Roadha Mihaaru
އީގަލްސް އާއި މާޒިޔާ އެއްވަރު

އީގަލްސް އާއި މާޒިޔާ އެއްވަރު

23 ޖެނުއަރީ 2021

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ކްލަބް އީގަލްސް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

މިރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު މާޒިޔާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އެ ޓީމުން ފުރަތަމަ ބުރު ނިންމާލީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

ފުރަތަމަ ބުރުގެ ހުރިހާ މެޗެއް މިރޭ ނިމުނުއިރު މާޒިޔާ އެއް ވަނައިގައި އޮތީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ވެލެންސިއާ އާއި ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ސުޕަ ސްޕޯޓްސް ޔުނައިޓެޑް (ސަސް) އާއި ހަ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި އީގަލްސް އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް އަދި މޮޅެއް ނުލިބި އޮތްއިރު، އެ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.

މާޒިޔާ އިން މިރޭގެ މެޗަށް ނުކުތްއިރު ސަސްޕެންޝަނުގެ ސަބަބުން އެންމެ ފަހުން ކުޅުނު މެޗުގައި ނުފެނުނު ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އެކަމަކު މާޒިޔާގެ ހުރިހާ މެޗެއްގައި ވެސް ކުޅުނު އައިސަމް އިބްރާހިމް ވަނީ ކާޑު ހަަމަވުމުގެ ސަބަބުން މި މެޗަށް ސަސްޕެންޑްވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފަށް ބަލާއިރު ދެ ޓީމަށް ވެސް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ނުކުރެވެ އެވެ. މެޗުގެ ކުރީކޮޅުގައި ހަމްޕު އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް އީގަލްސްގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. މާޒިޔާގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަށް ލިބޭ ބޯޅަތަކުގައި އޭނާ ހުއްޓުވަން އީގަލްސްގެ ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް) ދިޔައީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި އެޓޭކްގައި ބައިވެރިވާން އަންނަ މާޒިޔާގެ އެހެން ކުޅުންތެރިންނަށް ލިބޭ ބޯޅަތައް މަދުކުރަން އީގަލްސްގެ އަނެއް ސެންޓްރަލް ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ވެސް މޮޅަށް ކުޅުނެވެ.

އީގަލްސްގެ ނާއިމް (ކ) ކައިރިން މާޒިޔާގެ ނިހާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އީގަލްސްގެ ނާއިމް (ކ) ކައިރިން މާޒިޔާގެ ނިހާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުރަތަމަ ހާފުގައި އީގަލްސްގެ މިސްރު ފޯވާޑް މުހައްމަދު އޮސާމާ އަށް ލިބޭ ބޯޅަތަކުގައި އޭނާ އެހެން ކުޅުންތެރިއަކަށް ދިނުން ލަސްކޮށްލުމުން ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނަގައިދިން ކޯނަރަކުން މުހައްމަަދު އޮސާމާ ބޮލުން ޖަހަން އެރި ނަމަވެސް ބޯޅަ އޭނާ ބޮލުގައި ލައްވާލާގޮތެއްނުވި އެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އީގަލްސް އަށް ލަނޑުޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. މެޗުގެ 47 ވަަނަ މިނިޓްގައި އޭރިއާތެރެއިން އީގަލްސްގެ މުހައްމަދު ނާއިމަށް މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ކުރި ފައުލަކަށް ރެފްރީ މުހައްމަދު ޖާވިޒް ދިން ޕެނަލްޓީ އަކުން ހަންނަ ފޮނުވާލި ބޯޅަ މާޒިޔާގެ ސާބިއާ ކީޕަރު ނިކޮލަ ވުޔަނަކް ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 57 ވަނަ މިނިޓްގައި އޭރިއާބޭރުން ނާއިމް ޖެހި ބާރު ބޯޅަ ތިރިތިރިން ގޯލުގެ ދަނޑިކައިރިން ބޭރަށް ދިޔައިރު، ކީޕަރު ނިކޮލަ ހުރީ ހަރަކާތް ހުއްޓިފަ އެވެ.

ދެ ވަނަ ހާފްގެ ފުރަތަމަ 15 މިނިޓަށް ފަހު މާޒިޔާ އިން އީގަލްސް ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. މެޗުގެ 62 ވަނަ މިނިޓްގައި މާޒިޔާގެ މުހައްމަދު އުމެއިރާއި އަހުމަދު އަބްދުﷲ (ލިލީ) ގުޅިގެން އުފެއްދި އެޓޭކެއްގައި ލިލީ ނަގައިދިން ހުރަސް ގޯލު ކުރިމަތިން ދިޔައީ ހަމްޕު އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފައިގައި ނުޖެހި އެވެ. އޭގެ ދެ މިނިޓް ފަހުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ މަތިން ހުރަސްކޮށްލި ބޯޅަ ވެސް ފޭދޫ އިއްބެ އަށް ފޮނުވައިނުލެވުނެވެ. މާޒިޔާ އަށް ލީޑުނަގައިދޭން މެޗުގެ 71 ވަނަ މިނިޓްގައި ހަމްޕު ފޮނުވާލި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ ކޮކީ އެވެ. އޭގެ ހަަތަރު މިނިޓް ފަހުން ގޯލު ކުރިމަތީ ހުސްކޮށް ހުރެފައި އަސަދުﷲ ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މިއީ އީގަލްސްގެ ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) ވަކިވި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ. މި މެޗުގައި އީގަލްސް އަށް އިރުޝާދުދިނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ނިމާ ބުނީ މެޗަށް ނުކުތީ މޮޅަަކަށް ޓާގެޓްކޮށްގެން ކަމަށާއި އެކަމަކު ޕޮއިންޓެއް ލިބުމަކީ ވެސް މި ވަގުތަށް ބަލާއިރު ރަނގަޅު ނަތީޖާއެއް ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ބަސް އަަހައިގެން އީގަލްސްގެ ރޫހުގައި އެ ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށް އެ ކުޅުންތެރިންނަށް ޝުކުރު އަދާކުރަން. ހަގީގަތުގައި އެހެން މެޗުތަކުގައި ކުޅުނު ފޯމޭޝަން ބަދަލުކޮށްލައިގެން ކުޅުނީ. ދެން މޮޅުވާން ޕެނަލްޓީއެއް ވެސް ލިބުނު. ޕެނަލްޓީގައި ނަސީބު ވެސް ނެތީ. މި ނަތީޖާއާ މެދު ހިތްހަމަ ޖެހޭ،" ނިމާ ބުންޏެވެ.

މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނީ މިއީ އެންމެ އިންސާފުވެރި ނަތީޖާ ކަމަށާއި ލަނޑު ޖަހާނެ ފުރުސަތު މާޒިޔާ އަށް ލިބި ބޭނުންނުކުރެވުނު ގޮތަށް އީގަލްސް އަތުން ވެސް ފުރުސަތު ބޭކާރުވި ކަމަށެވެ. އޭނާ ބޭނުންވި ވަރުގެ ކުޅުމެއް މި މެޗުގައި ވެސް ނުފެނުކަމަށާއި އީގަލްސް އިން މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް ވިޑަކޮވިޗް ބުންޏެވެ.

"އަހަރެމެން އެބަޖެހޭ އިންޑިވިޖުއަލްކޮށް ކުުޅުމަށް ވުރެން ތަންކޮޅެއް ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެން. އަހަރެން ހީކުރި ގޮތަށް މި މެޗުގައި އީގަލްސް އިން މި ކުޅުނީ. ކުޅުމަށް ބަލާއިރު އަހަރެމެން ބޭނުންވާ ހިސާބުގައެއް ނޫން މި ތިބީ. ދެން ރަނގަޅުކުރަން ޖެހޭ ކަންތައްތަކަށް މަސައްކަތްކުރުން ކުރުން އޮތީ.،" ވިޑަކޮވިޗް ބުންޏެވެ.

އީގަލްސް އިން މި އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ވަނީ މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅުނު މާޒިޔާ އަތުން 3-2 އިން މޮޅުވެފަ އެވެ. ވިޑަކޮވިޗް ބުނީ އީގަލްސްއާ ދެކޮޅަށް މާޒިޔާ އަށް ނަތީޖާ ނެރެން އުނދަގޫތަކެއް ހުރިކަން ކުރިން ވެސް އެނގިފައިވާ ކަމަށެވެ.

ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް ފަށާނީ އަންނަ ބުދަ ދުވަހުގަ އެވެ.