Roadha Mihaaru
ޑާރޭޖްގެ ފޭކު ސެންޓު ވިއްކާތީ ޕްލާޒާއިން ކަންބޮޑުވެއްޖެ

ރަސާސީގެ "ޑާރޭޖް"ގެ ފޭކު ސެންޓު ވިއްކާތީ ޕްލާޒާއިން ކަންބޮޑުވެއްޖެ

13 ފެބުރުއަރީ 2020

ދުނިޔޭގެ މަޝްހޫރު "ރަސާސީ" ބްރޭންޑުގެ "ޑާރޭޖް" ސެންޓުގެ ފޭކް ސެންޓެއް ރާއްޖޭގައި ވިއްކާތީ އެ ސެންޓުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޕްލާޒާ އެންޓަޕްރައިސަސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ މަޝްހޫރު "ރަސާސީ" ބްރޭންޑުގެ "ޑާރޭޖް" ސެންޓުގެ ފޭކް ސެންޓެއް ރާއްޖޭގައި ވިއްކާތީ އެ ސެންޓުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޕްލާޒާ އެންޓަޕްރައިސަސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕްލާޒާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ "ޑާރޭޖް"ގެ ފޭކް ސެންޓެއް ރާއްޖޭގެ މާކެޓުގައި ވިއްކަމުންދާ މައުލޫމާތު އެ ކުންފުންޏަށް ގިނަ ބައެއްގެ ފަރާތުން ލިބިފައިވާ ކަމަށެވެ. އަދި އެ ކުންފުނިން ބެލި ބެލުމުން ރާއްޖެ އަށް މިފަދަ ސެންތު އެތެރެކޮށް ވިއްކަމުން އަންނަ ކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ކުންފުނިން ބުނީ ރަސާސީގެ ހުރިހާ ސެންޓަކީ ވެސް އިންސާނުންނަށް އެންމެ އެކަށީގެންވާ މައުދަންތައް ބޭނުންކޮށްގެން އުފައްދާ ސެންޓުތަކެއް ކަމަށެވެ. އެހެންކަމުން އޭގެ ކޮލިޓީ ދަށްކޮށް އުފެއްދުމުގެ ސަބަބުން އެއިން މީހުންނަށް ނޭދެވޭ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޕްލާޒާ އިން ބުންޏެވެ.

މީގެ އިތުރުން ފެންވަރު ދަށް ސެންޓެއް، ރަސާސީގެ އެންމެ މަގުބޫލު އެއް ސެންޓު ކަމަށްވާ "ޑާރޭޖް"ގެ ނަންޖަހައިގެން "ސެކަންޑް ހޭންޑް ކޮލިޓީ" ކަމަށް ބުނެ ވިއްކަމުން ދިއުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށް ވެސް ޕްލާޒާއިން ބުންޏެވެ. އަދި ރަސާސީގެ އެއްވެސް ސެންޓެއް ދުބާއީ ނޫން އެހެން ގައުމެއްގައި ނުއުފައްދާނެ ކަމަށާއި ކަސްޓަމަރުން ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ރަސާސީގެ "ޑާރޭޖް" ސެންޓަކީ ރާއްޖޭގެ ގިނަ ފިރިހެނުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ސެންޓެކެވެ. މި ސެންޓަކީ ދުނިޔޭގެ ވެސް އެންމެ މަގުބޫލު ސެންތުގެ ތެރޭގައި ހިމެނޭ ސެންޓެކެވެ.