޫރިޒަމް ރަށްރަށުގައި ފައްކާ ކުރެވިދާނެ ކަމެވެ. އާރިފްގެ ބަހުން ނަމަ ގިނަ ދިވެހިން ބޭނުންވަނީ "ގެއަކުން ކޮޓަރިއެއް ކުއްޔަށް ނަގައިގެން، ކެފޭއަކުން ކާލައިގެން" ޗުއްޓީ ހޭދަކޮށްލާށެވެ.
"އެހެންވީމައި، ބޮޑު އިންވެސްޓްމެންޓެއް ކޮށްގެން، މާ ރީތި ގެސްޓްހައުސެއް ހެދުން އެހާ މުހިއްމެއް ނޫން. ގޭގެއިން ކޮޓަރި ކުއްޔަށް ހިފައިގެން، ކެފޭތަކުން ކާލެވެންޏާ އެއީ ހަމަ ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ ކަމެއް،" އާރިފް އޭނާގެ ތަޖުރިބާ ހިއްސާކުރެއްވި އެވެ.
ލަންދޫ ނޭޗާ ޕާކުގައި ބަޔަކު ފޮޓޯ ނަގަނީ: މިއީ މިހާރު ދިވެހިންގެ މެދުގައި މަޝްހޫރު ތަނެއް
"ގޭގެ ކޮޓަރި ހަދާލައި، ކުޑަ އަގަކަށް ކުއްޔަށް ދިނީމައި ނިމުނީ."
ރާއްޖޭގައި އެންމެ ކުރިން މީހުން އާބާދުވި އެއް ރަށް ކަމަށް ބުނާ ލަންދޫގައި އާސާރީ ގިނަ ތަންތަން މިހާރު ވެސް އެބަ ހުއްޓެވެ. ހަވިއްތަ އާއި ދުވަސްވީ ބިނާތައް އެބަ ހުއްޓެވެ. ހިރިގަލުގައި ކަނޑާފައިވާ އެންމެ ދުވަސްވީ ލިޔުން އެ ރަށުގައި ހުރި އިރު، މިއީ ކައުންސިލުން ދެކޭ ގޮތުގައި ގިނަ ބަޔަކަށް "ވިއްކޭނެ" ތަކެއްޗެވެ. އެ ތަންތަން ބަލައިލަން ބޭނުންވާނެ މީހުން ގިނަކަން ފާހަގަކޮށް، ކައުންސިލުން ބުނީ، އެ ތަންތަން އިޝްތިހާރުކޮށްގެން ވެސް ރަށުގައި ޑޮމެސްޓިކް ޓޫރިޒަމް ފައްކާ ކުރެވިދާނެ ކަމަށެވެ.
މިކަމާ އެއްބަސްވާ އަނެއް ރަށަކީ، ދިވެހިންގެ މެދުގައި މިހާރު ވަރަށް ބޮޑަށް މަގުބޫލުވެފައި ދ. ރިނބުދޫ އެވެ. އަތްކަން ކުރާ މީހުން ގިނަ އެ ރަށް، މިހާރު ފައްކާކޮށްފައިވަނީ ވެސް ދަތުރުވެރިންގެ މަންޒިލެއްގެ ގޮތުގަ އެވެ.
ރިނބުދުއަށް އަރައިފި ނަމަ، އެ ރަށުގެ ހުރިހާ ކަމެއް، އެއް މަގަކުން ފެންނާނެ އެވެ. ރަށުގެ "ސަގާފީ މަގު"ގައި، ގޭގޭގެ ފާރުތަކުގައި، ކުރަހާފައިވާ ގްރެފިޓީތަކުން، އެ ރަށުގެ މީހުންގެ ދުވަސްވީ މަސައްކަތްތަކާއި ގުދުރަތީ ރީތިކަމާއި ރަށާ ގުޅޭ ފޯކްލޯރުތައް ކިޔައިދެ އެވެ. މަގުގެ އެކި ހިސާބުތަކުގައި، އަތްކަން ކުރާ މީހުން، ފަންގި ވިންނަ މީހުންނާއި ތަފާތު ކާތަކެތި ވިއްކާ މީހުން ތިބެ އެވެ. ރަށަށް އަރާ މީހުންނަށް، އެތަންތަން ވެފައިވަނީ ވަރަށް ހިތްގައިމު މަންޒަރަކަށެވެ.
މިއީ، ޑޮމެސްޓިކް ޓޫރިޒަމަށް ހާއްސަކޮށްގެން، އެ ރަށުގައި ފައްކާ ކުރި ކަމެކެވެ.
ދ. ރިނބުދޫގެ ސަގާފީ މަގުގައި ކުރަހާފައިވާ ކުރެހުމެއް: މިއީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ ތަނެއް
"ދިވެހިންނަށް ވަރަށް މުހިއްމުވޭ ކާމް އެންވަރަމެންޓެއްގައި އުޅެލަން. މި ރަށަށް އައިސް، ސަގާފީ މަގުގައި ފޮޓޯ ނަގައި، ޕިކްނިކް ހަދާލާ، މީހުން ކުރާ މަސައްކަތްތައް ދެކިލަން ބޭނުންވޭ. އަޅުގަނޑުމެން ބޭނުންވީ، އެކަން ފަހިކޮށްދޭން،" ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވި އެވެ.
ކައުންސިލުން ރަށް ޕްރޮމޯޓް ކުރީ، އަތްކަން ކުރާ މީހުންގެ ރަށް ނުވަތަ "ޖުވެލާސް އައިލެންޑް"ގެ ގޮތުގަ އެވެ. ރަށުން އެންމެ ބޮޑަށް ވިއްކޭނެ އެއްޗެއްގެ ގޮތުގައި ދުށީ، ރާއްޖެއަށް މަޝްހޫރުވެފައި، މަދު ބަޔަކު ކުރާ އެ މަސައްކަތެވެ.
މި ބަލިމަޑުކަމުގެ ތެރެއިން އެންމެ ގިނަ ދިވެހިން ޒިޔާރަތްކުރި އެއް ރަށަކަށް ރިނބުދޫ ވާނެ އެވެ. ރަށަށް އެރި 1،000 ވަނަ މީހާ އާއި މި އަހަރު، އަލަށް އެ ރަށަށް އެންމެ ފުރަތަމަ ދިޔަ މެހެމާނާ ހޮވައި، ހަދިޔާ ދީ ހެދި އެވެ. ރަށުގެ އާއްމުން ދިން މި ސަޕްރައިޒް ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
މި އަހަރު އެންމެ ފުރަތަމަ ރިނބުދުއަށް ދިޔަ މެހެމާނާއަށް ހަދިޔާ ދެނީ
ރަށް ޕްރޮމޯޓްކޮށް، ޑޮމެސްޓިކް ޓޫރިޒަމް ފުޅާކުރުމުގައި ރިނބުދޫން ކުރާ މަސައްކަތް ވަރަށް ތަފާތެވެ. ހާތިމް ވިދާޅުުވި ގޮތުގައި، އެކަމުގައި އެންމެ އިސްކަމެއް ދިނީ އާއްމުން ހޭލުންތެރިކުރުވުމެވެ. މެހެމާންދާރީގެ މުހިއްމުކަމާއި އެ މީހުންގެ ބޭނުންތައް ދެނެގަންނާނެ ގޮތް އާއްމުންނަށް ކިޔައިދިނެވެ. ރަށަށް އަރާ ބީރައްޓެހިން، "ރަހުމަތްތެރިން"ގެ ގޮތުގައި، ރަށުން ފޭބުން އަމާޒެއްގެ ގޮތުގައި ކަނޑައެޅި އެވެ.
ހާތިމް ވިދާޅުވި ގޮތުގައި ކޮވިޑާ ގުޅިގެން އާއްމުން ރަށްރަށަށް ދަތުރުކުރަން ފެށުމާ އެކު، އެކަމުން އާމްދަނީ ހޯދޭނެ ގިނަ ގޮތްތަކެއް ފަހިކުރެވިދާނެ އެވެ. ރަށަކަށް އަރާ މެހެމާނަކަށް، އެ ރަށުން ހަދިޔާ ކުރެވޭނެ ނުވަތަ ވިއްކޭނެ ކިތަންމެ ކަމެއް ހުންނާނެ އެވެ. ރަށުގެ ހާއްސަ ކާބޯތަކެތީގެ ރަހަ ބަލާލުމަށް، މެހެމާނުންނަށް ގެއަށް ދައުވަތު ދެވިދާނެ އެވެ. ސުފުރާމަތިން އާމްދަނީ ހޯދުމަށް، ކަލިނަރީ ޓޫރިޒަމްގެ ގޮތުގައި މިކަން މަޝްހޫރު ކުރެވިދާނެ އެވެ. ރަށުގެ އާއްމުންކުރާ މަސައްކަތް ދައްކާލުމުގެ އިތުރުން، އެކަމުގައި މެހެމާނުން ބައިވެރި ވެސް ކުރެވިދާނެ އެވެ.
ރިނބުދޫ މަޝްހޫރުވެފައި އޮންނަ އަތްކަންކުރުމުގެ މަސައްކަތް ދައްކުވައިދޭ ގްރެފިޓީއެއް، ފާރުގައި ކުރަހާފައި
"މި ރަށަށް އަންނަ މީހުންނަށް، ޖުވެލެރީ ހަދާތަން ދައްކާލައި، އެކަން ޓްރައި ވެސް ކޮށްލެވޭނެ. އަޅުގަނޑުމެން ދެކޭ ގޮތުގައި މި ރަށުގެ ސެލިން ޕޮއިންޓަކީ އެއީ،" ހާތިމް ވިދާޅުވި އެވެ.
''ރަށް ބަލާލުމުގެ އިތުރުން ރަށުގައި ކުރާ މަސައްކަތުގައި ބައިވެރިވުމަކީ ވެސް މެހެމާނުން ވަރަށް ހިތްހަމަޖެހޭނެ ކަމެއް."
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން މެދު ރާއްޖެ ތެރެއިންނާއި ދުރު އަތޮޅުތަކުން ގިނަ ބަޔަކު އެ ރަށަށް ދާއިރު، އޭގެ އަސަރު ރަށުގެ ވިޔަފާރިތަކުން ވެސް ފެންނަ ކަމަށެވެ. އަދި މިއީ، ތަފާތު ހިދުމަތްތަކާ އެކު ފުޅާކުރެވިދާނެ ކަމެއްކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކަނޑުގެ ރީތިކަން ފެންނަ ކުރެހުމެއް ރިނބުދޫ، އަތިރި މަތީގައި ހުރި ގެއެއްގެ ފާރުގައި ކުރަހާފައި
ރާއްޖޭގެ ރަށްތައް މަޝްހޫރުވެފައި އޮންނަނީ ތަފާތު ކަންކަމަށެވެ. ގުދުރަތީ ރީތިކަމަށާއި ތާރީހީ ވާހަކަތަކުގެ ތެރެއިންނާއި ތަފާތު މަސައްކަތްތަކަށެވެ. ދިވެހިން ރަށްރަށަށް ދަތުރުކުރަން ދަސްކޮށްފައިވާ މި ދުވަސްވަރު، މި ކަންކަމާ ގުޅުވައިގެން ރަށަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު އިތުރުކުރެވިދާނެ އެވެ. މިއީ ޑޮމެސްޓިކް ޓޫރިޒަމަށް އެންމެ ރަނގަޅު ވަގުތެވެ.
ކަމަދޫގައި މޫދު ކުޅިވަރަށް ހާއްސަ ޕާކެއް ހަދަނީ
ނުހެދި ހުރި ރިސޯޓުތަކާ މެދު ގޮތްތަކެއް ކަނޑައަޅައިފި
ރިސޯޓް ހަދާ 13 ރަށުން ބިޑް ހުށަހެޅީ ދެ ރަށަށް
މި ރަށުގެ ޒުވާނުން ވަށައިލި މުއްސަނދިކަން!
އެންމެ ބޮޑު އަގެއް ހުށަހެޅި ރަށަށް 3.3 މިލިއަން!
އާ ރަށްތައް ދޫކުރަނީ ވަރަށް ދަށް އަގުތަކެއްގައި!
ހަތަރު ރަށެއް ހިއްކައި، ޓޫރިޒަމަށް ބިން ވިއްކަނީ
ހޯމް ސްޓޭގެ ފައިދާ އިން ރަށް ކުރިއެރުވޭނެ: މިނިސްޓަރު
ކަންކަމުގެ ހައްލަކީ ބާރުތައް ދޫކުރުން: އަލީ ވަހީދު
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް