19 ޖެނުއަރީ 2021
ބްރިސްބޭން (ޖެނުއަރީ 19) - ފޯ ޓެސްޓް ސީރީސްގައި ފަހު ދުވަހު ތިން ވިކެޓުން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދައި އިންޑިއާ އިން މިއަދު ޓެސްޓް ކްރިކެޓްގައި ތާރީހީ މޮޅެއް ހޯދައިފި އެވެ.
ބްރިސްބޭން (ޖެނުއަރީ 19) - ފޯ ޓެސްޓް ސީރީސްގައި ފަހު ދުވަހު ތިން ވިކެޓުން އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދައި އިންޑިއާ އިން މިއަދު ޓެސްޓް ކްރިކެޓްގައި ތާރީހީ މޮޅެއް ހޯދައިފި އެވެ.
މިއީ 1988 ވަނަ އަހަރަށް ފަހު ބްރިސްބޭންގެ މަޝްހޫރު ގެބާ ސްޓޭޑިއަމްގައި އޮސްޓްރޭލިއާ ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ސްޓޭޑިއަމްގައި އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދީ ވެސްޓް އިންޑީސް އެވެ. އެ ފަހަރު ވެސްޓް އިންޑީސް މޮޅުވީ ނުވަ ވިކެޓުންނެވެ.
އަނިޔާގެ ސަބަބުންނާއި އެކި ސަބަބުތަކާ ހުރެ އިންޑިއާގެ މުހިއްމު ކުޅުންތެރިން ނުލައި ކުޅުނު މި ސީރީސްގެ ފަހު މެޗުގައި އެ ޓީމުގެ ވިކެޓް ކީޕަރު ރިޝަބް ޕާންޓް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިންޑިއާ އިން ހަތް ކުޅުންތެރިން ނުބައިވެގެން 329 ލަނޑު ހަދައި ފަހު މިއަދު މޮޅުވިއިރު، މިއީ ގެބާ ސްޓޭޑިއަމްގައި ޓީމަކުން ފަހުން ކުޅެން އަރައި މިދިޔަ 69 އަަހަރު ތެރޭ ދެއްކި އެންމެ ރަނގަޅު ކުޅުމެވެ. މީގެ ކުރިން އެ ވަރުގެ ކުޅުމެއް ދެއްކީ 1951 ގައި އޮސްޓްރޭލިއާ އިން ވެސްޓް އިންޑީސް ބަލިކުރިއިރު އެވެ. އެ ފަހަރު އޮސްޓްރޭލިއާގެ ހަތް ކުޅުންތެރިން ނުބައިވިއިރު 236 ލަނޑު ހެދި އެވެ.
ހަތަރު މެޗުގެ މި ސީރީސްގެ ފުރަތަމަ މެޗުގައި އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ. ދެ ވަނަ މެޗުގައި އިންޑިއާ އިން މޮޅު ކުޅުމެއް ދައްކައި އޮސްޓްރޭލިއާގެ މައްޗަށް އަށް ވިކެޓުން ކުރިހޯދި އެވެ. ތިން ވަނަ މެޗު ދެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު ނިމުނީ އެއްވަރުވެގެންނެވެ. މެޗު ދިޔައީ ވަރަށް ވާދަވެރިކޮށެވެ.
މެޗުގެ ތެރެއިން ޝުބްމަން ގިލް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ފަހު މެޗަށް މިއަދު ނުކުތްއިރު 1-1 އިން އެއްވަރުވެފައި އޮތުމުން ދެ ޓީމު ވެސް ދިޔައީ ދުލެއް ނުދީ މޮޅުވާން މަސައްކަތްކުރަމުންނެވެ. އިންޑިއާގެ ވަގުތީ ކެޕްޓަން އަޖިންކިޔާ ރަހާނޭގެ ފަރާތުން ރަނގަޅު ލީޑަޝިޕެއް ފެނުނު މި ސީރީސްގެ ފަހު ދުވަހު އެ ޓީމު މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާ އެއް ކުޅުންތެރިއަކީ އުމުރުން 21 އަހަރުގެ ޝުބްމަން ގިލް އެވެ. އޭނާ ވަނީ 91 ލަނޑު ހަދައިފަ އެވެ. ފަހު ވަގުތު ދެއްކި ހިތްވަރާ އެކު އިންޑިއާ މި ސީރީސް ކާމިޔާބުކުރީ 2-1 އިންނެވެ.
އަލަތު ދަރިފުޅު ލިބުމުން އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ފުރަތަމަ ޓެސްޓަށް ފަހު އިންޑިއާގެ ކެޕްޓަން ވިރާތު ކޯލީ ވަނީ ޓީމާ ވަކިވެފަ އެވެ. ވިރާތުގެ އިތުރުން އިންޑިއާގެ ކުޅަދާނަ ދެ އުކުންތެރިން ކަމަށްވާ ރަވިޗަންދްރަން އަޝްވިން އާއި ރަވިންދުރަ ޖަދޭޖާ މި ޓެސްޓް ސީރީސްގައި ނުކުޅެ އެވެ. އިންޑިއާ މޮޅުވުމުން ވިރާތު ކުރި ޓްވީޓެއްގައި ބުނީ ޓެސްޓްގެ ފުރަތަމަ ދުވަހު ބަލިވި ނަމަވެސް ފަހަތަށް ނުޖެހި މި ކާމިޔާބީއާ ހަމައަށް މަސައްކަތްކުރީ ކުޅުންތެރިންނާއި މެނޭޖްމަންޓުން ކަމަށެވެ. އެ މީހުން ދެއްކި ހިތްވަރަށް ތައުރީފުކުރަން ޖެހޭ ކަމަށް ވިރާތު ބުންޏެވެ.
އިންޑިއާގެ ސްކޮޑުގައި ތިބި ޒުވާން އަދި ނިސްބަތުން ޓެސްޓް ކްރިކެޓްގެ ތަޖުރިބާ މަދު ކުޅުންތެރިންނާ އެކު މި ހޯދި ކާމިޔާބީ އޮސްޓްރޭލިއާގެ މީޑިއާ އިން ސިފަކުރަނީ ކްރިކެޓްގެ "އާދަޔާހިލާފު" ކަމެއްގެ ގޮތުގަ އެވެ. ކްރިކެޓް ތަރިންނާއި ގިނަ ތަޖުރިބާކާރުން އަންނަނީ އިންޑިއާ އިން މި ހޯދި މޮޅަށް ތައުރީފުކުރަމުންނެވެ.
މި ކާމިޔާބީ އިންޑިއާ އަށް ހާސިލްކޮށްދޭން ރަނގަޅު ލީޑަޝިޕް ކޮލިޓީ ދެއްކި ވަގުތީ ކެޕްޓަން ރަހާނޭ ބުނީ ޓީމުގައި ގިނައިން ޒުވާން ކުޅުންތެރިންތަކެއް ތިބި ނަމަވެސް އެ ކުޅުންތެރިން ބޭނުންވީ ސީރީސް ކާމިޔާބުކުރަން ކުރެވުނު ހުރިހާ ކަމެއް ކުރުމަށް ކަމަށެވެ.
"މި ކާމިޔާބީ އަކީ ކްރިކެޓްގައި ލިޔެވޭނެ އެއްޗެއް. މިއީ އަހަރެމެން ހަޔާތުގައި ދުވަހަކު ވެސް ހަނދާނުން ނުފޮހެވޭނެ ދުވަހެއް. ގައުމީ ރޫހު ހުރެފިނަމަ ކާމިޔާބު ހޯދޭނެކަން މި ސީރީސްގައި ފެނިއްޖެ،" ރަހާނޭ ބުންޏެވެ.
އޮސްޓްރޭލިއާގެ ކެޕްޓަން ޓިމް ޕޭން ބުނީ ސީރީސް ކުރިއަށްދިޔައިރު މުހިއްމު ވަގުތުތަކުގައި ޓީމެއްގެ ގޮތުގައި ތަފާތު ދެއްކީ އިންޑިއާ ކަމަށާއި އެ ޓީމަށް ލިބިގެންދިޔައީ ހައްގު މޮޅެއް ކަމަށެވެ. ސީރީސްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އޮސްޓްރޭލިއާގެ އަވަސް އުކުންތެރިޔާ ޕެޓް ކަމިންސް ބުނީ މުޅި ސީރީސް އަށް ބަލާއިރު އަބަދުވެސް އޮސްޓްރޭލިއާ އަށް މޮޅުވެވޭނެ ކަމުގެ ޔަގީންކަމެއް އޮތް ކަމަށާއި އެކަމަކު ކާމިޔާބު ހޯދޭ ވަރަށް މަސައްކަތް ނުކުރެވުނު ކަމަށެވެ. އޭގެ ބަދަލުގައި އިންޑިއާ ފެނުނީ މުޅިން ތަފާތު ރޫހެއްގައި މޮޅު ކުޅުމެއް ދެއްކިތަން ކަމަށެވެ.
އިންޑިއާވީ ހިތްދަތި، ދުނިޔޭގެ ޗެމްޕިއަނަކީ އޮސްޓްރޭލިއާ
ރާހުލް ޑްރަވިޑާއެކު ކުރިއަށްދާން އިންޑިއާއިން ނިންމައިފި
ތިން އަހަރަށް ފަހު ވިރާތު ކޯލީ ޓެސްޓް ސައްތައެއް ހަދައިފި
ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް
އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން
އޮސްޓްރޭލިއާގެ ކުރީގެ ދެ ކްރިކެޓް ލެޖެންޑުން މަރުވެއްޖެ
ތާރީހީ ސްޓޭޑިއަމްގައި އިންޑިއާ އަށް ތާރީހީ މޮޅެއް
މޮޅުވީ އިންޑިއާ، އަފްގާނިސްތާނަށް ސާބަސް!
ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށް ރައީސް އިންޑިއާ އަށް
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި