Roadha Mihaaru
އަދުހަމް ކުރި ތުހުމަތުތައް ބަލަން އިތުރު ފުރުސަތެއް

އަދުހަމް ފުލުހުންނަށް ކުރި ތުހުމަތުތަކާ ގުޅޭ ކަންކަން ބަލަން އިތުރު ފުރުސަތެއް

18 ޖޫން 2020

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ދައުވާލިބޭ އަދުހަމް މުހައްމަދުގެ ފަރާތުން ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ ކަންކަން ބެލުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލުމުގެ ދައުވާލިބޭ އަދުހަމް މުހައްމަދުގެ ފަރާތުން ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ ކަންކަން ބެލުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު ދީފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ގާސިމްގެ ކާރުގައި ދަތުރު ކުރަމުން ގޮސް ކަރަށް ތޫނު އެއްޗެހިން ހަމަލާދީ އޭނާ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާކުރާ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް ކޯޓުގައި ކުށަށް އެއްބަސްވުމަށް ފަހު އޭނާ ފަހުން ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާ ނޭނގޭ ހާލަތެއްގައި ހުރެގެން ކަމަށެވެ.

އެ މައްސަލައިގެ ވީޑިއޯ ކޮންފަރެންސްކޮށް މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އަދުހަމްގެ ވަކީލާ އައިމިނަތު ރުކްޝާނާ ވިދާޅުވީ އަދުހަމް ކުރި ތުހުމަތުތަކާ ގުޅިގެން އިތުރު ކަންކަން ސާފުކުރަމުން އަންނަ ކަމަށާއި ހެކި ހާމަކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެކަމަށް ހަތް ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށާއި އޭގެ ފަހުގައި އަދުހަމްގެ ފަރާތުން ވެސް ދިފާއުގައި ހެކި ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވިދާޅުވީ އަދުހަމްގެ ތުހުމަތުތަކާ ގުޅިގެން އެކަން ހިނގި ގޮތް ދައުލަތުން ވެސް ބަލަމުން އަންނަ ކަމަށާއި އިތުރަށް އެ ކަންކަން ސާފުކުރަން ޖެހިއްޖެ ނަމަ، ތަހުގީގުކުރި ފުލުހުން ވެސް ޝަރީއަތަށް ހާޒިރު ކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދުހަމްގެ ވަކީލަށް ފުރުސަތެއް ދިނުމަށް ދައުލަތުން ވެސް ދެކޮޅެއް ނުހެދި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވިދާޅުވީ މައްސަލައިގެ ބާވަތުން އެކަމަށް ފުރުސަތެއް ދެއްވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި ހަތް ދުވަހުގެ ފުރުސަތަށް ފަހު ބާއްވާ އަޑުއެހުމެއްގައި ދެ ފަރާތުން ހެކި ހާމަ ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަން ޖެހޭނެ ގާޒީ އިސްމާއިލް ވިދާޅުވި އެވެ.

ގާސިމް މަރާލި ކަމަށް ކޯޓުގައި އެއްބަސްވެ، މައާފަށް އެދުމަށް ފަހު ކުއްލި ގޮތަކަށް އަދުހަމް އެކަމަށް އިންކާރުކުރީ އޭނާގެ މައްޗަށް ހުކުމް އިއްވަން ބޭއްވި މަޖިލީހުގަ އެވެ. އޭރު ދައުލަތުން އޮތީ ލުއިކުރަން އެއްބަސްވެ، އަދުހަމާ އެކު އިއުތިރާފްގެ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ. އެކަމަކު މިހާރު އެ އެއްބަސްވުން އޮތީ ނިމުމަކަށް އައިސްފަ އެވެ.