Roadha Mihaaru
ކޮވިޑްގައި ބީއެމްއެލް އިން ބޮޑު އެހީއެއް ރައްޔިތުންނަށް

ކޮވިޑްގައި ބީއެމްއެލްގެ ދައުރު ބޮޑު، ރައްޔިތުންނަށްވީ ފަސޭހަ

03 ޖެނުއަރީ 2021

ކޮވިޑާ ގުޅިގެން ކުރިމަތިވި ތަފާތު ހާލަތުގައި ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަ އެވެ. ވިޔަފާރި ކުރުމާއި ފައިސާ ގެންގުޅުމުގެ އާދަތައް، ޒަމާނީ ފަސޭހައިގެ ތެރެއަށް ވަދެ، އެތައް ބަޔަކަށް ހަމަޖެހުން ލިބުނެވެ. ގައުމީ ބޭންކް، ބީއެމްއެލް ނެތް ނަމަ، ކޮވިޑްގެ ތާށިކަމުގެ ތެރޭގައި ދިމާވާނެ ދަތިތައް، އަންދާޒާކޮށްލަން ވެސް އުނދަގުލެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑާ ގުޅިގެން ކުރިމަތިވި ތަފާތު ހާލަތުގައި ދިވެހިންގެ ދިރިއުޅުމުގެ އާދަތަކަށް ބޮޑެތި ބަދަލުތަކެއް އަ އެވެ. ވިޔަފާރި ކުރުމާއި ފައިސާ ގެންގުޅުމުގެ އާދަތައް، ޒަމާނީ ފަސޭހައިގެ ތެރެއަށް ވަދެ، އެތައް ބަޔަކަށް ހަމަޖެހުން ލިބުނެވެ. ގައުމީ ބޭންކް، ބީއެމްއެލް ނެތް ނަމަ، ކޮވިޑްގެ ތާށިކަމުގެ ތެރޭގައި ދިމާވާނެ ދަތިތައް، އަންދާޒާކޮށްލަން ވެސް އުނދަގުލެވެ.

އެކަމަކު މިދިއަ އަހަރު ކޮވިޑް ލައްވާލި އިރު، ބީއެމްއެލް އިން މީގެ އެތައް އަހަރެއް ކުރިންސުރެ ފަށާފައިވާ ބޭންކްގެ ހިދުމަތް ޒަމާނީކޮށް، އާ ޓެކްނޮލޮޖީގެ ފަސޭހަތައް ކަސްޓަމަރުންނަށް ހޯދައިދިނުމުގެ ސިިޔާސަތު އޮތީ ވަރަށް ބޮޑަށް ތަންފީޒުކޮށްފަ އެވެ. އެހެންކަމުން އޮންލައިންކޮށް ވިޔަފާރިކުރުމާއި ނަގުދު ފައިސާގެ ބަދަލުގައި އޮންލައިން ޓްރާންސެކްޝަންތައް ހެދުމުގެ ފުރުސަތު ދިވެހިންނަށް ތަނަވަސްވި އެވެ.

އެކަމަކު ނަގުދު ފައިސާއަކީ ވެސް އެއާ ނުލާ އަދި އުޅެވެން ނެތް ވަސީލަތެކެވެ. މާލޭގައި ކޮވިޑް ފެތުރެން ފެށުމާ އެކު އެޕްރީލް މަހު ލޮކްޑައުންއަކަށް ދިޔައިރު، ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި ބީއެމްއެލްގެ ބްރާންޗްތަކަށް ބޭނުންވާ ފައިސާ ފޮނުވުމާއި، އޭރު ބޭންކް ކާޑާއި އޭގެ ޕިން ވެސް ރަށްރަށަށް ފޯރުކޮށްދޭން ހުރަަސްތައް ދިމާވި އެވެ. އެކަމަކު ބީއެމްއެލްއިން ފަސްޖެހުމެއް ނެތި، އެކަން ދެން ކުރެވެން އޮތް ގޮތް ހޯދި އެވެ. އެގޮތުން ފްލައިޓް ޗާޓާކޮށްގެން ބޭންކްގެ 23 ބްރާންޗަކަށް އެ އެއްޗެހި ގެންގޮސްދިނެވެ. ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެވަޑައިގެން، ނަމޫނާ ދެއްކެވި އެވެ.

ބީއެމްއެލް އިން ކަސްޓަމަރަކަށް ކާޑު ޑެލިވަރީކޮށްދެނީ--ފޮޓޯ:ބޯއެމްއެލް

ބީއެމްއެލް އިން ކަސްޓަމަރަކަށް ކާޑު ޑެލިވަރީކޮށްދެނީ--ފޮޓޯ:ބޯއެމްއެލް

ލޮކްޑައުން ދުވަސްވަރާ ދިމާކޮށް ބައެއް ހިދުމަތްތައް ފަސޭހައިން ހޯދޭނެ ގޮތް ބީއެމްއެލުން ހަމަޖައްސައިދިނެވެ. އޭގެ ތެރެއިން އެއް މިސާލަކީ، އެއްގަމު އުޅަނދު ފަހަރަށް ތެޔޮ އެޅުމުގައި ބޭންކްގެ ކާޑު ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ. މިއީ ކުރިން ލިބި އެކަމަކު ފަހުން ހުއްޓާލާފައި އޮތް ހިދުމަތެކެވެ.

މާލެ ލޮކްޑައުންގައި އޮތަސް، އަދި މާލެއިން އެހެން ރަށްރަށަށް ދާން އުނދަގޫތަކެއް ހުއްޓަސް، ރަށްރަށުގައި ބޭންކްގެ ހިދުމަތްތަކަށް ބުރޫއެރިޔަ ނުދިނުމުގެ ގޮތުން ޓެކްނީޝަނުން ފޮނުވައިގެން މައްސަލަތައް ހައްލުކޮށްދިނެވެ.

ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީވުމުގެ ގޮތުން ޑެބިޓް ކާޑުން ފައިސާ ނެގޭ މިންވަރު ވަގުތީ ގޮތުން އިތުރުކޮށްދިނުމަކީ ވެސް، ދުނިޔެ ހުއްޓުނު ދުވަސްވަރު ގައުމީ ބޭންކުން އެޅި ރަނގަޅު ފިޔަވަޅެކެވެ.

ބީއެމްއެލް

ބީއެމްއެލް

މާލީ އެހީތެރިކަން ފޯރުކޮށްދިން

ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ކާރިސާގައި ރާއްޖޭގެ ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވި އެވެ. މިކަން ކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ބޭންކުން ވަނީ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދޭ ލޯން ސްކީމެއް ތައާރަފް ކޮށްފަ އެވެ. މީގެ އިތުރުން އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން 50 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިނުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނާ އެކު އެއްބަސްވި އެވެ.

މީގެ އިތުރުން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަނުން ބޭންކް މެދުވެރިކޮށް ފަސް މިލިއަން ޑޮލަރު، ޔޫރަޕިއަން އިންވެސްޓް ބޭންކް މެދުވެރިކޮށް 20 މިލިއަން ޔޫރޯއަށްވާ ވަރަށް ލޯނު އެހީ ދޭން ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް ދާއިރާ ހުއްޓުމަކަށް އައުމުގެ ސަބަބުން ޑޮލަރު ހޯދުމުގައި ހުރި ދަތިތަކާ ގުޅިގެން އޮންލައިން ޓްރާންސެކްޝަން ހެދުމުގައި ލިމިޓްތަކެއް ބީއެމްއެލް އިން ކަނޑައެޅި އެވެ. އެ ގޮތުން އެއް ކާޑުން މިހާރު އޮންލައިން މުއާމަލާތްތައް ހެދޭނީ ކޮންމެ މަހަކު 250 ޑޮލަރަށްވާ ވަރަށެވެ. ބޭންކުން ބުނީ މި ބަދަލު ގެންނަން މަޖުބޫރުވީ ހިދުމަތްތައް ހުއްޓުމެއްނެތި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިކަންކަމުގައި ރައްޔިތުންނަށް ފަސޭހަވާނެ ހެޔޮ ބަދަލު ގެންނާނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ މުވައްޒަފުންތަކެއް--ފޮޓޯ:ބީއެމްއެލް

ބީއެމްއެލްގެ މުވައްޒަފުންތަކެއް--ފޮޓޯ:ބީއެމްއެލް

ބޭންކަށް ޑޮލަރު ހޯދުމުގައި ހުރި ދަތިތަކާ އެކު ވެސް ބޭންކްގެ ހިދުމަތް ފުރިހަމަ ކުރުމަށްޓަކައި މުހިއްމު ބަދަލުތަކެއް ގެނަ އެވެ. އެގޮތުން އިންޓަނެޓް ބޭންކިން އަށް އަމިއްލައަށް ރަޖިސްޓާ ވެވޭނެ ޕޯޓަލެއް ތައާރަފްކުރި އެވެ. އޭރުން މިކަންކަން ކުރަން ބޭންކްގެ ކަސްޓަމާ ސާވިސް ސެންޓަރަކަށް ދާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން މުޅިން އޮންލައިންކޮށް ޕިން ހޯދޭނެ ގޮތް ހެދި އެވެ. އަދި ހިދުމަތް ހޯދަން އޮންލައިންކޮށް ޓޯކަން ނަންބަރު ނެގޭނެ ގޮތް ވެސް ބޭންކުން ފަހިކޮށްދިނެވެ. ބޭންކުން ވަނީ އަތޮޅު ތެރޭގައި ހިދުމަތް ރަނގަޅުކޮށްފަ އެވެ. އެގޮތުން އަށް ރަށެއްގައި އޭޓީއެމް ހިދުމަތް ތައާރަފް ކުރި އެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ބޭންކްގެ ކޭޝް އޭޖެންޓުންގެ އަދަދު އިތުރަށް އިތުރު ކުރި އެވެ.

ކޮވިޑްގެ ދަތި ހާލަތުގައި ވެސް ބޭންކުން ވަނީ އެކުންފުނިން މުޖުތަމައަށް ވެދޭ އެހީތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ބޭންކުން ހާއްސަ 20 ޕްރޮޖެކްޓެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގި އެވެ. މި ޕްރޮޖެކްޓްތަކުގެ ތެރޭގައި އެންޖީއޯތަކާއި ވަކިވަކި ފަރުދުން ހިންގި މުޖުތަމައަށް ފައިދާހުރި ގިނަ ޕްރޮޖެކްޓްތަކަށް ފަންޑުކޮށްފައިވެ އެވެ. މީގެ ތެރޭގައި ގާފަރުގައި ސެން ކްލާސް ރޫމެއްގެ ހިންގަން އެހީވުމާއި ހދ. ކުމުންޑޫގައި ސޯލާ ޕަވާގެ މަގު ބައްތި ހަރު ކުރުމާއި ތ. ވޭމަންޑޫގައި ޕިކްނިކް އޭރިއޭއެއް ހެދުން ފަދަ މަސައްކަތްތައް ހިމެނެ އެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް އެހީވުމުގައި އެންމެ އިސް ސަފުގައި މަސައްކަތްކޮށްފަ އެވެ. އެ ބޭންކުގެ އުންމީދަކީ މި އަހަރުގައި ވެސް ރައްޔިތުންނަށް އިތުރު ފަސޭހަތައް ފޯރުކޮށްދީ ހިދުމަތް އިތުރަށް ފުޅާ ކުރުމެވެ.