27 ޖެނުއަރީ 2020
ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން ކައިވެނީގެ ނަމުގައި މިދިޔަ އަހަރު ފަސް ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީން ބެލިކަން "މިހާރު" އިން އެދިގެން ހޯދި ތަފާސްހިސާބުން އެނގިއްޖެ އެވެ.
ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން ކައިވެނީގެ ނަމުގައި މިދިޔަ އަހަރު ފަސް ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީން ބެލިކަން "މިހާރު" އިން އެދިގެން ހޯދި ތަފާސްހިސާބުން އެނގިއްޖެ އެވެ.
ކައިވެނީގެ ނަމުގައި، 18 އަހަރު ނުފުރޭ އެ ކުދިން ޖިންސީ ޝިކާރައަކަށް ހެދީ ކޯޓުން ބޭރުގައި، ގާނޫނާ ޚިލާފަށެވެ.
އެ ހިސާބުތަކާ ގުޅިގެން ކުރި ސުވާލުތަކަށް ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަދި އެންސީޓީސީގެ ކައުންޓާ ރެޑިކަލައިޒޭޝަން ކޮމިޓީގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ ހަރުކަށި ނުވަތަ ހައްދުފަހަނައަޅާފައިވާ މާހައުލުގެ ތެރެއިން ޝަރުއީ ކޯޓުން ބޭރުގައި 18 އަހަރުން ދަށުގެ ކުދިންތަކަކަށް ކައިވެނީގެ ނަމުގައި ޖިންސީ ގޯނާކުރި މައްސަލަތައް ބަލައި އެ ކުދިން ރަައްކާތެރި މާހައުލަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި މައްސަލަތަކުގައި އަނިޔާ ލިބުނީ ކުޑަކުދިންތަކަކަށް ވާތީ، އެ ކުދިންގެ ވަނަވަރު ހާމަވެދާނެ ފަދަ އެއްވެސް ތަފްސީލެއް، މި ހަބަރުގައި ނުހިމަނަ އެވެ.
މިއީ މިނިސްޓްރީ އަށް އެނގިގެން، މިދިޔަ އަހަރު ފިޔަވަޅު އަޅާފައިވާ މައްސަލަތަކުގެ އަދަދެވެ. ކައިވެނީގެ ނަމުގައި ހިންގާ މި ކުށް އެ ކުދިންގެ އާއިލާތަކުން ގެންދަނީ ސިއްރުކުރަމުންނެވެ. ކައިވެނީގެ ނަމުގައި ކުދިން ހަވާލުކުރަނީ ގިނަ ފަހަރަށް މަންމަ އާއި ބައްޕަ އަށް ވެސް އެނގިގެންނެވެ. މުއައްސަސާތަކުން އެދުމުން، މައުލޫމާތު ހިއްސާކޮށްފައި ނުވާ ކޭސްތައް ވެސް އެބަ ހުއްޓެވެ. އެހެންކަމުން އަނިޔާ ލިބުނު ކުދިންގެ އަދަދު ފަހަކަށް ވުރެން އިތުރުވުން އެކަށީގެންވެ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ފެންމަތިވި އެ ފަސް މައްސަލައިގެ ތަހުގީގުގައި މިނިސްޓްރީން ހަރަކާތްތެރިވީ ފުލުހުންނާ އެކުގަ އެވެ.
"އެ ކުދިން ވަނީ ރައްކާތެރި މާހައުލުތަކަށް ބަދަލު ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.
ކައިވެނީގެ ނަމުގައި ޖިންސީ ގޯނާކުރުން ފަދަ ދީނީ ހަރުކަށި ވިސްނުމުގެ ތެރެއިން ހިނގާ ކަންކަމަކީ އިޖުތިމާއީ މައްސަލަތަކެއްގެ ގޮތުގައި ބައެއް މީހުން ގަބޫލުނުކޮށް ވަރިހަމަ ސަގާފަތެއް ގެންގުޅުމަކީ ވެސް މިކަންކަން ހުއްޓުވަން ކުރިމަތިވާ ގޮންޖެހުމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިބްރާހިމް ވިދާޅުވީ ހައްދުހަނައަޅާފައިވާ ވިސްނުމުގައި ހިންގާ ބައެއް އަމަލުތައް މުޖުތަމައަށް ނުރައްކަލަކަށް ވެފައިވާ އިރު، ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަނިޔާގެ އަމަލުތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ. ކައިވެނީގެ ނަމުގައި ޖިންސީ ގޯނާ ނުވަތަ ރޭޕްކުރުމުގެ މައްސަލަތަކުގެ އަދަދު އާއްމުކުރީ އެ ކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުވަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދީނުގެ ނަމުގައި ހިންގާ އަނިޔާގެ އަމަލުތަކަށް މިނިސްޓްރީން ގެންގުޅެނީ ޒީރޯ ޓޮލަރެންސް. މި ބާވަތުގެ އަމަލުތައް ހުއްޓުވަން ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ،" އިބްރާހިމް ވިދާޅުވި އެވެ.
ހައްދުފަހަނައަޅާ ދިއުމުގެ ފިކުރާ ދެކޮޅަށް މިދިޔަ އަހަރު ސަރުކާރުން ގިނަ މަސައްކަތްތަކެއް ފެށުމުން، ގިނަ މައްސަލަތަކެއް މިދިޔަ އަހަރު ހުށަހެޅި ކަން އޭނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި، ވެކްސިން ނުދިނުމާއި ތައުލީމުން މަހްރޫމްކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓް ނުހެއްދުން ފަދަ ގިނަ މައްސަލަތައް ހިމެނެ އެވެ.
ހަރުކަށި ފިކުރާ ގުޅުން ހުރި މި މައްސަލަތަކަށް ހައްލު ހޯދަން ސިޔާސަތުތައް އެކަށައެޅުމަށް ނެޝެނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)އާ އެކު ގާތުން މަސައްކަތްތަކެއް ޖެންޑާ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. ހައްލު ހޯދުމުގެ ގޮތުން، އެއް ކަމަކަށް، ނެޝަނަލް އެކްޝަން ޕްލޭނެއް އަންނަނީ އެކުލަވާލަމުންނެވެ.
އޭގައި، ހައްދުފަހަނައަޅާފައިވާ ފިކުރުގެ ތެރެއިން ކުދިންނަށް ކުރިމަތިވާ އަނިޔާގެ މައްސަލަތައް ހުއްޓުވަން އެކި މުއައްސަސާތަކުގެ ދައުރު ކަނޑައަޅާ ގޮތަށް ވަނީ ނިންމައިފަ އެވެ.
"މި ބާވަތުގެ މައްސަލަތައް ހިނގާ ސަބަބުތައް ދެނެގަނެ، އެ ކަންކަމަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދެން. މީގެ އިތުރުން މިކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ސޯޝަލް ވޯކަރުންނާއި ކެއާ ވޯކަރުންނަށް އަމާޒުކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގަން ވެސް ވަނީ ޝެޑިއުލްކުރެވިފައި،" އިބްރާހިމް ވިދާޅުވި އެވެ.
ރ. މަޑުއްވަރީ އަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ވަނީ 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައެއް ފެންމަތިވެފަ އެވެ. އެ ކުއްޖާ އާއި އޭނާގެ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ރޭޕްކުރި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.
ޓެސްޓުތަކަށް ފަހު ކުޑަ ކުއްޖާ ދޫކޮށްލައިފި
ކުއްޖާގެ މަންމަ އަށް ޖިންސީގޯނާ ކުރި ކަމުގެ ތުހުމަތު!
ކުއްޖާ އަށް ކޮށްލާފައި އޮތްވަރުން ޑޮކްޓަރަށް ރޮވުނު!
ރޭޕް މައްސަލަ ރަނގަޅަށް ބަލަން ރައީސް އެދިވަޑައިގެންފި
ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ހައްމާދު ހައްޔަރުކޮށްފި
ރޭޕްކޮށް، 13 އަހަރުގައި ވިހެއުން: ހުސް އިހުމާލު!
16 އަހަރުގައި "ވިއްކާލި" ދަރިފުޅަށް އަދިވެސް އަނިޔާ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ކުއްޖާގެ ރޭޕްގެ ތުހުމަތުގައި ޅިޔަނަށް ދައުވާ އުފުލައިފި
ކުއްޖާ އެބޯޓްކުރީ ޑޮކްޓަރުންގެ ލަފައާއެކު