Roadha Mihaaru
ސުޝާންތު މަރުވީ އަމިއްލައަށް، މަރާލީއެއް ނޫން: ރިޕޯޓް

ސުޝާންތު މަރުވީ އަމިއްލަ އަށް، މަރާލީއެއް ނޫން: ޕޯސްޓްމޯޓަމް

25 ޖޫން 2020

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތު މަރުވީ އަމިއްލަ އަށް ކަމަށާއި ބަޔަކު އޭނާ މަރާލީ ނޫން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަރުވި އެކްޓަރު ސުޝާންތު ރާޖްޕޫތު މަރުވީ އަމިއްލަ އަށް ކަމަށާއި ބަޔަކު އޭނާ މަރާލީ ނޫން ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްގައި ބުނެފި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި ހާދިސާގެ މައްސަލަ ތަހުގީގުކުރާ މުމްބާއީގެ ފުލުހުންގެ ޓީމަށް ސުޝާންތުގެ ޕޯސްޓްމޯޓަން ހެދި މުމްބާއީގެ ކޫޕާ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން ހުށަހެޅި ރިޕޯޓްގައި ބުނީ 34 އަހަރުގެ އެކްޓަރު މަރުވީ ސީދާ އަމިއްލަ އަށް، ދަންޖެހިގެން ކަމަށެވެ. އެހެންވެ މަރުގެ ސަބަބެއް ކަމަށް ބުނެފައިވަނީ ދަންޖެހުމުން ނޭވާ ހާސްވުމެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ސުޝާންތުގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ކަހަލަ ނިޝާނެއް އަލާމާތެއް ވެސް ފެނިފައެއްނެތެވެ. އެހެންވެ އެ މަރާ، އިތުރު ބަޔަކާ ގުޅުވޭނެ އެއްވެސް ހެއްކެތް ނެތް ކަމަށް ޕޯސްޓްމޯޓަމް ރިޕޯޓްތަކުގައިވެ އެވެ.

ސުޝާންތު ދަންޖެހިފައި ހުއްޓައި ފެނުނީ މުމްބާއީގައި އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓްގެ ކޮޓަރިތެރޭގައި މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. އެ މަރާ ގުޅިގެން އެކި ކަހަލަ ވާހަކަތައް ދެކެވެމުން ދިޔަ އެވެ. އެގޮތުން ސުޝާންތު ޑިޕްރެޝަނަށް ފަރުވާ ހޯދަމުން ދިޔަ ވާހަކަ އާއި އޭނާ މަރުވީ އެކަމަށް ބޭނުންކުރަމުން ދިޔަ ބޭސް ވެސް ބޭނުންކުރުން ހުއްޓާލާފައި ވަނިކޮށް ކަމަށްވެ އެވެ.

މީގެ އިތުރުން ސުޝާންތުގެ މަރަކީ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމަށްވާ ބުނާ ބަތަލާ ރިއާ ޗަކްރަބަތީގެ މައްސަލައެއް، ސުޝާންތު ނިސްބަތްވާ ބިހާރުގެ ކޯޓަކަށް ވެސް ހުށަހަޅާފައިވެ އެވެ. އަދި ސުޝާންތު މަރުވުމުގެ ކުރިން ރިއާ ދޫކޮށްލުމަށާއި އެހެން ނޫން ނަމަ މަރައިލާނެ ކަމަށް ބުނާ މެސެޖްތަކެއް ލިބުނު ވާހަކަތަކެއް ވެސް މީޑިއާތަކުގައި ދައުރުވެފައިވެ އެވެ.

ނަމަވެސް އެ ހާދިސާ ތަހުގީގުކުރާ ފުލުހުން އެފަދަ އެއްވެސް ކަމަކާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ސުޝާންތު، 34، މަރުވުމާ ގުޅިގެން އެކަމުގެ ޒިންމާ ބޮލީވުޑްގެ ބައެއް މީހުންގެ ބޮލުގައި އަޅުވާފައިވެ އެވެ. އަދި މިއީ ބޮލީވުޑްގައި ވަކި ހިއްޕާލާފައި އޮތް ނެޕޮޓިޒަމާއި މެންޓަލް ހެލްތުގެ ސަބަބުން ހިނގި ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެ އެވެ.

ސުޝާންތު މަރާ ގުޅިގެން އޭނާ އުފަން ސްޓޭޓް ބިހާރާއި އަމިއްލަ ވަޒަން ކަމަށްވާ ޕަޓްނާގައި ދަނީ ބޮލީވުޑްގެ ނުފޫޒު ގަދަ ބައެއް މީހުންނާ ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. އެގޮތުން ސަލްމާން ޚާނާއި ކަރަން ޖޯހަރާއި ސަންޖޭ ލީލާ ބަންސާލީ ފަދަ މީސްމީހުންގެ ފިލްމުތައް އެ ސްޓޭޓްގައި ބޮއިކޮޓްކުރާނެ ކަމަށް ސުޝާންތުގެ ފޭނުން ދަނީ ބުނަމުންނެވެ. އަދި އެ މީހުންގެ ފިލްމުތައް އެ ސްޓޭޓްގައި ކުރިއަށް އޮތް ތަނުގައި ރިލީޒްވިޔަ ނުދޭނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ.