Roadha Mihaaru
"ރަށްތައް ގިރީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން"

ރަށްތައް ގިރީ ތިމާވެށީގެ ހާއްސަ ހާލަތެއްގެ ސަބަބުން: މިނިސްޓަރު

02 ފެބުރުއަރީ 2020

މި ފަހަރުގެ އިރުވައި ހަޅައިގައި ރާއްޖޭގެ ގިނަ ރަށްތަކެއް ގިރީ މޫސުމީ ގޮތުން ދިމާވި ހާއްސަ ހާލަތެއްގެ ސަބަބުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މި ފަހަރުގެ އިރުވައި ހަޅައިގައި ރާއްޖޭގެ ގިނަ ރަށްތަކެއް ގިރީ މޫސުމީ ގޮތުން ދިމާވި ހާއްސަ ހާލަތެއްގެ ސަބަބުން ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރަށްގިރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޖިލީހުގެ އެންވަޔަރަމަންޓް ކޮމެޓީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އާދަޔާ ހިލާފަށް ރަށްގިރުން ކުރިމަރިވީ އިންޑިއާ ކަނޑުގައި ބައެއް ފަހަރު ކުރިމަތިވާ ހާއްސަ ހާލަތެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކަމަށެވެ. އެގޮތުން ދުނިޔެ އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ ފަސް އަހަރަކާއި 10 އަހަރަކު މޫސުމަށް އެބަދަލުތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޑައިޕޯލް ސިޗުއޭޝަންގައި މޫސުމަށް ކުރާ އަސަރު ބޮޑުވަނީ. އަޅުގަނޑު އަބޫދާބީގައި ހުއްޓާ އެތަނަށް ވަރަށް ގަދަޔަށް ވާރޭވެހުނު. އެތަނަކީ ވާރޭވެހޭ ތަނެއް ނޫން. އަނެއްކޮޅުން އޮސްޓްރޭލިއާގައި އަލިފާން އަނދަމުން ދިޔައީ. އެހެންވީމަ އެކަހަލަ ހާލަތު ދިމާވޭ،" މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން އިތުރުވާކަމަށް ވަނީ ހަނދާއި އިރާ ދުނިޔޭގެ ނިސްބަތުން ހުންނަ އުސްމިނުގެ ސަބަބުން. އެހެންވީމަ ވަރަށް ގިނަ ކަންތައްތަކެއް އެކުލެވިގެން ހާއްސަ ހާލަތްތަކެއް މި އަންނަނީ."

Hiydhathi manzareh! Dharavandhoo ge gondudhoh "kaalaifi"!

Hiydhathi manzareh! Dharavandhoo ge gondudhoh "kaalaifi"!

The most trusted news source in the Maldives

Mihaaru

މިފަހަރުގެ ހަޅާގައި ދަރަވަންދޫ ގިރުން---

އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ ޒައްމަތު ހަލީލް ވިދާޅުވީ މޫސުމަށް ދިމާވެފައިވާ ހާލަތު ބަދަލުވުމުން ރަށްތަކުން ގިރާލި ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި މިހާލަތު ދިމާވީ ފަސް ވަރަކަށް ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ސީދާ ކްލައިމެޓް ޗޭންޖާ ހެދި ވީކަމެކޭ، ނޫނީ އިންޑިއަން އޯޝަން ޑައިޕޯލްއާ ހެދިއޭ (ބުނަން ދަތި). މީގައި އެބައުޅޭ އިންސާނުންގެ ކަންތައްތަކެއް ވެސް. ތަރައްގީގެ އެކިއެކި މަޝްރޫތައް ހިންގިފައި އެބަހުރި އާންމު ހާލަތަށް ބަލާފައި ވެސް،" ޒައްމަތު ވިދާޅުވި އެވެ.

މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުގެ އޮފިޝަލަކު ވިދާޅުވީ އެހެން އަހަރުތަކުގެ ހަޅަ އާއި މި އަހަރުގެ ހަޅައާ މާބޮޑު ތަފާތުތަކެއް ހުރިކަމަކަށް ހިސާބުތަކުން ނުދައްކާ ކަމަށެވެ. ނަމަވެސް އިންޑިއާ ކަނޑުގެ މޫސުމަށް މިދިޔަ އަހަރު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި މިހާރު ކުރިމަތިވި ހާލަތު މީގެ ކުރިން ކުރިމަތިވީ 1902 ގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަރަބި ކަނޑުގައި އަހަރަކު އާއްމުކޮށް އެއް ތޫފާން އުފެދޭއިރު މިފަހަރު ފަސް ތޫފާން އުފެދުނު ކަމަށް ވެސް ވިދާޅުވި އެވެ. އަދި އޭގެ ތިން ތޫފާނެއްގެ އަސަރު ސީދާ ރާއްޖެއަށް ކުރި ކަމަށާއި އެކަމުގެ ސަބަބުން ވެސް ރަށްގިރުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ތޫފާނުގެ ސަބަބުން ވައިބާރުވެ ރާޅުތައް ވެސް ތަފާތު ގޮތްގޮތަށް މުގުރާ ކަނޑުގެ ބާނިތަކަށް ބަދަލުތައް އާދޭ. އެހެންވީމަ މިދެންނެވި ހާލަތު މެދުވެރިވެގެން ކަމަށް އަޅުގަނޑުމެން މިލަފާ ކުރަނީ،" ރަށްގިރައިފާނެ ކަމަށް ބެލެވޭ ސަބަބު ކިޔައިދެއްވަމުން އޮފިޝަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި 79 ރަށަކުން ރަށްގިރާ މައްސަލަ ހުށަހަޅާފައިވާއިރު މިފަހަރު ރަށް ގިރައިގެން 20 ރަށުން ހުށަހެޅި ކަމަށެވެ.

ރަށްގިރާ މައްސަލަ އެއްވެސް ރިސޯޓަކުން ހުށަހަޅާފައިނުވާ ކަމަށާއި ގޮނޑުދޮށްތައް ހިމާޔަތް ކުރަން ރިސޯޓްތަކުން ކުރިއާލާ ފިޔަވަޅުތަކެއް އަޅާފައިވާކަން އޭގެން އެނގޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން އެކަމުން މިސާލު ލިބިގަނެ މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރަށްގިރުން ފަދަ ކުއްލި ހާލަތްތަކުގައި އަމަލު ކުރާނެ އުސޫލެއް ކަނޑައަޅަން ޖެހިފައިވާ ކަމަށެވެ. އަތޮޅު ފެންވަރާއި ރަށު ފެންވަރުގައި އެ އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުޅި މައްސަލައާ މެދު ވާހަކަ ދެއްކުމަށް އަންނަ މާޗް މަހު ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެ ބައްދަލުވުމަށް ދިރާސާ ރިޕޯޓްތައް ހުށަހަޅައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.