Roadha Mihaaru
އަމިއްލަ ބަޔަކު އެންމެ ދެކުނަށް ފެރީ ދަތުރު ފަށައިފި

އަމިއްލަ ބަޔަކު ރާއްޖޭގެ އެންމެ ދެކުނަށް ފެރީގެ ހިދުމަތް ފަށައިފި

26 އޯގަސްޓް 2020

ބޭސް ފަރުވާ އަށް އައްޑު އަށް ދާން ބޭނުންވާ ހުވަދު އަތޮޅާއި ފުވައްމުލަކުގެ މީހުންނަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޭސް ފަރުވާ އަށް އައްޑު އަށް ދާން ބޭނުންވާ ހުވަދު އަތޮޅާއި ފުވައްމުލަކުގެ މީހުންނަށް ހާއްސަކޮށްގެން އަމިއްލަ ފަރާތަކުން ފެރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

މުޅިއެކު، 60 މީހުންގެ ޖާގަ ހިމެނޭ ލޯންޗެއްގައި މި ހިދުމަތް ފެށީ އއ. ތޮއްޑޫގެ ކުންފުންޏެއް ކަމަށްވާ ރިލެކްސް ސްޕީޑުންނެވެ.

އެ ކުންފުނިން ކޮންމެ ހަފުތާއެއްގެ ހޯމަ އާއި ބުރާސްފަތި ދުވަހު އައްޑު އަށް ދަތުރުތައް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މި ދަތުރުތައް ރާވާފައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތިނަދޫ، މަޑަވެލި، ނަޑެއްލާ، ރަތަފަންތޫ ފިޔޯރީ، ފަރެސްމާތޮޑާ އަދި ވާދޫ ރޫޓުގެ ތެރެއިންނެވެ.

މި ރަށްތަކުން އައްޑު އަށް ކުރާ ދަތުރުތަކުގައި ކޮޅަކަށް ނަގަނީ 400-800ރ. އާ ދެމެދުގެ އަގުތަކެވެ. ފުވައްމުލައް/އައްޑޫ ދަތުރަކަށް ކޮޅަކަށް ނަގަނީ 300ރ. އެވެ.

ރިލެކްސް ސްޕީޑްގެ ވެރިޔާ އަލީ ރިސާން މިއަދު ވިދާޅުވީ، ދަތުރުތަކަށް މިހާރު ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހުވަދު އާއި ފުވައްމުލައް ހިމެނޭ ގޮތަށް އައްޑު އަށް ފެރީ ދަތުރުތަކެއް ބާއްވަން ނިންމި މައިގަނޑު ސަބަބަކީ އައްޑޫގައި މިހާރު ޓާޝަރީ ހޮސްޕިޓަލެއް ހުންނާތީ، އެ ސަރަހައްދުތަން ފަރުވާ އަށް މީހުން ދާން ބޭނުންވާތީ އެކަމަށް ފަސޭހަކޮށް ދިނުމަށް ކަމަށެވެ..

"ވަރަށް ގިނަ ބަޔަކު މިހާރު އައްޑު އަށް ބޭސްފަރުވާ އަށް ދާން ބޭނުންވާތީ އެކަމަށް މިހާރަށް ވުރެ ފަސޭހަ ގޮތެއް ހޯދައި ދިނުން އަހަރެމެންގެ ބޭނުމަކަށްވީ،" ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް ފެރީގެ ހިދުމަތް ދޭ ކުންފުންޏާ ބެހޭ ގޮތުން ރިސާން ވިދާޅުވި އެވެ.

"ދަތުރުތައް ފެށުމާ އެކު އާންމުންގެ ފީޑްބެކް ވެސް ވަރަށް ޕޮޒިޓިވްކޮށް އަންނަނީ. އަހަރެމެންގެ ދަތުރުތަކަށް އައްޑޫގައި ބޭނުންކުރަނީ މަރަދޫ ބަނދަރު."

ވެރިރަށް މާލެ ސަރަހައްދުން ބޭރުގައި ހިންގާ ރާއްޖޭގެ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ހިދުމަތް ދެމުން އަންނަ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެވެ.

ރިސާން ވިދާޅުވީ އައްޑު އަށް ބޭސް ފަރުވާ އަށް ދާން ބޭނުންވާ މީހުން ދަތުރުތައް ހަމަޖެއްސުމަށް ދެ ފޯނު ނަމްބަރެއް ހާއްސަކޮށްފައިވާ ކަމަށެވެ. އެއީ 7731759 އަދި 7582665 އެވެ.

އަމިއްލަ ބަޔަކު ރާއްޖޭގެ އެންމެ ދެކުނު ގުޅައިލެވޭ ގޮތަށް ފެރީގެ ހިދުމަތް ފެށި އިރު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ވެސް އައްޑު އާއި ފުވައްމުލަކަށް ފެރީގެ ހިދުމަތް ދެ އެވެ. އައްޑޫން ހުވަދު އަށް ވެސް ކުރިން ދަތުރުތަކެއް ބޭއްވި ނަމަވެސް އެ ދަތުރުތައް މިހާރު އޮތީ މެދުކަނޑާލައިފަ އެވެ.