Roadha Mihaaru
އާ ޓާމިނަލާ ގުޅޭ ކަންކަން މާލިއްޔަތު ކޮމިޓީން ބަލަނީ

އާ ސީޕްލޭން ޓާމިނަލާ ގުޅޭ ކަންކަން މާލިއްޔަތު ކޮމިޓީން ބަލާނަން: ޔައުގޫބް

06 ފެބުރުއަރީ 2020

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ހެދި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލުން ހެދި އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ބޮޑު ޖާގައެއް ދޭން ސަރުކާރުން ނިންމި ނިންމުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާނެ ކަމަށް ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޓީއެމްއޭ އަށް ބޮޑު ފައިދާއެއް ވާ ގޮތަށް އާ ސީޕްލޭން ޓާމިނަލުން ޖާގަދޭ ގޮތަށް ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އިއްޔެ ބުނުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޔައުގޫބް ވިދާޅުވީ، އެކަން ހިނގި ގޮތް މާލިއްޔަތު ކޮމިޓީން މި ފެށޭ ހަފުތާގައި ބަލާނެ ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ސަރުކާރުން އިއްޔެ ވަނީ ކަނޑައަޅައި އުސޫލުތައް އާންމުކޮށްފަ އެވެ. އެގޮތުން ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށް ނިންމާފައިވެ އެވެ. ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުން ނަމަ ޖެހޭނީ، އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ނަގާށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލަށް ލިބެން އޮތް އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް އަމަލުކުރުމާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށް އަމަލު ކުރުމަށެވެ. މިގޮތުން ޓީއެމްއޭ އާއި މަންޓާ އަށް ޖާގަ ދިނުމަށް ފަހު، ބާކީ ހުރި ޖާގަތައް، ބީލަމުގެ އުސޫލުން އެމްއޭސީއެލުން ހުޅުވާލެ ކަމަށް ބަޔާނުގައި ވެ އެވެ.

މެންބަރު ޔައުގޫބުގެ ޓްވީޓް

މީގެ އިތުރުން ދެ އަހަރަށް ފަހު، އާ ސީޕްލޭން ޓާމިނަލުގެ މުޅި އޮޕަރޭޝަނާ އެމްއޭސީއެލުން ހަވާލުވެ، މާކެޓު ރޭޓުގައި ތަނުގެ ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ ކުރިން އެންމެ ބޮޑަށް އަޑު ފެތުރިފައި އޮތީ، ޓީއެމްއޭ އަށް އާ ޓާމިނަލުން ބޮޑު ބައެއް، ކުޑަ އަގެއްގައި ދޭން އުޅޭ ވާހަކަތަކެވެ. މިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އެންގުމަށް އޮޑިޓް އޮފީހުން ހާއްސަ އޮޑިޓެއް ހަދާފައިވެ އެވެ. މި އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމްއޭސީއެލުން މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ކުއްޔަށް ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. ސަރުކާރުން މިހާރު ނިންމި ގޮތަށް ދޭ ނަމަ އެމްއޭސީއެލަށް ލިބޭނީ 33 މިލއަން ޑޮލަރުގެ އާމްދަނީއެކެވެ.

ޓީއެމްއޭ އަށް ބޮޑު ފައިދާއެއް ވާ ގޮތަށް އާ ސީޕްލޭން ޓާމިނަލުން ޖާގަ ދޭން ނިންމުމާ މެދު އިދިކޮޅު ފަރާތްތަކުން ވެސް ކަންބޮޑުވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަރު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، އާ ސީޕްލޭން ޓާމިނަލަކީ ފައިދާވާނެ ގޮތަކަށް ކޮށްފައިވާ އިންވެސްޓްމެންޓެއް ކަމަށާއި އެއިންވެސްޓްމެންޓްތަކާ މެދު މި ސަރުކާރަށް އަމަލު ކުރާނެ ގޮތެއް ވެސް ނޭނގުނު ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އާ ސީޕްލޭންގެ ބޮޑު ބައެއް ޓީއެމްއޭއަަށް ދިނުމަށްޓަކައި ލިޔެކިޔުންތައް އެކުލަވާލައިފައި ވަނީ ޔާމީނުގެ ސަރުކާރުގަ އެވެ.

ކުރީގެ މިނިސްޓަރު ސައީދުގެ ޓުވީޓް

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މި ސަރުކާރުން އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ދައުލަތުގެ މަސްލަހަތަށް ގެއްލުން ލިބޭ ނިންމުމެއް ކަމަށެވެ.

"ވަކި ބަޔަކަށް ބޮޑު މަންފާއެއް ހޯދައިދޭން އުޅުމަކީ ކޮރަޕްޝަނެއް ނޫންބާ؟ އެއްވެސް އުސޫލެއް ނެތި ކަންކަން ކުރާ ތަން މި ފެންނަނީ،" އެމަނިކުފާނުގެ ޓުވީޓުގައި ވެ އެވެ.