Roadha Mihaaru
ޝާހިދުގެ ވެބް ސީރީޒްގައި ތަމަޅަ އެކްޓަރު ވިޖޭ

ޝާހިދުގެ ފުރަތަމަ ވެބް ސީރީޒްގައި ތަމަޅަ އެކްޓަރު ވިޖޭ

21 ޑިސެމްބަރ 2020

ޝާހިދު ކަޕޫރާ އެކު ރާޖް އެންޑް ޑީކޭ ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ރޯލަކަށް ތަމަކް އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝާހިދު ކަޕޫރާ އެކު ރާޖް އެންޑް ޑީކޭ ހަދަން ނިންމާފައިވާ ވެބް ސީރީޒްގެ ރޯލަކަށް ތަމަކް އެކްޓަރު ވިޖޭ ސެތުޕަތީ ވެސް ސޮއިކޮށްފި އެވެ.

އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ކާމިޔާބު އަދި ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ވިޖޭ އަކީ ދާދި ފަހުން ސްރީ ލަންކާގެ ކްރިކެޓް ތަރި މުތިއާ މުރަލިތަރަންގެ ބައޮގްރަފިކަލް ޑްރާމާގައި މުތިއާގެ ރޯލު ކުޅެން ސޮއިކުރުމުން އިންޑިއާގެ ތަމަޅައިންގެ ޕްރެޝަރުތަކާ ހެދި އެ ފިލްމު ދޫކޮށްލި އެކްޓަރެވެ.

ޝާހިދުގެ އަލަތު ވެބް ސީރީޒްގެ ރޯލަކަށް ވިޖޭ ސޮއިކުރި އިރު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑާ" އަށް ވެސް އޭނާ ކުރިން ސޮއިކުރި އެވެ. އެކަމަކު ރިޕޯޓްތައް މިހާރު ބުނާގޮތުން އެ ފިލްމުގެ ކާސްޓްގައި އޭނާ މިހާރު ނުހިމެނެ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަށް ރާޖް އެންޑް ޑީކޭ ހަދާ ޝާހިދުގެ ވެބް ސީރީޒާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއްނުކުރެ އެވެ.

ނަމަވެސް މީގެ ބަތަލާގެ ރޯލަށް މިހާރު މަލްވިކާ މޯހަނަން ވެސް ހަމަޖައްސާފައިވާ ކަމަށް އަޑުތައް އަރާފައިވެ އެވެ. އޭނާ އަކީ ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރު އެކްޓިން އަށް ނުކުތް ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" ގެ ބަތަލާ އެވެ. މަލްވިކާ އަކީ ތަމަޅަ، ތެލެގޫ، ކަންނާޑާ އަދި މަލަޔާޅަމް ބަހުން ހަދާ ފިލްމުތަކުގައި ވެސް މަަސައްކަތްކުރާ ބަތަލާއެކެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ ޝާހިދުގެ ވެބް ސީރީޒްގެ ޝޫޓިން އަންނަ މަހު ފަށާނެ އެވެ. އަދި މީގެ މަންޒަރުތައް ނަގާނީ މުމްބާއީ އާއި ގޯއާގަ އެވެ.

ޝާހިދު މިދިޔަ ހަފުތާގައި ވަނީ "ޖާޒީ" ގެ ޝޫޓިން ނިންމާލައިފަ އެވެ.

"ގޯ ގޯއާ ގޯން" އާއި "ހެޕީ އެންޑިން" އަދި "އަ ޖެންޓްލްމަން" ފަދަ ފިލްމުތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އަކީ އެމެޒޯން ޕްރައިމް ވީޑިއޯގެ ކާމިޔާބު ވެބް ސީރީޒް "ދަ ފެމިލީ މޭން" ގެ ވެސް މޭސްތިރިންނެވެ.