Roadha Mihaaru
"ނައިބުރައީސް ކަމުން ވަކިކުރީ އިންސާފުންނޭ ނުބުނެވޭނެ"

ނައިބު ރައީސްކަމުން ވަކިކުރީ އިންސާފުންނޭ ބުނާނެ ހަމައެއް ނޯންނާނެ: ޖަމީލް

15 ފެބުރުއަރީ 2021

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ އިންސާފުވެރިކޮށް ކަމަށް ބުނާނެ އެއްވެސް ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އެ މަގާމުން ވަކިކުރީ އިންސާފުވެރިކޮށް ކަމަށް ބުނާނެ އެއްވެސް ހަމައެއް ނެތް ކަމަށް ސުޕްރީމް ކޯޓުގައި ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބުު ރައީސްކަމުން ޖޫން، 2015 ގައި ޖަމީލް ވަކިކުރީ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެއީ މެއި، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އޭނާ ވަކި ކުރުމަށް ފަހު އެ މަގާމަށް އައްޔަން ކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.

އެ މައްސަލަ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން މިއަދު ބޭއްވި އަޑުއެހުމުގައި ޖަމީލް ވިދާޅުވީ އެންމެ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުންނަށް ވެސް ލިބެންޖެހޭ ދިފާއުވުމުގެ ހައްގު ވަކިކުރުމުގެ ކުރިން އޭނާއަށް މަޖިލީިހުން ދީފައި ނުވާ ކަމަށެވެ. ނައިބު ރައީސުން ވަކި ކުރެވޭނީ ވަކި އުސޫލުތަކެއްގެ ތެރެއިން ކަމަށް ގާނޫނު އަސާސީގައި ބުނާއިރު، އެކަންކަން ފުރިހަމަ ނުކޮށް މަޖިލީހުން އޭނާ ވަކިކުރި ކުރުން ޖަސްޓިފައި ކުރެވޭނެ ހަމައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުރުސަތު ނިގުޅައިގަނެ، ހައްގަށް އުނިކަން ލިބޭ ގޮތަށް ތަފާތު ކޮށްގެން ވަކިކުރީ. މިކަންކަމުގައި މިކަން ހިނގައި ދިޔައީ އިންސާފުވެރިކޮށް ކަމަށް ބުނެދެވޭނެ ހަމައެއް މިއަދަކު ނެތް." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ ނައިބު ރައީސަކު އިތުބާރު ނެތްކަމުގެ ވޯޓަކުން ދުރު ކުރެވޭނީ މަޖިލީހުން ހިންގާ ތަހުގީގަކަށް ފަހު އަދި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ފަހު ކަމަށް ވާއިރު، އެއިން އެއްވެސް ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެމަނިކުފާނުގެ ވަކީލުންނަށް މަޖިލީހުގެ ޗެމްބަރަށް ވަނުމުގެ ފުރުސަތު ވެސް ނުދީ، ދިފާއުވުމުގެެ ފުރުސަތު ހަނިކުރަން މަޖިލީހުގެ ގަވާއިދު ބަދަލު ކޮށްގެން އޭނާ މަގާމުން ވަކިކުރަން ފާސްކުރީ ތަބީއީ ގާނޫނުގެ އިންސާފު އެންމެ އަސާސީ ހަމަތަކާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުން ކުރި ތަހުގީގެއް ނެތް. ތުހުމަތު ކުރިއިރު ތުހުމަތުކުރި އަސާސެއް ގާއިމެއް ނުވޭ. މައުޟޫއީ އަދުލުވެރިކަން ގާއިމްކުރުމުގެ މުހިންމުކަން އިހްސާސެއް ނުކުރި. ވަކީލެއްގެ ފުރުސަތެއް ނުދިން، އިއްޒަތްތެރި ފަނޑިޔާރު. ރިޕްރެޒެންޓް ކުރަން އެކަށީގެންވާ ފުރުސަތެއް ނުދިން. މިއީ ފެންނަން އޮތް ހަގީގަތެއް. މަޖިލީހުގެ ގަވާއިދު ބަދަލުކުރީ އަޅުގަނޑަށް އަމާޒުކޮށްގެން، ނައިބު ރައީސަށް ވަކި ގޮތެއް އަތުރާލަން." ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި އޭނާ ވަކިކުރީ ޒިންމާ އަދާކުރަން ނާގާބިލް ވެފައިވާ ކަމަށް ބުނެ ކަމަށް ވިޔަސް، އެފަދަ އެއްވެސް ކަމެއް މަޖިލީހުގައި ދައްކާފައެއް ނުވެ އެވެ. އެއީ ހަގީގަތެއް ތޯ ބަލަން މަޖިިލީހުން ހިންގި ތަހުގީގެއް ވެސް ނެތް ކަމަށާއި އަދި އޭނާ ނާގާބިލްވި ކަމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީން ފޮނުއްވި ސިޓީއެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އޭރުގައި މަޖިލީހުގެ ކަންކަމަށް ނުފޫޒު ފޯރުވަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަދީބު ފައިސާގެ ނުފޫޒު ފޯރުވިކަން ތަހުގީގުތަކުން މިހާރު ފެންނަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ ޔައުމިއްޔާއިން ފެންނަން އޮތީ ދިގު ވާހަކަތަކެއް. ޒާތީ ވާހަކަތަކެއް. ރައްޔިތުންގެ މަޖިލީހުގެ އެ ބަހުސްގައި ގާނޫނީ ގޮތުން ގުޅުމެއް ނެތް ވާހަކަތަކެއް. މި މައްސަލަ ނިމިގެންދާއިރު އަޅުގަނޑު ބޭނުންވާ އަޅުގަނޑު ނާގާބިލްވި ގޮތެއް ދައުލަަތުން ކަނޑައަޅައިދޭން. އެކަން ދައުލަތަށް ކަނޑައެޅިފައެއް ނުވޭ ރައްޔިތުންގެ މަޖިލީހުގައި." އޭނާ ވިދާޅުވި އެވެ.

ގާނޫނީ ހަމަތަކާ ޚިލާފަށް އޭނާ ވަކި ކުރަން އުޅުމުން މަަޖިލީހުގެ ޖަލްސާގައި އޭރުގެ އިދިކޮޅު މެމްބަރުން އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ޖަމީލް ވިދާޅުވި އެވެ. އެގޮތުން މިހާރުގެ ޔޫތް މިނިސްޓަރު އަދި އޭރުގެ ގަލޮޅު ދެކުނު ދާއިރާ މެމްބަރު އަހުމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މަޖިލީހުގައި ދެއްކެވި ވާހަކަތައް ޖަމީލް ފާހަގަ ކުރެެއްވި އެވެ.

ދައުލަތުގެ މައިގަނޑު ގާނޫނީ ބަހުސަކީ އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ އެވެ. ދައުލަތުގެ ވަކީލާ ފާތިމަތު ހަލީމް ވިދާޅުވީ މަޖިލީހުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ކޯޓުތަކުގައި ޗެލެންޖް ނުކުރެވޭނެ ކަމަށް އޮންނަ ގާނޫނު އަސާސީގެ 88 ވަނަ މާއްދާއަކީ ކުރީގެ ގާނޫނު އަސާސީތަކާއި ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް އޮންނަ ގޮތް ކަމަށެވެ. އެއީ ދައުލަތުގެ އެހެން ބާރުތަކުން މަޖިލީހުގެ ކަންކަމަށް ބަސް ނުކިޔުމަކީ ޕާލިމެންޓްރީ އިމިއުނިޓީގެ ތެރޭގައި ހިމެނޭ ކަންކަމަށް ވާތީ އޭނާ ވިދާޅުވި އެވެ.

ވަކީލާ ވިދާޅުވި ގޮތުގައި ރައީސަކު ވަކި ކުރަން ނިންމާ ނިންމުމެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލިދާނެ ކަމަށް ގާނޫނު އަސާސީގައި އޮތަސް، އޭގެ ތެރޭގައި ނައިބު ރައީސުންގެ ވާހަކަ ހިމަނާފައި ނެތުމުން ނައިބު ރައީސުން ވަކިކުރާ މައްސަލަަތައް ބެލޭނެ ހަމައެއް ނެތެވެ. އަދި ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކުރާ ކަންކަމުގެ އިތުރަށް އިތުރު ކަންކަން އޭގެ ތެރޭގައި ހިމަނަން މަސައްކަތް ނުކުރެވޭނެ ކަމަށް ދާދިފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާތީ ނައިބު ރައީސުންގެ މައްސަލަ އޭގެ ތެރެއަށް ނުވެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުން ބުނިގޮތުގައި ނައިބު ރައީސަކު ނާގާބިލްވި ކަން ބުނެދޭން ޖެހޭނީ ރައީސެއް ނޫނެވެ. އަދި އެގޮތަށް ބަލާ ނަމަ، ރައީސަކު ނާގާބިލްވާ ހާލަތުގައި މަޖިލީހަށް އެކަން ބުނެދޭން ޖެހޭނީ ކާކުތޯ ދައުލަތުން ސުވާލު އުފެއްދި އެވެ. އަދި ރައްޔިތުން އިންތިޚާބުކުރި ބޭފުޅަކު ވަކިކުރީ ކަމަށް ޖަމީލްގެ ފަރާތުން ބުނެ، އެކަމަށް ބަދަލު ހޯދަން އެދޭއިރު، އެ ބަދަލު ދޭންޖެހޭނީ ރައްޔިތުންގެ ފައިސާއިން ކަމަށްވާތީ އެ ދައުވާ ހަމަނުޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.

ރައްދުގައި ޖަމީލް ވިދާޅުވީ ރައީސާއި ނައިބު ރައީސަކީ ވެސް ރައްޔިތުންގެ ވޯޓަކުން މަގާމަށް ވަޑައިގަންނަވާ ބޭފުޅުންތަކެއް ކަމަށާއި ދެ މަގާމުގެ ޝަރުތު އެއްގޮތް ކަމަށެވެ. އަދި ނައިބު ރައީސް ވަކިކުރާ ހާލަތްތަކުގައި ފަރުވާ ހޯދުން ވެސް އޮންނާނީ އެއް މަގަކުން ކަމަށާއި އެހެންވެ، ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ހުއްޖަތަކަށް ނުހެދޭނެ ކަމަށް ވިދާޅުވެ، މަޖިލީހަށް ވެސް ހިތުހުރި ގޮތަކަށް ކަންކަން ނުނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫންގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.