Roadha Mihaaru
ޖޯޖިއާގެ ނަތީޖާ އަނބުރާލަން ގަވަރުނަރަށް ބާރުއަޅަނީ

ޖޯޖިއާގެ ނަތީޖާ އަނބުރާލަން ގަވަރުނަރަށް ޓްރަމްޕް ބާރުއަޅަނީ

06 ޑިސެމްބަރ 2020

ޖޯޖިއާ (ޑިސެމްބަރު 6) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ އަނބުރާލުމަށް އެ ސްޓޭޓުގެ ރިޕަބްލިކަން ގަވަރުނަރު ބްރިއަން ކެމްޕަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރެޝަރު ކުރައްވަން ފައްޓަވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖޯޖިއާ (ޑިސެމްބަރު 6) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޖޯޖިއާ ސްޓޭޓުގައި ޖޯ ބައިޑަން ހޯއްދެވި ކާމިޔާބީ އަނބުރާލުމަށް އެ ސްޓޭޓުގެ ރިޕަބްލިކަން ގަވަރުނަރު ބްރިއަން ކެމްޕަށް ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރެޝަރު ކުރައްވަން ފައްޓަވައިފި އެވެ.

ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ޖޯޖިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ގަވަރުނަރަށް ގޮވާލައްވައިފަ އެވެ. އެއީ ޓްރަމްޕަށް ތާއީދުކުރާ އިލެކްޓަރުން ހޮވުމަށް ކަމަށްވެ އެވެ.

ވޮޝިންޓަން ޕޯސްޓުން ބުނީ ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ހެނދުނު ޖޯޖިއާގެ ގަވަރުނަރަށް ގުޅުއްވައި އެބްޒެންޓް ވޯޓުގެ އޮޑިޓެއް ހެއްދެވުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު އެއީ ގަވަރުނަރަށް ލިބިގެންވާ ބާރެއް ނޫނެވެ. އަދި ގަވަރުނަރު ވެސް ވަނީ އެކަމަށް ދެކޮޅު ހައްދަވާފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ޓްރަމްޕް ޓްވީޓް ކުރައްވަން ފެއްޓެވީ އޭގެ ފަހުންނެވެ.

ޓްރަމްޕް ގެންދަވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލް ކުރައްވަން އަދިވެސް ދެކޮޅު ހައްދަވަމުންނެވެ. އެއްވެސް ހެއްކެއް ދެއްކެވުމެއް ނެތި ޓްރަމްޕް ގެންދަވަނީ ވޯޓު އޮޅުވާލިކަމުގެ ތުހުމަތު ކުރައްވަމުންނެވެ. ޓްރަމްޕުގެ ކޭމްޕުން ވަނީ ގާނޫނީ އެތައް މައްސަލައެއް ކޯޓުތަކަށް ވައްދައިފަ އެވެ.

ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ޖޯޖިއާގެ ސެކްރެޓަރީ އޮފް ސްޓޭޓް ބްރެޑް ރަފެންސްޕާޖާ ވިދާޅުވީ ޓްރަމްޕް ތުހުމަތު ކުރައްވާ ފަދަ އެއްވެސް އޮޅުވާލުމެއް އެ ސްޓޭޓުގެ ވޯޓުގައި ހިންގާފައި ނުވާ ކަމަށެވެ. ޖޯޖިއާގެ އެހެން އިލެކްޝަން އޮފިޝަލެއް ކަމަށްވާ ގަބްރިއަލް ސްޓާލިން ވަނީ ޓްރަމްޕް ކުރައްވާ ތުހުމަތުތައް ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ. ސްޓާލިން އަކީ ވެސް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ.

ބައިޑަންގެ ކާމިޔާބީގައި ވަނީ ސްވިންގް ސްޓޭޓެއް ކަމަށްވާ ޖޯޖިއާ މުހިންމު ރޯލެއް އަދާކޮށްފަ އެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޖޯޖިއާގެ ވޯޓް ޑިމޮކްރެޓިކް ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އިންތިޚާބު ބައިޑަން ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ކޮލެކް ވޯޓާ އެކު އެވެ. ނަތީޖާ ރަސްމީ ކުރުމަށް އިލެކްޓަރުން މި މަހު 14 ގައި ބައްދަލު ކުރާނެ އެވެ.