15 ޖުލައި 2020
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9،517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2،500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ކޮމިޓީން މިއަދު ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ 7،000 ފްލެޓް، ޔާމީންގެ ސަރުކާރުން ދިނީ ބޭއިންސާފުން ކަމުގެ ޝަކުވާތައް ބަލަން މި ސަރުކާރުން އެކުލަވައިލި ކޮމިޓީގެ މެމްބަރުންނާ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ބައްދަލުކޮށް މައުލޫމާތު ހޯދައިފަ އެވެ.
އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވިދާޅުވީ ހިޔާ މަޝްރޫއަށް ހުށަހެޅި ފޯމުތައް ވަކިވަކިން ބަލައި އެކި ކެޓަގަރީތަކުން ލިސްޓްތައް އެކުލަވައިލަމުން އަންނަ ކަމަށެވެ. އެ ލިސްޓުތައް ނިމޭވަރަކުން އާއްމުކުރަން ނިންމާފައިވާ އިރު ފުރަތަމަ ލިސްޓް އާއްމު ކުރެވޭނެ ކަމަށް ކޮމިޓީން ލަފާކުރަނީ މި މަހުގެ ތެރޭގަ އެވެ.
"...އަދި ވުޖޫދުގައި ނެތް 2،500 ފްލެޓް އެވޯޑް ކުރާނެ ކަމުގެ ލިސްޓްތައް އާއްކޮށްފައިވާ ކަން އަޅުގަނޑުމެންނަށް ލިބުނު ލިއުންތަކުން ސާފުވާން އެބައޮތް،" ކޮމިޓީގެ މެމްބަރު ތޯހާ މުހައްމަދު ވިދާޅުވި އެވެ.
- ހިޔާ މަޝްރޫއުން ފްލެޓަށް އެދި ހުށަހެޅި ކަމަށް ކޮމިޓީ އަށް ލިބުނީ 25،243 ފޯމު.
- މިހާތަނަށް އިވެލުއޭޓްކޮށް ނިމުނީ 21،900 ފޯމު.
- ހިޔާ މަޝްރޫއަށް ކަނޑައެޅި 7،000 ފްލެޓުން ގުޅީފަޅަށް 140، ގާކޮށި/ އަރަބިއްޔާ މަޝްރޫއަށް 160 ފްލެޓް ވަނީ ކަނޑައަޅާފައި.
- އެ މަޝްރޫއުގައި ބާކީ ހިމެނެނީ 6،420 ފްލެޓް (16 ޓަވަރުގެ ގްރައުންޑް ފްލޯގައި މިހާރު ފްލެޓެއް ނުހުންނާނެ)
ކޮމިޓީން ބުނިގޮތުގައި އޮގަސްޓް، 2019 އާ ހަމައަށް ފްލެޓް ކޮމިޓީން އިވެލުއޭޓްކޮށްފައި ވަނީ 11،000 ފޯމެވެ. އެކަމަކު ކޮމިޓީ އަށް އާ މެމްބަރުންތަކެއް އައްޔަންކޮށް، ޖޫން، 2020 ގެ ނިޔަލަށް 23،000 ފޯމު ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.
ހިޔާ މަޝްރޫއުގެ ހުރިހާ ފޯމެއް ވެސް އިވެލުއޭޓް ކުރަމުން އަންނަނީ ޔާމީންގެ ސަރުކާރުން ކަނޑައަޅައި އިއުލާންކޮށްފައިވާ މާކްސް ދިނުމުގެ މިންގަނޑާ އެއްގޮތަށެވެ. އެކަމަކު، ފްލެޓް ކޮމިޓީން ހުރިހާ ފޯމެއް ވަކިވަކިން ބަލައި މާކްސްދީ އެކުވަލައިލަނީ އާ ލިސްޓެކެވެ.
ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެޓާނީ ޖެނެރަލް އޮފީހުގެ ވަކީލް، އަލީ ސުހެއިލް ވިދާޅުވީ އިވެލުއޭޝަނަށް ފަހު އެ ކޮމިޓީން އާއްމުކުރާ ލިސްޓާއި ޔާމީންގެ ސަރުކާރުގެ ލިސްޓާ ތަފާތުވުން އެކަށީގެންވާ ކަމަށެވެ.
ތޯހާ ވިދާޅުވި ގޮތުގައި ފްލެޓަށް އެދި ފޯމު ހުށަހެޅިއިރު އިއުލާނުގައި ހުށަހަޅަން ޖެހޭ ކަމަށް ބުނެފައިވާ ލިއުންތައް ހުށަހަޅާފައި ނެތުމަކީ މަސައްކަތް އުނދަގޫވި ކަމެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކެޓަގަރީއެއް ހާއްސަ ކުރިއިރު، އެ ކެޓަގަރީން ފޯމާ އެކު އެންސްޕާގެ ލިއުމެއް ހުށަހަޅަން ޝަރުތުކޮށްފައި އޮތަސް އެ ލިއުން ނެތި ވެސް ފޯމުލާފައި ހުރި ކަން މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވި އެވެ.
ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓުބަރިއެއް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
"ދެން އަޅުގަނޑުމެން ޖެހެނީ އެންސްޕާ އިން އެ ލިއުންތައް ވެސް ހޯދަން، މިއީ މަސައްކަތް އުނދަގޫވި ކަމެއް،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޭގެއަށް ގޮސް 10 ކެޓަގަރީއަކުން ދިރިއުޅުމުގެ ހާލަތު ވަނީ ބަލައިފަ އެވެ. މިހާތަނަށް ހާލަތު ބަލަން ނުދެވޭ ގެތަކެއް ހުރި ކަން ފާހަގަކުރައްވަމުން ވިދާޅުވީ، އެ ފަރާތްތަކުން ކޮމިޓީއަށް ގުޅަން އެދި މިހާރު ވަނީ ލިސްޓެއް އާއްމުކޮށްފައި ކަމަށެވެ.
ތޯހާ ވިދާޅުވީ މަސައްކަތް މުޅިން ނިންމާލެވުނީ ހަ ކެޓަގަރީއަކުން ކަމަށެވެ. އެއީ، ޑޮކްޓަރުންނާއި ޓީޗަރުންނާއި މާލޭ ރަށްވެހިންގެ އެއް ކޮޓަރީގެ ފްލެޓްތަކާއި ދަފްތަރުގެ އެއް ކޮޓަރީގެ ފްލެޓްތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެއް ކޮޓަރީގެ ފްލެޓްތަކުގެ އިތުރުން އަލަތު ކައިވެންޏަށް ކަނޑައެޅި ކެޓަގަރީ އެވެ.
"މާލޭ ރަށްވެހިންގެ ދެ ކޮޓަރީގެ ފްލެޓްތަކުގެ ކެޓަގަރީ އަޅުގަނޑުމެން މިބަލަނީ މި މަހުގެ ނިޔަލަށް ނިމޭތޯ. އެ ކެޓަގަރީން އަޅުގަނޑުމެންނަށް ޒިޔާރަތް ނުކުރެވި އިނީ 540 ގެ،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދިރިއުޅުމުގެ ހާލަތު ބެލީ ދުވާލަކު 400-500 އާ ދެމެދުގެ އަދަދަކަށް ގޭގެއަށް ޒިޔާރަތް ކޮށްގެންނެވެ.
ވުޖޫދުގައި ނެތް ފްލެޓްތަކެއް ވެސް ހިމަނައިގެން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޔަގީންކަން ކުރީގެ ސަރުކާރުން ދީފައި އޮތުމަކީ މަކަރާއި ހީލަތުގެ ވަރަށް ބޮޑު އޮޅުވައިލުމެއް ނޫންތޯ ވިދާޅުވެ، ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ސަލީމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ނިކަމެތި ރައްޔިތުންތަކަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓު އާއްމުކޮށްފައި އޮއްވައި މި ސަރުކާރުން ބެލިއިރު އެތަނުގައި ފްލެޓް ނެތުން އެއީ ހައްގެއް ގެއްލުން ކަމަށާއި އެ މައްސަލައިގެ ހައްލަކީ ކޮބައިތޯ އޭނާ ކޮމިޓީއާ ސުވާލު ކުރެއްވި އެވެ.
އެކަމަކު އެ ސުވާލަކަށް ކޮމިޓީގެ މެމްބަރުން ސީދާ ޖަވާބެއް ނުދެއްވައި ދެއްކެވީ އެ މަޝްރޫއުގައި، ލިޔެކިޔުންތައް ފުރިހަމަ ނުވެ ހުރުމާއި އާއްމުކުރި ކްރައިޓީރިއާ އެއްގޮތަށް މާކްސް ދީފައި ވުމެވެ. އަދި ދިރިއުޅުމުގެ ހާލަތަށް 30-40 މާކްސް ދޭނެ ކަމަށް އިއުލާންކޮށްފައި އޮތަސް މިންގަނޑެއް އެކުލަވާފައި ނެތް ކަން ވެސް ފާހަގަކުރި އެވެ.
އެހެންވެ، ކޮންމެ ކެޓަގަރީއަކުން ވެސް ހާލަތު ބެލުމަށް މިންގަނޑެއް އެކުލަވައިލި ކަމަށް ކޮމިޓީން ބުންޏެވެ.
"އަޅުގަނޑުމެންގެ މެންޑޭޓް ބޮޑަށް މިއޮތީ ކޮން ބަޔަކަށްތޯ ފްލެޓް ހައްގު ވާނީ ކަނޑައެޅުން. ފްލެޓްތަކުގެ ހުރީ އެއް ކޮޓަރިތޯ ދެ ކޮޓަރިތޯ އިމާރާތުގެ ކޮން ތަނަކުންތޯ ފްލެޓް ދޭނީ ކަނޑައެޅުމެއް ވެސް ނޫން. އަޅުގަނޑުމެންނާ ހަވާލުވެފައި އޮތީ ހައްގުވެރިންގެ ނަންތައް ތަރުތީބު ކުރުން،" ސުހެއިލް ވިދާޅުވި އެވެ.
ޕޮއިންޓު ދިން ގޮތް ގޯސް، އަލުން ބަލަން ޖެހޭ: ކޮމިޓީ
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ހިޔާ ފްލެޓުތައް ދޭން ގޮވާލައި ކުއްލި މައްސަލައެއް
ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ހާލަތު ބަލަނީ!
މާ އުނދަގޫ ކަމަކީތަ؟ ނޫނީ ކުރަން ބޭނުން ނުވަނީތަ؟
ހިޔާގެ ގްރޭސް ޕީރިއަޑް އިތުރުކުރަން މަޝްވަރާ ކުރަނީ
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް
އެއް ކޮޓަރި ފްލެޓު ނުދިނުމުގައި ގޯހެއް ހެދިތޯ ބަލަނީ
ޝަކުވާ ބޮޑުވުމުން ދާއިމީ ލިސްޓު ނެރުން ލަސްވެއްޖެ